ޚަބަރު

ސްޓެލްކޯގެ އޮންލައިން ޚިދުމަތްތަކަށް ދިން ހަމަލާގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ސްޓެލްކޯ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ސްޓޭޓް އިލެކްޓްރިކަލް ކޮމްޕެނީ (ސްޓެލްކޯ)ގެ އޮންލައިން ހިދުމަތްތަކަށް ދިން "ރެންސަމްވެއާ އެޓޭކް"ގެ މައްސަލަ ތަހުގީގު ކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްގައި އެދިއްޖެއެވެ.

Ads by Sosun Fihaara

ސްޓެލްކޯގެ އެޕްލިކޭޝަނާއި އީޕޭގެ ހިދުމަތްތަކަށް ރެންސަމްވެއާ އެޓޭކެއް ދީފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އޭގެ ފަހުން އެކަން ރަނގަޅުކޮށް އިއްޔެ އަލުން ވަނީ އެ ޚިދުމަތް ދޭން ފަށައިފައެވެ.

އެ ކުންފުނީގެ ސާވަރއަށް ދިން ރެންސަމްވެއާ ހަމަލާއާ ގުޅޭ ގޮތުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ސްޓެލްކޯ އިން ބުނެފައި ވަނީ، އެ ހަމަލާއެއް ދިނުމާ ގުޅިގެން ސްޓެލްކޯގެ އައި.ޓީ ނެޓްވާރކް މެދުވެރިކޮށް ދޭ ޚިދުމަތްތަކާ އެކު އެ ކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ޚިދުމަތްދޭ ކައުންޓަރުތަކުން ދެމުންދާ ޚިދުމަތްތައް 24 މާރިޗް 2022އިން ފެށިގެން މެދުކެނޑުން ކަމަށެވެ. އަދި މިހަމަލާގެ ސަބަބުން އެ ކުންފުނީގެ އައިޓީ ނެޓްވޯރކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން، ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ކަސްޓަމަރުންނަށް ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަން ވެސް ސްޓެލްކޯއިން ވަނީ ހިތާމައާ އެކު ފާހަގަކޮށްފައެވެ.

މި ހަމަލާގެ ސަބަބުން ދިމާވި މައްސަލަތައް އަދިވެސް އެއްކޮށް ރަނގަޅުކުރެވިފައި ނުވި ނަމަވެސް، މިހައި ތަނަށް ކުރެވުނު މަސައްކަތުން ކުންފުނީގެ ހެޑް އޮފީހުން ފޯރުކޮށްދޭ ޚިދުމަތަށް އެދި ފޯމް ހުށަހެޅުމާއި، ބިލްދެއްކުމުގެ ޚިދުމަތް ފެށިފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"މިހަމަލާގެ ސަބަބުން ދިމާވެފައިވާ އެންމެހައި މައްސަލަތައް ހައްލުކޮށް، މެދުކެނޑިފައިވާ އެންމެހައި ޚިދުމަތްތައް އަލުން ދިނުމުގެ މަސައްކަތް ކުންފުނިން މި ގެންދަނީ ކުރަމުން. އަދި މި މައްސަލަތައް ވީހައި ވެސް އަވަހަށް ޙައްލުކުރުމުގެ ގޮތުން ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކާއި މަޝްވަރާކުރެވި، އެފަރާތްތަކުގެ ލަފާއާއި އެހީތެރިކަމާ އެކު ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ. އަދި މި މައްސަލަ ބަލާ ތަޙްޤީޤުކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ހުށަހަޅާފައިވާކަން ވެސް މި ފުރުޞަތުގައި ފާހަގަކުރަން." ސްޓެލްކޯ އިން ބުނެފައިވެއެވެ.

މީގެ އިތުރުން ސްޓެލްކޯއިން ބުނީ، މި މައްސަލަ ހައްލުކޮށް އެ ކުންފުނިން ދެމުންގެންދާ ޚިދުމަތް ދެމެހެއްޓެނިވި އަދި އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި މި ހަމަލާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މަޢާފަށް އެދިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!