ޚަބަރު

ރަޝީދުގެ ކަންބޮޑުވުން: އަދަބު ލުއިކޮށްދިނަސް، ކުށުގެ ރިކޯޑު ސާފުނުވާ ނަމަ ވަޒީފާއެއް ނުލިބޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރެވުނު ކުށުގެ ބާކީ 23 ދުވަސް ފުރިހަމަ ކުރަން ޖެހުނު، ޅ. ނައިފަރުގެ މިސްކިތެއްގައި ވޭޖް އުސޫލުން މަސައްކަތް ކުރަމުން ދިޔަ އިބްރާހިމް ރަޝީދުގެ އަދަބުން ބައެއް ލުއިކޮށްދީފިއެވެ.

Ads by Sosun Fihaara

އިބްރާހިމް ރަޝީދުއަކީ މީގެ 9 އަހަރު ކުރިން އޭނާއަށް ކުރެވުނު ކުށެއްގެ ސަބަބުން ޖަލު ހުކުމެއް އައި މީހެކެވެ.

ހުކުމް ތަންފީޒުކޮށް ނިންމުމަށް އެންމެ 23 ދުވަހަށްވެފައި ވަނިކޮށް ޑްރަގް ކޯޓުގެ ދަށުން ނޭޝަނަލް ޑްރަގް އޭޖެންސީއާ އޭނާ ހަވާލު ކުރިއެވެ. އަދި ފަރުވާ ފުރިހަމަ ކުރުމަށް ކ. ހިންމަފުށީ ރީހެބިލިޓޭޝަން ސެންޓަރަށް ފަރުވާކޮށް ނިމުމުން 21 އޮކްޓޯބަރ 2015ގައި ޑްރަގް ކޯޓުން އެއްވެސް ޝަރުތަކާ ނުލައި އިބްރާހިމް ރަޝީދު މިނިވަން ކުރަން ހުކުމް ކުރިއެވެ.

ނަމަވެސް އޭނާގެ ކުށުގެ ރިކޯޑެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ނެގުމުން، އޭގައި ފެންނަން އޮތީ، ރަޝީދުގެ މައްސަލައެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ނުނިމި އޮތް ކަމަށެވެ. އެކަމާ ގުޅިގެން އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ވެސް އޭނާއަށް ގެއްލުނެވެ. މީގެ އިތުރުން ހުކުމުގެ ނުނިމި އޮތް 23 ދުވަސް ފުރިހަމަ ކުރަން ޖެހޭކަން ވެސް ހާމަވެގެން ދިޔައެވެ.

ޑްރަގް ކޯޓުން މިނިވަން ކުރި މީހެއްގެ ނުނިމި އޮތް މައްސަލައަކީ ކޮބައިތޯ "ދެން"އިން އެއިރު ސުވާލު ކުރުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ތަރުޖަމާނު އަހުމަދު ނަސީމް ވިދާޅުވީ އިބްރާހިމް ރަޝީދަށް ޑްރަގް ކޯޓުން ހުކުމް ކުރީ އެހެން މައްސަލައެއްގައި ކަމަށެވެ.

"އެ ހުކުމަށް ފަރުވާއަށް އޭނަ ފޮނުވީ. އެހެންވީމަ ވާގޮތަކީ ފަރުވާއަށް ދާ ހިސާބުން ފެށިގެން ހުއްޓިފައި އޮންނާނީ ތަންފީޒު ކުރަމުން ދިޔަ ހުކުމް. އެހެންވީމަ ޑްރަގް ކޯޓުން އޭނަ މިނިވަން ކުރިޔަސް ކުރިން ތަންފީޒު ކުރަމުން ދިޔަ ހުކުމް އޮންނާނެ" ނަސީމް ވިދާޅުވިއެވެ.

ރަޝީދު މިއަދު "ދެން"އަށް މައުލޫމާތު ދެމުން ބުނީ ރައީސް އޮފީހުން އިއްޔެ އޭނާއަށް ގުޅި ކަމަށާއި، ގުޅައިފައި ވިދާޅުވީ އޭނާގެ ހުކުމް މާފު ކޮށްދެވެން ނެތް ނަމަވެސް އޭނާގެ އަދަބުން 20 ދުވަސް ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވައިފައިވާ ކަމަށެވެ.

ބާކީ އޮތް ތިން ދުވަހު ހުކުމް ތަންފީޒު ކުރާނެ ގޮތަކާ މެދު ކަރެކްޝަންސްއާ މަޝްވަރާ ކުރުމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކަރެކްޝަންސްއިން މިއަދު ރަޝީދުއަށް ގުޅި ކަމަށާއި ދެއްވީ ދެ އިޚްތިޔާރެއް ކަމަށް އިބްރާހިމް ރަޝީދު ބުންޏެވެ. އެގޮތުން ކަރެކްޝަންސްއިން ވިދާޅުވީ، ހުކުމުގެ ބާކީ ތިން ދުވަސް މާލޭ ޖަލުގައި ހޭދަ ކުރުމަށް ނުވަތަ ރަށުގައި ގޭބަންދުގައި ހޭދަ ކުރުމަށެވެ. ރަޝީދު ނިންމެވީ ރަށުގައި ގޭ ބަންދުގައި ހުކުމް ތަންފީޒު ކުރާށެވެ.

"މައްސަލައަކީ ހުކުމުގެ 23 ދުވަސް ތަންފީޒު ކުރަން ޖެހޭތީއެއް ނޫން. އެ 23 ދުވަސް ތަންފީޒު ކުރީމައި މި އޮންނަ ފަސް އަހަރު ކުށުގެ ރިކޯޑު ސާފު ނުވެ އޮންނާނީ. އެހެންކަމަށްވާ ނަމަ އަޅުގަނޑަށް ވަޒީފާ ލިބުމުގައި ދަތިތަކާ ކުރިމަތިވާނެ" އިބްރާހިމް ރަޝީދު ބުންޏެވެ.

މިހާރު ބާކީ އޮތް ދުވަސްތަކަށް އިބްރާހިމް ރަޝީދު ހުކުމް ތަންފީޒު ކުރަން ފަށާނެ ދުވަހެއް މިއަދު ނޫނީ އާދީއްތަ ދުވަހު ނައިފަރު ކައުންސިލުން އަންގާނެ ކަމަށް ވެސް ރަޝީދު ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!