މުޅި އިސްލާމީ އުންމަތާ ދިވެހިރާއްޖެ ވަނީ އެކަހެރިވެފައި: ރައީސް ޔާމީން

މިއަދު ރާއްޖޭގެ ޚާރިޖީ ސިޔާސަތު ގެންގުޅެމުންދާ ގޮތުން ދިވެހި ރާއްޖެއާ މުޅި އިސްލާމީ އުންމަތް އެކަހެރި ވެފައިވާކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މި ފަދައިން ވިދާޅުވީ އިދިކޮޅު ޕީޕީއެމްއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްދާ "އިންޑިއާ އައުޓް" ކެންޕެއިންގެ ތެރެއިން މިއަދު އދ. މަހިބަދޫގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ މިއަދު ރާއްޖޭގައި ރައްޔިތުންގެ މަސްހަލަތު ހިފަހައްޓައިދޭނެ ސިޔާސީ މީހަކު ނެތް ކަމަށާއި އެ ގޮތުން ވިޔަފާރި ކުރާ ސިޔާސީ މީހެއް ނަމަ އެމީހެއްގެ އެކައުންޓައް ހުރީ ސްޓޭޓް ބޭންކު އޮފް އިންޑިއާގައި ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ތިބެގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ބޮޑު ނޮހޮރޮއްޕާނެއް. ދިވެހިރާއްޖޭގެ ވެރިކަމުގައި އެއްވެސް ބާރެއް ނެތް. އިންޑިއާއަކަށް ދިވެހިރާއްޖެއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް. މިތަނަކު އިންޑިއާ ސިފައިން ތިބޭކަށް ނުޖެހޭ” ރައީސް ޔާމީން ވިދާޅުވިއެވެ.މީގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތު ގެންގުޅެމުންދާ ގޮތުން ދިވެހިރާއްޖެއާ މުޅި އިސްލާމީ އުންމަތް އެކަހެރި ވެފައިވާކަމަށާއި އިންޑިއާއިން އެޤައުމުގައި ދިރިއުޅޭ މުސްލިމު އަޚުންނާ މެދު އަމަލު ކުރަމުންދާ ގޮތާ މެދު މުޅި އިސްލާމީ އުއްމަތް ދެކޮޅު ހަދަމުންދާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
”އިސްލާމީ އުންމަތް ރާއްޖެ މިއޮތީ އެކަހެރިވެފައި. އިންޑިއާއިން އެ ޤައުމުގައި ދިރިއުޅޭ މުސްލިމު އަޚުންނާ މެދު އަމަލު ކުރަމުންދާ ގޮތާ މެދު މުޅި އިސްލާމީ އުއްމަތް ދެކޮޅު ހަދަމުންދާނެ” ރައީސް ޔާމީން ވިދާޅުވިއެވެ.






ކޮމެންޓް