ވިޔަފާރި

އަގުހުރި އިނާމުތަކާ އެކު އުރީދޫ މަސްރޭހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އުރީދޫ މޯލްޑިވްސް އިން މީގެ ކުރިން ބޭއްވި މަސް ރޭހުގެ އިނާމު ދިނުމުގެ ހަފްލާގެ ތެރެއިން

އުރީދޫ މަސްރޭހުގެ 11ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން މިއަދު ހުޅުވައިލައިފިއެވެ.

Ads by MWSC

މި އިވެންޓްގައި ބައިވެރިވެވޭނީ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓްގައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އުރީދޫން މައުލޫމާތު ދެއެވެ.

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫ މޯލްޑިވްސްއިން ބާއްވާ މަސްބޭނުމުގެ މުބާރާތެކެވެ.

މި މަސްބޭނުމުގެ މުބާރާތަށް ވަނީ ބޮޑު ތަރުހީބެއް ލިބި ދިވެހިންގެ ރޯދަމަހުގެ ބަޔަކަށްވެފައެވެ. ރައްޓެހިންނާއި އާއިލާ މެންބަރުން އަދި އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ ރައްޓެހިންނާ އެކު ޓީމް ހަދައިގެން އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމަށް ކުރެވޭނެ ކަމަކަށްވެފައެވެ. މުޅި ރޯދަމަހަށް ބަހައިލެވިގެން ކުރިޔަށް ގެންދާ މި މުބާރާތަކީ އާއްމުކޮށް ފަރު މަސް ބާނާ މުބާރާތެކެވެ.

"ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މަސްރޭސްގެ 11ވަނަ ސީޒަން އަޅުގަނޑުމެން މި އިއުލާން ކުރީ ނުހަނު އުފަލާ އެކު އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މަސްބޭނުމަށް ޝައުގުވެރިވާ ފަރާތްތަކާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގްސަދުގައި. މަސް ރޭސް މިވަނީ ރައްޓެހިންނާއި އާއިލާ އަދި އެކުގައި މަސައްކަތް ކުރާ ބޭފުޅުންނާ އެކު ރަމަޟާން މަހުގެ ތެރޭގައި ގުޅުންބަދަހިކޮށް ރަގަޅު ވަގުތުތަކެއް ހޭދަކުރުމުގެ ގޮތުން ކުރެވިދާނެ ކަމަކަށްވެފައި. މަސްރޭހުގައި ބައިވެރިވުމަށް އަބަދުވެސް އަޅުގަނޑުމެންނަށް ރިކުއެސްޓް ލިބޭ. އެހެންކަމުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ރައްކާތެރި މާހައުލެއްގައި އުރީދޫ މަސްރޭސް 2022 ބޭއްވޭކަމީ އަޅުގަނޑުމެން ވަރަށް އުފާކުރާކަމެއް. މަސްވެރިކަމަކީ އެންމެ ކުރީއްސުރެ ދިވެހިންގެ ސަގާފަތުގެ ވަރަށް ބޮޑު ބައެއް، އެހެންކަމުން ހުރިހާ ޒުވާނުން ވެސް މިސަގާފަތް ދިރުވާ، އާލާކޮށް ދެމެހެއްޓުމަށް މަސްރޭހުގެ މި ފޯރީގައި ބައިވެރިވާނެ ކަމަށް އުންމީދުކުރަން. ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރުތަކާ އެއްގޮތަށް، މި އަހަރުގެ މަސްރޭސް ކާމިޔާބުކުރާ ޓީމްތަކަށް ވެސް، އުރީދޫއާއި މަސްރޭހުގެ ޕާޓްނަރުންގެ ފަރާތުން އަގުހުރި އިނާމްތަކެއް ވަނީ ހުށަހަޅައިފައެވެ.

މުޅި މުބާރާތުން ހޮވާ ވަނަތަކާއި ލިބޭ އިނާމުތަކަކީ:

• އެއްވަނަ ހޯދާ ޓީމަށް 50،000 (ފަންސާސް ހާސް ) ރުފިޔާ
• އެންމެ ގިނަ މަސް ބޭނި "މުބާރާތުގެ މަސްވެރިޔާ" އަށް 5000 (ފަސް ހާސް ) ރުފިޔާއާއި ރަންކޯރި
• އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 (ފަސް ހާސް) ރުފިޔާ

އުރީދޫ މަސްރޭސް، ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތައް ފިޔަވައި، ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފައި ވަނީ 1 މޭ 2022ގައެވެ. މަސްރޭސް އޮންނަ ދުވަސްތަކުގައި މަސް ބޭނުމުގެ ހަރަކާތްތަކަށް ފަހު އުސްފަސްގަނޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑުބެރުގެ އިތުރުން ވަނަތައް ކާމިޔާބު ކުރި ފަރާތްތަކަށް އިނާމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވީހައި ވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އުރީދޫއިން ދައުވަތު އަރުވައެވެ.

ސަރުކާރު އޮފީސްތަކާ، ޕްރައިވެޓް ކުންފުނިތަކުން އަދި އާންމު ރައްޔިތުން ވެސް ޓީމްތައް އުފައްދައިގެން މަސްރޭހުގެ މި ފޯރިގަދަ ސީޒަންގައި ބައިވެރިވުމަށް އުރީދޫ މޯލްޑިވްސްއިން ދައުވަތު އަރުވައެވެ. މަސްރޭހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 23 މާރިޗް 2022ގެ ކުރިން އުރީދޫ މޯލްޑިވްސް ވެބްސައިޓްގައިވާ ޕޯޓަލް މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ.
ރެޖިސްޓަރ ވުމަށް: https://www.ooredoo.mv/masrace

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!