ލިންކް ރޯޑުގެ ރުއްތައް ކަނޑައިލީ ދުވަސްވެ ކުނި އެޅޭތީ: މޭޔަރު

އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހުރި ރުއްތަކެއް ކަނޑައިލީ، އެއީ ގިނަ ދުވަސްވީ ރުއްތަކަކަށް ވެފައި، އެ ރުއްތަކުގެ ސަބަބުން މަގުމައްޗަށާއި އެއްގަމު އުޅަނދުތަކަށް ކުނި އެެޅޭތީ ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މޭޔަރު ނިޒާރު ވިދާޅުވީ، އެ ރުއްތަކުން ކުނި އެޅުމުގެ ސަބަބުން އެ ސަރަހައްދުން ދަތުރުކުރާ ރައްޔިތުންނަށް އުނދަގޫވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެގޮތުން މީހުންގެ ސައިކަލުތަކާއި ކާރުތަކަށް ވެސް ކުނި އެޅޭކަމުގެ ޝަކުވާ ލިބިފައިވާކަން ފާހަގަކުރައްވައިފައިވެއެވެ.
މިކަމާ ގުޅޭގޮތުން މޭޔަރު އިތުރަށް ވިދާޅުވީ، ޖުމްލަ 50 ރުއް ލިންކް ރޯޑުން މިހާރު ނަގައިފައިވާ ކަމަށެވެ.
އެގޮތަށް އަމަލު ކުރަން ޖެހުނީ އެ ރުއްތައް ބޮޑުވެގެން ގޮސް ސާފުކުރަން ރުކަށް ނޭރޭ މިންވަރަށް ދިގުވުމުންކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
"ދެން މިހާރު ދުވަސްވެ، ދިގުވެގެން ގޮސް އެ ރުއްތަކުން މުޅި މަގަށް ކުނި އެޅެމުންދާތީވެ އަޅުގަނޑުމެން ކައުންސިލުން ރުއްތައް ކަނޑަން ނިންމީ،" މޭޔަރު ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑުގައި ހުރި ރުއްތައް ކަނޑައިލުމާ ގުޅިގެން އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި އެ ރުއްތަކަކީ އައްޑޫ ލިންކް ރޯޑުގެ އެންމެ ޗާލު އެއް ސިފައެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން މޭޔަރު ނިޒާރު ވިދާޅުވީ އެ ސަރަހައްދުގައި އައު ރުއްތަކެއް އިންދާނެ ކަމަށާއި ކައުންސިލުގެ ފަރާތުން މިހާރު ވެސް 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިޔަށްދާކަމަށެވެ.