ޚަބަރު

އަންހެނުންގެ ގަޔަށް ވަޅިހެރި ކަމަށް ބުނާ އިންޑިއާ މީހާގެ މައްޗަށް ދައުވާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކްރިމިނަލް ކޯޓް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އަންހެނުންގެ ގަޔަށް ވަޅިހެރި ކަމަށް ބުނާ އިންޑިއާ މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފޮނުވައިފިއެވެ.

Ads by STELCO

މ. ރިހިވިދުވަރުގޭގެ ދެވަނަ ފަންގިފިލާގައި ދިރިއުޅެމުން ދިޔަ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނި އޭނާގެ އަންހެނުންގެ ގަޔަށް ވަޅިއަކުން ހަމަލާދީފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަދި ތަރުޖަމާނު އަޙްމަދު ޝަފީޢު މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސްރިނިވަސަން އޭނާގެ އަނބިމީހާއަށް ހަމަލާދިން މައްސަލައިގައި އޭނާގެ މައްޗަށް ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 9ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ކުރުމަށް 10 މާރިޗު 2022 ގައި ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ޝަފީޢު ވިދާޅުވީ ސްރިނިވަސަން މިހާރު ހުރީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަންދުގައި ކަމަށެވެ.

މި މައްސަލައިގައި 10 މާރިޗު 2022 ވަނަ ދުވަހު ބޭއްވުނު ބަންދު އަޑުއެހުމުގައި ދައުލަތުން އެދުނީ ސްރިނިވަސަން ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށެވެ. ނަމަވެސް ކޯޓުން ބަންދަށް ދެއްވީ އެންމެ 10 ދުވަސްކަން ޕީޖީ އޮފީހުން ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމާ މެދު މައްސަލަ ބައްލަވާ ޤާޟީ ފަހުން ގޮތެއް ނިންމަވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!