އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަށް ސަރުކާރުގެ ނުފޫޒު އެބައޮތްް ކަމަށް އެ މަގާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
އިންތި މިފަދައިން ވިދާޅުވީ ކެމްޕެއިން ދަތުރެއްގައި އިއްޔެ ގދ. ތިނަދުއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އިންތި ވިދާޅުވީ ބައެއް ބައެއް ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކުން މި އިންތިހާބާ ގުޅިގެން ކެމްޕެއިން ކުރަމުންދާ ކަމަށެވެ. އަދި އެމީހުން ކެމްޕެއިންގައި އެކި ކަންތައްތައް ކުރަމުންދާ ކަމަށާއި އިންޒާރު ވެސް ދީފައި އެބަހުރި ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ އެމްޑީޕީ ބިނާކުރަން ބޭނުންވި އުސޫލަކީ މިއީ ނޫން ކަމަށާއި އެހެން ނަމަވެސް މިއަދުގެ ހަގީގަތަކީ އެއީ ކަމަށެވެ. އަދި އެމްޑީޕީއަކީ ސަރުކާރު ހިންގާ މައި ޕާޓީއަށް ވުމާ އެކު މިއީ މި ޕާޓީގެ ހަގީގީ ރޫހާއި އިތުބާރު ދަމަހައްޓަން ލިބިފައި އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށް ވިދާޅުވިއެވެ.
“އެމްޑީޕީގެ ހަގީގީ ރޫހު ދަމަހައްޓައި މި ޕާޓީއާ ދޭތެރޭ އެ އިތުބާރު ދެމެހެއްޓުމަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ އަޅުގަނޑު ދެކޭ ގޮތުގައި މިހާރު ލިބިފައި މި އޮތް ފުރުސަތު. އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރެއް މި އޮތީ. އަދި އަޅުގަނޑުމެން އެމްޑީޕީގެ ސުޕަމެޖޯރިޓީއެއް މިވަނީ ލިބިފައި” އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ މިހާރު ފެންނަމުން ދަނީ މި ޕާޓީ ބިނާވެގެންވާ އަސާސްތަކާއި އުސޫލުތައް އަދި ފަލްސަފާތައް އެންމެ އެދޭ ގޮތް ނޫން ގޮތާ ވަރަށް ދުރަށް ދާތަން ކަމަށެވެ.
“އަޅުގަނޑުމެން ނުހަނު ލޯބިވާ އަޅުގަނޑުމެން ހިތުގެ ފުންމިނުން ލޯބިވާ މި ޕާޓީ ބިނާވެގެންވާ އަސާސްތައް، އުސޫލުތައް އަދި ފަލްސަފާތައް އަޅުގަނޑުމެން އެންމެ އެދޭ ގޮތަކަށް ނޫން ގޮތާ ވަރަށް ދުރަށް ދާތަން އެބަފެނޭ،" އިންތި ވިދާޅުވިއެވެ.