ދައުވާތައް ބާތިލު ކޮށްދިނުމަށް އާޒިމާ އެދިވަޑައިގެންފި
ގއ.ވޮޑަމުއްލާގެ މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާ ވެސް ބާތިލްކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ދައުލަތުން އާޒިމާގެ މައްޗަށް އުފުލައިފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ދައުލަތުން ވަނީ އަނެއްކާ ވެސް އެ ދައުވާތައް އިއްވަައިފައެވެ. އެގޮތުން ދައުލަތުން އާޒިމާގެ މައްޗަށް އުފުލައިފައި ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ.
އާޒިމާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ރައީސް ޔާމީނަސް ތުހުމަތު ކުރި މަނީ ލޯންޑްރިންގެ މައްސަލައިގައި އެ ހިޔާނާތް ހިންގުމަށް މަގުފަހިކޮށްދިން ކަމަށެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާ ދެއްވާފައިވާ ކަމަށް ވެސް ދައުލަތުން ބުނެއެވެ. ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހިންގި ތަހުގީގަށް ހަގީގަތާ ހިލާފު މައުލޫމާތަކެއް އާޒިމާ ދެއްވާފައިވާތީ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
މިއަދުގެ އަޑުއެހުމުގައި ދައުވާތައް އިއްވުމުން އާޒިމާ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފައެވެ.އަދި ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފައި ވާތީ އާޒިމާގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ވެސް ބާތިލްކުރަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ އޭސީސީއަށް ލަފާ ދެނީ ބަންޑާރަނައިބް ކަމަށާއި، އޭނާއަކީ އޭސީސީއަށް ލަފާދެވޭނެ މީހެއް ނޫން ކަމަށެވެ. އަދި އެފަދަ ލަފައެއް ދީފައި ނުވާނެކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.