ދުނިޔެ

ހޮންގްކޮންގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް ރައްކާކުރަނީ މުދާ ޖަހާ ކޮންޓެއިނަރުތަކުގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހޮންގްކޮންގްގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ ހަށިތައް ފިނިކުރި ޝިޕިން ކޮންޓެއިނަރުތަކުގައި ރައްކާކުރަމުންދާ ކަމަށް ބޭރުގެ ޚަބަރުތަކުން ބުނެފިއެވެ.

Ads by Sosun Fihaara

އޭއެފްޕީން ބުދަ ދުވަހު އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ރައްކާތެރި ހެދުމުގައި މަސައްކަތް ކުރާ މަސައްކަތްތެރިން، ހޮންގްކޮންގްގެ މޯޗަރީއެއްގައި ފިނިކޮށްފައި ހުރި ހަށިތައް ކޮންޓެއިނަރުތަކެއްގެ ތެރެއަށް ވައްދާ މަންޒަރު ފެނެއެވެ.

އެ ގައުމުގައި ފާއިތުވީ ތިން މަސް ދުވަހުގެ ތެރޭގައި 4،600އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. އަދި މިލިއަނަކާ ގާތްކުރާ އަދަދަކަށް މީހުންނަށް ބަލި ޖެހިފައިވެއެވެ.

ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން ހޮންގްކޮންގްގެ މޯޗަރީތައް ވަނީ ފުރިފައެވެ. އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މޯޗަރީގައި ބާކީ އޮތީ އެންމެ 300 މީހުންގެ ޖާގަ ކަމަށާއި މި ހަފުތާ ބަންދުގައި އެ ޖާގަތައް ވެސް ފުލްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮވިޑްގެ ސަބަބުން ހޮންގްކޮންގގެ ސިއްހީ ނިޒާމަށް ބުރަބޮޑުވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ތެރެއިން ގިނައީ ވެކްސިން ނުޖަހާ ތިބި އުމުރުން ދުވަސްވީ މީހުން ކަމަށް ރިޕޯޓުތަކުން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!