ލައިފްސްޓައިލް

ވަހުގެ ޒަރީއާއިން ހިންޏަށް ވެސް ކެންސަރު ދެނެގަނެވޭ: ދިރާސާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންސާނުންގެ ގައިން ކެންސަރު ދެނެގަތުމަށް ތަމްރީނު ކޮށްފައިވާ ކުއްތާތަކުގެ ވާހަކަ ގިނަ ބަޔަކަށް އެނގިފައި އޮވެދާނެއެވެ. އެކަމަކު މިފަހަރު އެ މަސައްކަތް ކުރަނީ ހިނިތަކެކެވެ. ސައިންސްވެރިންގެ ޓީމަކުން ހޯދައިފައިވާ ގޮތުގައި ކެންސަރުގެ ސެލްތައް ދެނެގަތުމަށް ހިނީގެ ވަސް ދުވުމުގެ ހިއްސުގެ ބޭނުން ކުރެވިދާނެއެވެ.

Ads by MWSC

މި ދިރާސާ ކުރި ފަރާތުން ބޭނުންކޮށްފައި ވަނީ ފުސްކާ ހިނި ނުވަތަ ސިލްކީ ހިނީގެ ނަމުން މަޝްހޫރު ހިނީގެ ބާވަތެކެވެ.

މި ހިނިތައް ތަމްރީންކޮށްފައި ވަނީ ރިވޯޑް ސިސްޓަމެއްގެ ތެރެއިންނެވެ. އެއީ އާއްމުކޮށް ޖަނަވާރުން ތަމްރީނު ކުރާ ގޮތެވެ. ރިވޯޑް ސިސްޓަމްގެ މާނައަކީ ބޭނުންވާ ނަތީޖާ ނެރެދޭ ފަރާތަށް ހަދިޔާއެއްދީ ހިތްވަރުދޭ ސިސްޓަމެކެވެ.

ފަރަންސޭސި ވިލާތުގެ ނެޝަނަލް ސެންޓާ ފޯ ސައިންޓިފިކް ރިސާޗް (ސީއެންއާރުއެސް)އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މަދު މިނިޓްކޮޅެއްގެ ތަމްރީނުތަކަށް ފަހު، ދުޅަހެޔޮ އިންސާނުންގެ ސެލްތަކާއި ކެންސަރު ޖެހިފައިވާ އިންސާނުންގެ ސެލްތަކާ ތަފާތު ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމެށެވެ. އަދި ހިނިތައް އެކަން ކުރަނީ ވަސް ބަލައިގެން ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ކެންސަރު ސެލް ލައިންގެ ތަފާތު ދެ ވައްތަރެއްގެ ތަފާތު ކުރުމުގެ ގާބިލްކަން ވެސް މި ހިނިތައް ވަނީ ހޯދައިފައެވެ.

ދިރާސާކުރާ ފަރާތްތަކުން ދަނީ އަވަހަށް އަދި ހަރުދަނާ ގޮތެއްގައި ކެންސަރު ދެނެގަނެވޭނެ ގޮތްތައް ހޯދަމުންނެވެ. މީގެ ތެރެއިން އެއް ގޮތަކީ ޖަނަވާރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ މީހުން ދެނެގަތުމެވެ. މިހާރު ވެސް ބައެއް ޤައުމުތަކުގައި ޚާއްސަ ތަމްރީނެއްއް ދީފައިވާ ކުއްތާތައް ކެންސަރު ދެނެގަތުމުގެ މަސައްކަތް ކުރެއެވެ.

ސީއެންއާރުއެސްއިން ބުނެފައި ވަނީ ޖަނަވާރުންގެ ބަދަލުގައި މިކަމަށް ސޫފި ބޭނުން ކުރުމަކީ ޚަރަދަށް ބަލާއިރު ވެސް ފަސޭހަ ކަމެއް ކަމަށެވެ.

"އަހަރެމެންގެ ހޯދުންތަކުން ދައްކާ ގޮތުގައި އިންސާނުންގެ ކެންސަރުގެ ބައޮމާކްތައް ދެނެގަތުމަށް ސޫފި ބޭނުން ކުރުމަކީ އެހެން ޖަނަވާރުތައް ބޭނުން ކުރުމަށް ވުރެ ފީސިބަލް، އަވަސް، އަދި މަސައްކަތްތެރިކަން ކުޑަ ކަމެއް،"

ސީއެންއާރުއެސް ފަރާތްތަކުން ދެކޭ ގޮތުގައި މަސްތުވާތަކެއްޗާއި، ބޮން ފަދަ ތަކެތި ދެނެގަތުގެ ޤާބިލުކަން ވެސް ހިންޏަށް ލިބިގެންވެއެވެ. މި ދިރާސާ ކާމިޔާބު ކުރެވިއްޖެ ނަމަ، ކުއްތާ ފަދަ ޖަނަވާރުތަކަށް ޓްރެއިނިން ދީގެން ގެންގުޅެން ޖެހޭ ޚަރަދު ބޮޑުތަނުން ކުޑަވާނެ ކަމަށް ދިރާސާ ކުރި ފަރާތުން ހާމަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!