ވާހަކަ މުނިފޫހިފިލުވުން

ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" އެއްވެސް މީހަކު ރުހުނަސް ނުރުހުނަސް އަހަރެން މިއުޅެނީ........ ޝެރީ އާ ކައިވެނިކުރަން.. އަހަރެންނަށް އެނގޭ މިގޭ އެއްވެސް މީހެއްގެ ރުހުމެއް ނުލިބޭނެކަން.. އަހަރެންގެ ވާން އުޅޭ އަންހެނުންނަށް މިގެއިން ޖާގަ ނެތިއްޔާ އަހަރެންވެސް މިގެއަކު ނުހުންނާނަން.. ހިނގާ ދާން ޝެރީ..." ޝެރީންގެ އަތުގައި ހިފައިލަމުން އަދީމް ބުންޏެވެ. އަދީމް ޝެރީންގެ އަތުގައި ހިފައިލި މަންޒަރު ބަލަން ހުރި ޝަހާގެ ހިތުގެ އެތިކޮޅުތައް އެކި ދިމާލަށް ބުރައިގެން ދިޔަ ފަދައެވެ. އަދީމް ޝެރީންއާ އެކު ނިކުމެގެން ދާން ފެށުމުން ޝަހާއަށް ބާރަށް ރޮއެގަނެވުނެވެ. އެހިނދު މައިރާ އާއި ކަމީލާ ދެފަރާތުން އައިސް ޝަހާ ގައިގައި ހިފަހައްޓައިލިއެވެ.

Ads by STELCO

********************

އަދީމް ދިޔަތާ ހަފްތާއެއް ވެގެން ދިޔައިރުވެސް އެނބުރި ގެއަކަށް ނާދެއެވެ. އަދީމްއާ ބައްދަލުވޭތޯ އެތައް ގޮތަކުން ޝަހާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ޝެރީން އުޅޭ ގެކައިރިއަށް ދެވުނު އަދަދެއްވެސް ބުނަން ނޭނގެއެވެ. އެހެންނަމަވެސް ޝެރީން ޝަހާއަށް އަދީމް ފޮރުވައިގެން ގެންގުޅޭ ކަހަލައެވެ.

ޝަހާ އެނބުރި އޭނަގެ ގެއަކަށް ނުދިޔައެވެ. ކޮންމެވެސް ދުވަހަކުން އަދީމް އަންނާނެ ކަމުގެ އުއްމީދުގައި ޝަހާ އުޅެމުން ދިޔައީ އަދީމްގެ ގޭގައެވެ. ޝަހާ، މައިރާ، ކަމީލާ އަދި އަސްމާ އާއި ިކައުސަރު ވާހަކަ ދައްކަން ތިބީ މައިރާގެ ކޮޓަރީގައެވެ، އެމީހުން ވާހަކަ ދައްކަމުން ދިޔައީ އަދީމްގެ އުޅުމަށް ކުއްލިއަކަށް އައި ބަދަލާ މެދުގައެވެ.

" ކޮންމެ ގޮތެއް ވިޔަސް އަހަރެން ޤަބޫލެއް ނުކުރާނަން ޝެރީންގެ ބަނޑުގަ އެއީ އަދީމްގެ ދަރިއެއް ކަމަށް.." އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިން ޝަހާ ބުންޏެވެ.

" އެކަމަކު ޙުދު އަދީމްވެސް އެކަމަށް އެއްބަސްވި ދޯ.. އެކަމުގެ ހަޤީޤަތެއް ނެތް ނަމަ އަދީމް ކީއްކުރަން އެކަން އަމިއްލަ މީހާގެ ބޮލުގައި އަޅަންވީއެއް.." ކައުސަރު ބުންޏެވެ.

" އަދީމަށް އިތުބާރު ނުކުރުމުގެ ނަތީޖާ މިހާރު އެއްފަހަރު އަހަރެންނަށް ފެނިއްޖެ.. އަދީމްގެ ދުލުން ހާސްފަހަރު އެކަމަށް އެއްބަސްވިޔަސް އަހަރެން ޤަބޫލެއް ނުކުރާނަން.. ވަރަށް ބޮޑު ގޯހެއް އެބައުޅޭ.." ޝަހާ ބުނެލިއެވެ.

" އާނ ޝެރީނަކީ މީހަކު އިތުބާރު ކުރާ ވަރުގެ އަންހެނެއް ނޫން.. ނުބައި ރިޕޯޓެއް ދައްކައިގެން ބަނޑުބޮޑޭ ކިޔާފަ އޭނަ ދޮގުވެސް ހަދާފާނެ..." ފޫހިކަން އެކުލެވިފައިވާ ރާގެއްގައި އަސްމާ ބުންޏެވެ. އެހިނދު ބޭރުން ކޮންމެވެސް މީހަކު ސަލާމް ގޮވައިލި އަޑު އިވުނެވެ. ސަލާމް ބަލައިގަންނަމުން ކޮޓަރިން ނިކުތީ ކަމީލާއެވެ. ގޭ ދޮރުމަތީގައި ހުރި މެދު އުމުރުގެ ބިދޭސީ ފިރިހެނެއް ކަމީލާއަށް ދިއްކޮށްލީ ސިޓީ އުރައެކެވެ. ކަމީލާ އޭގައި ހިފުމަށްފަހު ބަލައިލިއެވެ. ޝަހާއަށް އެޑްރެސްކޮށްފައި އޮތް އެސިޓީ ހިފައިގެން ކަމީލާ އެތެރެއަށް ވަނެވެ.

" ތިއްތިބެދައްތައަށް އައި ލެޓަރ އެއް.." ކޮޓަރިއަށް ވަދެ ޝަހާ އަތަށް ސިޓީ ދިއްކޮށްލަމުން ކަމީލާ ބުންޏެވެ. ޝަހާ ހައިރާންވެފައި އިނދެ އެސިޓީ އުރަ ކަނޑާލާފައި ބަލައިލިއެވެ.

" ނޫން..." ތުރުތުރުއަޅާ އަޑަކުން ޝަހާއަށް ބުނެވުނެވެ. އެހިނދު އޭނާގެ ލޮލުން ކަރުނައެއް ފޭބިއެވެ.

" ކިހިނެއްވީ ޝަހާ..؟" ޝަހާއަށް ވީގޮތް ފެނި މައިރާ އަހައިލިއެވެ.

" އަ... އަދީ...މް ވެ..ޑ.ޑްސް.. ޝެރީ..." ވަރަށް އުނދަގުލުން ޝަހާއަށް ބުނެވުނެވެ. އެންމެންނަށްވެސް ލިބުނީ ސިހުމެކެވެ. އެދުވަހު އަދީމް ޝެރީންއާ ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނި ނަމަވެސް އެގޮތަށް އެކަން ނުވާނެ ކަމުގެ އުއްމީދެއް ކޮންމެ މީހެއްގެ ހިތުގައިވެސް ވިއެވެ. އެހެންނަމަވެސް މިހާރު ކަންތައް އެވީ ގޮތުން އޮތް ކުޑަ އުއްމީދުވެސް ފަނޑުވެއްޖެއެވެ.

" ޝަހާ ދެން ތިގޮތަށް ރޯން އިނީމަ ވޭތަ؟ ޝެރީން ކުރާކަމެއް ކުރަން ދޫކޮށްލައިގެން ތިހެން އިންނާނީތަ؟" އަސްމާ ހިތްހަމަނުޖެހިފައި ބުންޏެވެ.

" ތެދެއް!! ޑޫ ސަމްތިންގް ބިފޯރ އިޓްސް ޓޫ ލޭޓް.." ކަމީލާވެސް ބުނެލިއެވެ.

" ތެދެއް ޝަހާ!! އަމިއްލަ ފިރިމީހާ އަނބުރާ ހޯދުމުގެ ހިތްވަރު ހުންނަންވާނެ.. މިވީހާ ތަނަށްވެސް ޝަހާއަކީ ހިތްވަރު ހުރި ކެރޭ އަންހެނެއްކަން މީހުންނަށް ސާބިތުކޮށްދީފައި ނޫންތަ ހުރީކީ.. ތެދުވޭ ޝަހާ.. ވަގުތު ފާއިތު ނުވަނީސް އަމިއްލަ ކައިވެންޏާ ފިރިމީހާ ސަލާމަތް ކުރޭ..." ޝަހާއަށް ހިތްވަރު ދެމުން މައިރާ ބުންޏެވެ.

" ދަރިފުޅު ކުރާ ކޮންމެ ކަމެއްގައިވެސް މަންމަމެން މިތިބީ ދަރިފުޅާ އެކު.. " ޝަހާގެ ދެލޯ ފޮހެލައިދެމުން ކައުސަރު ބުންޏެވެ. އެންމެންގެ އެފަދަ ވާހަކަތަކުން ޝަހާއަށް ތަފާތު ހިތްވަރެއް ލިބުނެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އަމިއްލަ ކައިވެންޏާައި ފިރިމީހާ ސަލާމަތް ކުރަން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

*************

ގޯތި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ޝަހާ ވިސްނަމުން ދިޔައީ ކުރިއަށް ކަންތައް ކުރަންވީގޮތަކާ މެދުގައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވުމާއެކު ޝަހާ އޭނާގެ ފޯނު ނެގިއެވެ. ނަމްބަރަކަށް ގުޅައިލުމަށްފަހު ވަރަށް އަވަހަށް ބައްދަލުކޮށްލަން ބޭނުންވާ ވާހަކަ ބުންޏެވެ. ނަމަވެސް އެމީހަކު ބައްދަލު ކުރުމަށް އިންކާރު ކުރިއެވެ. އެހިނދު ޝަހާ ދެން ކަންތައްކުރީ ދުވަހަކުވެސް މީހަކާ ދޭތެރޭގައި ކަންތައްކުރަން ވިސްނައިގެން ހުރި ގޮތަކަށް ނޫނެވެ. މީހަކަށް ބިރުދެއްކުމަކީ ޝަހާ ދުވަހަކުވެސް ކުރަން ބޭނުންވި ކަމެއް ނޫނެވެ. އެހެންނަމަވެސް މިއަދު އެހެން ހުރިހާ ކަމަކަށްވުރެ ޝަހާއަށް މުހިންމީ އޭނާގެ ކައިވެނި ސަލާމާތް ކުރުމެވެ.

" އަހަރެން ބުނާ ގޮތަށް ކަންތައް ނުކޮށްފިއްޔާ އެއްކަލަ ރެކޯޑިންގް ހިފައިގެން އަހަރެން ދާނީ ފުލުހަށް.. އޭރުން އިސާހިތަކު ހުސެންގެ ވަޒީފާ ގެއްލި އޮންނަން ޖެހޭނީ ތޭރިތަކުގެ ބިއްދޮށުގައިވާ ކުޑަ ގޮޅިއެއްގެ ތެރޭގައި.. މީހުންގެ ތެރޭގައި ހުސެން މުޅިން ބަދުނާމުވެ އަގުވެއްޓޭނެ.. ދެން ބުނެބަލަ ބޭނުންވަނީ އެގޮތްތަ؟ ނޫނީ އަހަރެންނާ ބައްދަލުކުރުންތަ؟ " ޝަހާގެ އަޑުގައި ހަރުކަށި ކަމެއް ހުއްޓެވެ. ހުސެން އިރުކޮޅަކު ހިމޭންވެގެން ހުރުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.

" ނަސީބެއް އަހަރެންނަށް ޝަހާ ހާސިލްކުރަން ނޫޅެވުނު ކަން.. އަހަރެން ހީކުރީ ތީ ވަރަށް ހިތްހެޔޮ މީހުންނަށް އޯގާތެރި ކުއްޖެއްކަމަށް.. އެކަމަކު މިހާރު އެނގިއްޖެ ނުލަފާ ވިއްޔާ ތީ ވަރަށް ނުލަފާ އަންހެނެއްކަން..." ހުސެން ބުނެލިއެވެ.

" ހެހެހެ... ނުލަފާ މީހުންނަކީ ކޮބައިކަން ވަރަށް ރަނގަޅަށް އެނގިފައޮތީ.. ނޫންތަ ހުސެން؟ އެންޑް އަހަރެން ލޯބިވާ މީހުންނަށް ދެރަދޭން މަސައްކަތް ކުރާ މީހުންނާ ދޭތެރޭގައި އަހަރެން ވަރަށް ނުލަފާވާނެ.. ބޭކާރު ވާހަކަ ދައްކަން ހުންނާކަށް އަހަރެން ބޭނުމެއްނޫން.. މިހާރު މިވަގުތު އަދީމްމެން ގެއަށް އާދޭ.. އަހަރެން ހުސެން އަށް ދޭނީ އެންމެ ބައި ގަޑިއިރު.. އޭގެ ކުރިން މިތަނަށް ނައިއްޔާ ހުސެންއަށް އހަރެން ފެންނަނީ ޕޮލިސް ސްޓޭޝަނުން.. " މިހެން ބުނުމަށްފަހު ހުސެން ބުނާ އެއްޗަކަށް ބެލުމެއް ނެތި ޝަހާ ފޯނު ބޭއްވިއެވެ.

************

ސޓިންގް ރޫމުގެ ސޯފާގައި އަސްމާއާއި ކައުސަރު އަދި މައިރާ އިނެވެ. ކާމޭޒު ކައިރީގައި ރާފިގު އިންއިރު ކޮޓަރީ ދޮރުގައި ލެގިލައިގެން ފާތިކް ހުއްޓެވެ. ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލާ ޝަހާ ހުރީ ހުސެންގެ އިންތިޒާރުގައެވެ.

" ޔަގީންތަ އޭނަ އަންނާނެކަން..؟" ގަޑިއަށް ބަަލައިލުމަށްފަހު ފާތިކް އަހައިލިއެވެ.

" ޖަލަށް ދާން ބޭނުންނުވިއްޔާ އަންނާނެ.." ޔަގީންކަމާއެކު ޝަހާ ބުންޏެވެ. އެހެން ބުނިތާ ވާނީ ކުޑައިރުކޮޅެކެވެ. ދެން ފެނުނީ ހުސެން ވަދެގެން އައި ތަނެވެ. އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައިވާތަން ފެނި ހުސެންގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ.

" މީ ކޮންކަމެއް ޝަހާ؟؟ ދައްކާ ވާހަކައެއް އަހަރެން ދައްކަން ބޭނުމީ އެކަނިން ތިބެ..." ހުސެން ބުންޏެވެ. ޝަހާ ދެއަތް އުރައިލަމުން ހުސެން އެދުނު ކަންތައް ނުވާނެކަމުގައި ބުނެލިއެވެ. އޭނާއަކީ ޝެރީން ކަހަލަ އަންހެނެއް ނޫން ކަމަށާއި ހިލޭ ފިރިހެނަކާ އެކަހެރިވާން ބޭނުންނުވާ ވާހަކަ ބުންޏެވެ. އަދި ދައްކާ ވާހަކައެއް ދައްކާނީ އެންމެންގެ ހާޒިރުގައި ކަމަށް ބުންޏެވެ.

" ފައިން.. ތި ދައްކާ ވާހަކައެއް ދައްކަބަލަ.. " ހިތްހަމަނުޖެހިފައި ހުސެން ބުންޏެވެ.

" އަދީމް ކީއްވެ ކުއްލިއަކަށް ޝެރީންއާ ކައިވެނި ކުރަން އެއުޅެނީ..؟ އެކަމުގެ ފޮރުވިފައިވާ ހަޤީޤަތަކީ ކޮބައިތޯ ބަލަން އަހަރެން ބޭނުންވަނީ.." ޝަހާ ބުންޏެވެ. ހުސެން ހޭންފެށިއެވެ. އޭނާގެ މޫނުމަތިން ޝަހާއަށް ފެންނަމުން ދިޔައީ މަލާމާތެވެ.

" ތިމާގެ ފިރިމީހާ އެހެން އަންހެނުން ކައިރިއަށް ދާ ސަބަބު އަހަރެން ކައިރީގައެއް ނޫނެއްނު އަހާނީ.. އަހަރެންނަށްވުރެ ބޮޑަށް އެކަން އެނގޭނީ ޝަހާއަކަށްނު.." މަލާމާތުގެ ރާގެއްގައި ހުސެން ބުންޏެވެ.

" ފޮނިކަން ނުދައްކާ ތެދުތެދަށް ކިޔައިދީ.. ކަލޭމެން ކުރި ކަންތަކަށްފަހު އަހަރެމެން މަޑުން ތިބީމަ އެކަމާ ޝުކުރުކޮށްބަލަ.. އެހެންބައެއްނަމަ ކަލޭމެން މިހާރު ތިބޭނީ ޖަލުގަ..." ފާތިކް ބުންޏެވެ.

" އަހަރެންނަކަށް ނޭނގެ.. އަދީމް ޝެރީންއާ އިންނަން އުޅޭތީ އެންމެ ދެރަވާ އެކަކީ އަހަރެންނޭ ބުންޏަސް ދޮގަކަށް ނުވާނެ.. " ހުސެން ބުންޏެވެ.

" އެންމެ ރަނގަޅު!! އެހެންވީއިރު ހުސެންއަށް އެނގޭތަ ޝެެރީން ބަނޑުބޮޑުކަން.." ޝަހާ ބުނެލިއެވެ. އެހިނދު ހުސެން ސިހިފައި ޝަހާއަށް ބަލައިލިއެވެ. އެއީ އޭނާއަށް އެނގިފައިވާ ކަމެއް ނޫނެވެ.

" ހުސް ދޮގު.. ކުރިން ނޭނގޭ ޝަހާއަކީ ތިހާ ދޮގު ހަދާ މީހެއް ކަމެއް.. " ޤަބޫލުނުކުރެވިފައި ހުރެ ހުސެން ބުންޏެވެ.

" ޝަހާ ދޮގެއް ނުހަދާ.. އަދީމްގެ ދަރިއަކަށް ޝެރީން ބަނޑުބޮޑު ވާހަކަ ބުނެ ރިޕޯޓު ދެއްކީ އަހަރެމެން އެންމެންގެ ކުރިމަތީގައި..." އިންތަނުން ތދުވަމުން މައިރާ ބުންޏެވެ. ހުސެންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެފަދަ ކަމެއް ޝެރީން އޭނާއަށް ސިއްރު ކުރަންވީ ސަބަބެއް ނޭނގުނެވެ. އަދީމްއާއި ޝެރީންއާ މެދު އެފަދަ ގުޅުމެއް ނުހިނގާކަން އޭނާއަށް ޔަގީނެވެ. ވީއިރު ޝެރީންގެ ބަނޑުގައި އެވަނީ ކާކުގެ ދަރިއެއް ހެއްޔެވެ؟

" އަހަރެން ނުކުރާނަން ޤަބޫލެއް.. އަދީމްއާ ޝެރީއާ މެދު އެއްވެސް އެފަދަ ގުޅުމެއް ނުހިނގާކަން އަހަރެންނަށް ޔަގީން.. ދެން ކިހިނެއް އެހެންވާނީ..." ލިބުނު ކަންބޮޑުވުމުގައި ހުސެން ބުންޏެވެ. އެހިނދު ޝަހާގެ ތުންފަތަށް ވެރިވީ ކާމީޔަބީގެ ހިނިތުންވުމެކެވެ. އެއީ އޭނާ ހުސެންގެ ފަރާތުން ބޭނުންވި ޖަވާބެވެ.

" އެގްޒެކްޓްލީ!! ހުސެން އަމިއްލައަށް އަހަރެން ކައިރީގައި ބުނީމެއްނު ހުސެންއާ ޝެރީންގެ އޮތް ގުޅުމުގެ ވާހަކަ.. ހީވޭތަ ޝެރީންގެ ބަނޑުގައި އެވަނީ ހުސެންގެ ދަރިއެއްހެން... ޝެރީން އެއުޅެނީ ހުސެންގެ ދަރި އެހެންމީހެއްގެ ބޮލުއަޅުވައިގެން.. ހުސެން ބޭނުންތަ ހުސެންގެ ދަރިއެއް އެހެން މީހަކަށް ބައްޕަ ކިޔަން.. " ޝަހާ ބުނެލިއެވެ. ހުސެންއަށް ކެތްވީ އެހިސާބަށެވެ. ޝަހާ ބުނިގޮތަށް ޝެރީންގެ ބަނޑުގައި އެވަނީ އޭނާގެ ދަރިއެއްކަން ޔަގީނެވެ. އޭނާ ދިރިހުރިހާ ދުވަހަކު އޭނާގެ ދަރިއެއް އެހެންމީހަކަށް ބައްޕަ ކިޔަން ލާހިކެއް ނޫނެވެ. ޝެރީންގެ މޮޅެތި ބަސްތަކަށް ހެއްލި އޭނާ ކުރާނެ ކަމެއް ކުރަން ދޫކޮށްލައިގެން ހުރެވިއްޖެއެވެ. ދެން އިތުރަކަށް އޭނާއަށް ކެތެއް ނުވާނެއެވެ.

" މިރޭ އެމީހުން ކައިވެނި ކުރާނެ.. އަދީމް ހުރީ އަހަރެންގެ ގޭގައި.. ޝެރީން އޭނާގެ ގޭގައި ކައިވެންޏަށް ތައްޔާރުވަނީ.. ޝެރީ އަދީމް ކައިވެންޏަށް އެއްބަސް ކުރުވީ............" ހުސެން ބުނަން ފަސްޖެހެވުނެވެ. އޭނާއަށް ބަލައިލެވުނީ ފާތިކަށެެވެ. ދެން އެއަށްފަހު މައިރާއަށެވެ. ތަނުގައި ތިބި މީހުންނަށް ލިބުނީ ހައިރާންކަމެކެވެ.

" އެއްބަސް ކުރުވީ ކީކޭ ކިޔައިގެން..؟ ކިޔާބަލަ ހުސެން..." ޝަހާ އެދުނެވެ. ހުސެންގެ ވާހަކަ އެހުމަށް އެންމެންވެސް ތިބީ ހިތްއަވަސްވެފައެވެ. ހުސެން އޭނާގެ ފޯނު ނެގިއެވެ. ދެތިން ސިކުންތުވަންދެން ފޯނާ ކުޅެލުމަށްފަހު ފޯނުގެ ސްކްރީން ޝަހާއަށް ދައްކައިލިއެވެ. އެހިނދު ޝަހާއަށް ލިބުނީ ސިހުމެކެވެ. އެމަންޒަރު ފެނި ކައިރީގައި ހުރި މައިރާވެސް ކުޑަކޮށް ބޯދިއްކޮށްލުމަށްފަހު އެފޯނަށް ބަލައިލިއެވެ. އެވަގުތު ޝަހާ ބަލައިލީ ތަންކޮޅެއް ދުރުގައި ހުރި ފާތިކަށެވެ.

" އައިމް ސޯ ސޮރީ މައި.. އަހަރެން ހިޔެއް ނުކުރަން މިކަހަލަ.." ޝަހާ ބުނަން އުޅުނެވެ. އެހިނދު ފާތިކް އައިސް ހުސެން އަތުން ފޯނު އަތުލާފައި ބަލައިލިއެވެ. ފެނުނު ފޮޓޯއަކުން އޭނާއަށް ވެސް ލިބުނީ ސިހުމެކެވެ. ފޮޓޯގައިވަނީ އޭނާ އެނދުގައި އޮތް ޝެރީންގެ މޫނާ ދިމާލަށް ގުދުވެލައިގެން އިން މަންޒަރެވެ.

" މީ.. ޝަހާ ތި ހީކުރާކަހަލަ ކަމެއް ނޫން.. އެރޭގެ ހަޤީޤަތް މައި އަށް ކިޔައިދިނިން.." ހާސްވެފައި ހުރެ ފާތިކް ބުންޏެވެ.

" ކަލޭމެން ކީކޭ ތިކިޔަނީ.. ދައްކަބަލަ އަހަރެން އަތަށް.." ކައުސަރު ގޮސް ފާތިކް އަތުން ފޯނު އަތުލާފައި ބަލައިލިއެވެ. އެހިނދު ކައުސަރަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.

" ފާތި އެ ބުނީ ތެދެއް.. މައްސަލަ ގޯސްވެގެން އުޅުނު ދުވަސްވަރު ހަޤީޤަތް އަހަރެންނަށް ފާތި ކިޔައިދިން.. އެރޭ ޝެރީންގެ އަމަލުތައް ހުރި ގޮތުން ހިތްހަނަނުޖެހިގެން އަދީމް ފާތި ކައިރިން އެދުނީ އަނބުރާ ރަށައް ފޮނުވައިދިނުމަށް.. އަދީމް ފުރުވާލުމަށްފަހު ފާތި އެނބުރި އޭނާގެ ރޫމަށް ދިޔަ މަގުމަތީގައި ފެނުނީ މޫދު ކައިރީގައި ޝެރީން ޙަބަރުހުސްވެފައި އޮއްވައި.. އެހެންވެ ފާތި ޝެރީން ނަގައިގެން ގޮސް އޭނާގެ ކޮޓަރީގައި ބޭއްްވީ.. އެކަމަކު މި ފޮޓޯއާ މިހާރު މިވެގެން އުޅޭ ކަންތަކާ ކޮން ގުޅުމެއް އޮތީ.." މައިރާ އަހައިލިއެެވެ.

ހުސެން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދީމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތްއިރު ޝެރީން އެތަނަށް ވަނީ ޝަހާ ފާހާނައަށް ދިޔަ ވަގުތު ބަލާފައެވެ. އަދީމްއަށް ޝެރީން ބިރު ދެއްކީ އެފޮޓޯ އަދީމްއަށް ދެއްކުމަށް ފަހުގައެވެ. އޭނާގެ ބަނޑުގައިވަނީ ފާތިކްގެ ދަރިއެއް ކަމަށް ބުނެއެވެ. އަދި އަދީމް އޭނާއާ ކައިވެނި ނުކޮށްފިނަމަ މުޅި ދުނިޔެއަށް ފާތިކާއި އާއިލާ ބޭޒާރުކޮށްލާނެ ކަމަށް ބުނެއެވެ.

***************************

ލޯގަނޑު ކުރިމަތީގައި އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ޝެރީން ހުއްޓެވެ. އޭނާގެ ތުންފަތުގައި ވީ ފަޚްރުވެރި ހިނިތުންވުމެކެވެ. އަދީމާ ކައިވެނި ކުރުމަކީ ޝެރީން ދެކުނު އެންމެ ބޮޑު އެއް ހުވަފެނެވެ. ޝެރީންގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައީ ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައިގެ ފަހަތުން ފެނުނު ސޫރައެއްގެ ސަބަބުންނހެވެ. ހިތްހަމަނުޖެހުމުގެ ކުލަވަރު ޝެރީންގެ މޫނުން ފެނުނެވެ. ޝެރީން ފަހަތަށް އެނބުރިފައި ޝަހާއަށް ދައްކާލީ ފަތަހައިގެ ހިނިތުންވުމެކެވެ.

"ތިއައީ އާދޭސްކުރަންތަ؟ ޝެރީން ޕްލީޒް. އަހަރެންގެ ފިރިމީހާ އަހަރެންނަށްދީ. އަހަރެން ޝެރީ ބުނި ކޮންމެ އެއްޗެއް ދޭނަން" ޝަހާގެ ވަށައި ހިނގަމުން ޝެރީން ކިޔަމުން ދިޔައެވެ. ޝަހާ ހަށަމަށް އަތްނަގައިގެން ހިމޭނުން ހުއްޓެވެ. ޝެރީނަށް ވާހަކަދައްކަން ވަގުތުދީގެން ހުރި ކަހަލައެވެ.

"ނިމުނީތަ؟" ޝަހާ އެހިއެވެ. ޝަހާގެ މޫނުމަތީގައިވި އުޖާލާކަމާއި، ތުންފަތުގައިވި ހިނިތުންވުން ފެނިފައި ޝެރީންގެ މޫނަށް ސީރިޔަސްކަން ވެރިވިއެވެ.

"ތިކަހަލަ ހެދުމެއްގައި ކަލޭ ހުއްޓަސް ތިއިކީ ތިކަހަލަ އަންހެނަކާ އެކަށީގެންވާ ހެދުމެއްނޫން. ކަލެއަކީ މީހުންގެ ފިރިންގެ ފަހަތުން ދުވާ ހަވަރު ތުންފުއްސެއް. ކަލެއަށް އިނގިލިން ގުނާލެވޭތަ ކަލޭ ހޫނުކުރި ތަންމަތިތަކުގެ އަދަދު. ހެހެހެ... " ޝަހާ ވާހަކަދެއްކިއެވެ.

"ޝަހާ" ޝެރީން އަޑުގެ ކޮޅަށް ގޮވާލިއެވެ. މުޅި ކޮޓަރި ގުގުމައިލިއެވެ. ޝަހާ ހީލަމުން ދެކަންފަތުގައި އަތް އެޅިއެވެ.

"ހަޖަމެއްނުވި ދޯ. އެކަމަކުވެސް އެއީ ހަގީގަތަކީ. ކަލޭ ތިއީ ހަމަ ނާސި އަންހެނެއް. ހެހެހެ..." ޝަހާ ބުންޏެވެ. ހިތްހަމަނުޖެހިފައި ހުރި ޝަހާ އެތެރެހަށީގެ ލޭ ހޫނުވެގެން ދިޔައެވެ. ޝަހާ އެގޮވާލި އެއްޗެހި ޝެރީނަށް ބަލައެއް ނުގަނެވުނެވެ. ޝަހާގެ މޫނުމަތީގައި ވިހެލުމަށް ޝެރީނަށް އަތް ނެގުނީ އެހެންވެއެވެ. އެހެންނަމަވެސް ޝެރީންގެ އަތުގައި ހުށިޔާރުވެ ހުރެ ޝަހާ ހިފިއެވެ. ޝަހާގެ އެހިތްވަރުން ފެނި ޝެރީން އިތުރަށް ރުޅިއައެވެ.

"ކަލޭ ލަދެއްވެސް ނުގަނޭތަ" ޝެރީންގެ އަތް ދުރަށް ހޫރާލަމުން ޝަހާ ބުންޏެވެ. "ވަރަށް ވޭ ދޯ އަދީމްގެ އަންބަކަށްވާހިތް. ބުނަންތަ ރަނގަޅު ވާހަކައެއް. ތިއީ ދުވަހަކުވެސް ހަގީގަތަކަށް ވާނެ ކަމެއްނޫން. އަދީމްއަކީ އަހަރެންގެ ފިރިމީހާ. ކަލޭ ތި ހީކުރާހާ ލޯބި އަދީމް ކަލޭދެކެ ވާނަމަ އަދީމްގެ އަލަތު އަނބިމީހާގެ މަގާމުގައި އަހަރެން ނުއިނިސް. ކަލެއަށް އެ މަގާމެއް ނުލިބުނު. ހެހެހެ.... މީހުންގެ ފިރިން ފަހަތުން ދުވަން އުޅެގެން ދެ މީދާ ފެހި ބުޅަލަށް ވީވަރުވެސް ކަލެއަށް ނުވި. ތިހެދުމުގައި ކަލޭ ހުއްޓަސް މިތަނުން ކަލޭ ދާންޖެހޭނީ ހުސްއަތާ. ތައްޔާރުވޭ. ފަހަރަކު ކަލޭގެ މަންޒިލަކީ ދަގަނޑު ތޭރިތަކެއްގެ އެތެރެ ކަމަށްވެސް ވެދާނެ. އޫޕްސް.... ނޭނގުނު ދޯ.... އަހަރެން މިބުނީ ޖަލުގެ ވާހަކަ.. މާދަން ޙަބަރު ތަކުގަ ފަލަ ސުރުހީތަކުގައި އޮންނާނެ މަޝްހޫރު އިންސްޓަގްރާމް މޮޑަލް ޝެރީން ހޮސްޕިޓަލުން ބާރުގަދަ ބޭސްތަކެއް ވަގަށް ނެގިކަން ސާބިތުވެ ހައްޔަރު ކޮށްފި.. އޭރުން ދެން ކިހިނެއްވާނީ ދޯ!! މުޅި ދުނިޔެއަށް ބޭޒާރުވެ ފޭނުންގެ ކުރިމަތީގައި އަގުވެއްޓޭނެ.. މީސްމީޑިއާގެ ބާރު އެނގެއެއްނު.. ޝެރީންގެ މުޅި ޒިންދަގީ ބަރުބާދުވެގެންދާނެ.. " ޝަހާ ބުންޏެވެ. މޫނުމަތިން ދައްކަން ބޭނުންނުވި ނަމަވެސް ޝަހާގެ ވާހަކަތަކުން ޝެރީންގެ ހިތް ބިރުގަތެވެ. އަތާފައި ގަނޑުފެންކޮޅަށް ވެއްޖެއެވެ. މޫނުމަތިން ދާހިއްލާލައިފިއެވެ.

"ބިރުގަނެއްޖެ ދޯ.... ހެހެހެ... ލޯގަނޑުން ބަލާލަބަލަ. މިހާރު ތިފެންނަނީ ކަލޭގެ ސައިޒު" ޝަހާ ވާހަކަދެއްކިއެވެ. ޝެރީންއަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލެވުނީ ބޭއިޙްތިޔާރުގައެވެ. އޭނާގެ މޫނުމަތިން ވަނީ އޮއްދާ ހިއްލާލާފައެވެ.

" އަހަރެން އަތުގަ ޝެރީން ކުރި ކޮންމެ ނުބައި ކަމެއްގެ ހެކި އެބަހުރި.. ޝެރީން އަދީމްއަށް ބިރުދެއްކީ ކިހިނެއްކަންވެސް އަހަރެންނަށް އެނގޭ..  އަދި ކަލޭގެ ބަނޑުގައި ތިއޮތް ދަރިފުޅުގެ ބައްޕައަކީ ކޮބައިކަންވެސް އެނގިއްޖެ.. އަދީމްގެ ބޭބެގެ ބޮލުގައި އެފަދަ އިލްޒާމެއް އަޅުވަން ކަލޭގެ ލަދު ހަޔާތް ކޮބާ؟ ހީކުރީތަ އެހާ ފަސޭހައިން ކަލެއަށް އެއާއިލާ ބަދުނާމުކޮށްލެވޭނޭ.. އެނގޭތަ މިހުރިހާ ވާހަކައެއް އަހަރެމެންނަށް ކިޔައިދިނީ ކާކުކަން؟ " ޝަހާ އަހައިލިއެވެ. ޝެރީން ވަކި އެއްޗެއް ނުބުނެ ޝަހާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. " ކަލޭގެ ދަރިފުޅުގެ ބައްޕަ.. ހުސެން.. ކަލޭގެ ހުރި ލަދުކުޑަކަމުން އޭނައަށް ކަލޭ ބަނޑުބޮޑުކަން ސިއްރުކުރީ... ހުސެން!!! ވަދޭ އެތެރެއަށް"

ބޭރުގައި ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ހުސެން އެތެރެއަށް ވަނެވެ. ޝެރީންއަށް އޭނާ ބަލައިލީ ޝަކުވާ އެކުލެވިފައިވާ ބެލުމަކުންނެވެ.

" އަހަރެން ޝެރީ ދެކެ ވީ ހަޤީޤީ ލޯބި.. ކުރި ހުރިހާ ކަމެއްވެސް އަހަރެން ކުރީ ޝެރީ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން.. އަހަރެން ޝެރީއަށް ކީއް ނުކޮށްދެނީ.. އެކަމަކު ޝެރީ އަހަރެންނަށް ކޮށްދިންހާވެސް ކަމަކީ އަހަރެންގެ އިހުސާސްތަކާ ކުޅުން.. " ހުސެންގެ ދެލޯ ކަރުނުން ތެމުނެވެ. " އަދިވެސް އަހަރެން މިހުރީ ޝެރީ އަދި ތިދަރިފުޅު ބަލައިގަންނަން ތައްޔާރަށް.. ޕްލީޒް ޝެރީ.. ތި ކުޅޭ ކުޅިގަނޑު ދެން ހުއްޓާލާ.. ގަދަބާރުން ލޯތްބެއް ނުހޯދޭނެ.. ޝެރީ އަދީމްއާ ކައިވެނި ކުރިއަސް ޝެރީއަށް އަދި އަދީމްއަށްވެސް ލިބޭނެ އުފަލެއް ނޯންނާނެ.. އަދީމް ލޯބިވަނީ ހަމައެކަނި ޝަހާ ދެކެ.. ﷲއަށްޓަކައި ބުނަން.. ތި ގޮތްދޫކޮށް ރަނގަޅު މަގަށް ރުޖޫޢަވޭ.. "

" އަހަރެން ބޭނުންނަމަ މިހާރުން މިހާރަށްވެސް ހުސެންއާ ޝެރީންއާ ދެމީހުން ފުލުހުންނާ ހަވާލު ކުރެވިދާނެ.. އެކަމަކު އަހަރެންމީ ޝެރީން ކަހަލަ ހިތްމޮޅު ބޮޑާ މީހެއް ނޫން.. އަހަރެން އެގޮތަށް ކަންތައްކޮށްފިނަމަ ކުށެއް ނެތް މައުސޫމު ކުއްޖަކަށް ހާލު ޖެހިދާނެ.. އަހަރެން ޝެރީންއަށް މިދެނީ ފުރުސަތެއް ކަމަށް ބަލާ.. އަހަރެން ބޭނުންވަނީ މިދިރިއުޅުމާ ޝެރީން ވީހާވެސް ދުރުގައި ހުރުން.. މިއަދަށް ފަހު ދެން އަހަރެންގެ ދިރިއުޅުމަށް ވަންނަން އުޅެފިއްޔާ އެހާ ފަސޭހައިން ދުލެއް ނުކުރާނަން.. އުއްމީދު ކުރަން ވަރަށް ރަނގަޅަށް އަހަރެން މިދެއްކި ވާހަކަތައް ކަލެއަށް ވިސްނިއްޖެ ކަމަށް.." މިހެން ބުނުމަށްފަހު ޝަހާ މަޑުނުކޮށް އެތަނުން ނިކުތެވެ. ޝަހާ ނިކުތުމާއެކު ޝެރީން ފުންނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައީ އުޅެވުނު ގޮތާ ދެރަވެގެންނެވެ. ޝަހާ އެދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އޭނާގެ އަސްލު ހަޤީޤަތް އޭނާއަށް އިހުސާސް ކޮށްދީފައެވެ. ޝަހާ އާއި ވެވުނު ހަސަދައެއްގެ ސަބަބުން އެތައް ފާފައަކާއި ކުށެއް އޭނާއަށް ކުރެވިއްޖެއެވެ.

***********

ކޮޓަރީގައި ތައްޔާރުވަން ހުރި އަދީމްގެ މޫނުމަތިވަނީ މިލާފައެވެ. މިއަދަށްފަހު އަބަދުއަބަދަށް އޭނާއަށް ޝަހާ ގެއްލޭނެއެވެ. މަޖުބޫރެއްގައި ބަނދެވި އޭނާ ޝަހާ ހިތުގައި ޖެއްސި ކޮންމެ ފަހަރަކު ޒަޙަމްވެގެން ދިޔައީ އޭނާގެ ހިތްކަން ހެއްދެވިފަރާތް ދެނެވޮޑިގެންވާނެއެވެ. ހިޔާލުގެ ފުންކަނޑަށް ގެއްލިފައި ހުރި އަދީމް ސިހުނީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އަޑަށެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރި ޝަހާ ފެނި އަދީމްއަށް ލިބުނީ ސިހުމެކެވެ.

" ކީއްކުރަ....." އަދީމް ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ވިސްނާވެސް ނުލާ ހުއްޓާ ޝަހާ އަދީމްގެ ހަށިގަނޑުގައި ބައްދައިލިއެވެ. ހަރަކާތެއްވެސް ކޮށްލަން ނޭނގިފައި އަދީމްއަށް ހުރެވުނެވެ.

" އަހަރެންނަށް އެނގޭ އަދީމް އަހަރެންނާ ދިމާލަށް ބުނަން ބޭނުންނުވާ ކިތަންމެ އެއްޗެއް  ބުނެފިކަން.. ޔަގީން އެފަދަ ކޮންމެ ވަގުތެއްގައި އަދީމް ވަރަށް ދެރަވިކަންވެސް.. އެކަމަކު މިހާރު އެއްވެސް މަޖުބޫރީއެއް ނެތް އަދީމް.. ޝެރީންގެ ހުރިހާ ހަޤީޤާތެއް ފަޅާއަރައިފި.. އޭނަގެ ބަނޑުގަ އެއީ ފާތިކްގެ ދަރިއެއް ކަމަށް ބުނެ ހެދީ ހުސް ދޮގު.. އަދީމް އެންމެ ފަހަރަކުވެސް ދޮންބެ ކައިރީގައި އަހައިލިނަމަ.. ދޮންބެ ހުރީ ވަރަށް ދެރަވެފަ.. " ޝަހާ އެއްނޭވައިން ކިޔައިލިއެވެ. އަދީމް ޝަހާ އޭނާއާ ދުރުކޮށްލިއެވެ.

" ދެން؟؟ ދެން ޝެރީންގެ ބަނޑުގައި އެއީ ކާކުގެ ދަރިއެއް؟" އަދީމް އަހައިލިއެވެ.

" ހުސެން ގެ.. އަދީމްއަށް ދެރަ ދިނީ އަދީމްގެ އެންމެ ގާތް ދެ އެކުވެރިން.. އެކަމަކު މިހާރު ދެން އެމީހުންނަކަށް އަނބުރާ އަހަރެމެންގެ ދިރިއުޅުމަކަށް ނާދެވޭނެ.. ހުރިހާ ނުރައްކަލަކުން އަހަރެން އަދީމް ސަލާމަތް ކޮށްފިން.. އަހަރެމެންނަށް މިތިބީ ސަލާމަތުގެ އައްސޭރި ފަށައް އާދެވިފަ " ޝަހާ ބުންޏެވެ. އަދީމްގެ ދެލޯ ކަރުނުން ފުރުނެވެ. ޝަހާ ގެނެސް އޭނާގެ މެޔާލާ ފިއްތައިލިއެވެ.

" އައިމް ސޯ ސޮރީ ލަވް.. އައިމް ސޯ ސޮރީ.. ތެދެއް ތިބުނީ.. ޝަހާ ދެރަކޮށްލި ކޮންމެ ފަހަރަކު އަހަރެންގެ ހިތް ފޮތިފޮތިވާ ކަހަލަ.. އާއިލާގެ ހައްޤުގައި އަހަރެންނަށް އެހެން ހަދަން މަޖުބޫރުވީ.." އަދީމް ކުރެހިފައިވާ އަޑަކުން ބުންޏެވެ.

" އާއިލާ މީހުންގެ ގޮތް އަދީމްއަށް ނޭނގުނީ.." އެއިވުނީ ފާތިކްގެ އަޑެވެ. އަދީމް އެދިމާލަށް ބަލައިލިއެވެ. އާއިލާގެ ހުރިހާ މީހުން އެތިބީ އަދީމް ބަލާ އައިސް ކަމުގައި ޝަހާ ބުނެލިއެވެ.

" އެންމެ ފަހަރަކުވެސް އަހަރެން ކައިރީގައި އަހައިލިނަމަ.. އަދީމް އެނގެންޖެހޭނެ ދޯ ދޮންބެ އެކަހަލަ ކަމެއް ނުކުރާނެކަން.. " އަދީމްގެ ކޮނޑުގައި ޖަހައިލަމުން ފާތިކް ބުންޏެވެ.

" ދެން ދުވަހަކުވެސް ތިކަހަލަ ކަމެއް ނުކުރާތި އަދީމް.. ހަޔާތުގައި މައްސަލައެއް ދިމާވިއްޔާ އެހައްލު ކުރަން އެހީވެދޭން އެންމެ ކައިރީގައި ތިބޭނީ އާއިލާ.. " ކައުސަރުވެސް ބުނެލިއެވެ. އަދީމް އެންމެން ކައިރިން ވަކިވަކިން މައާފަށް އެދުނެވެ. އެފަދަ އަމަލެއް ދެން ދުވަހަކުވެސް ނުކުރުމަށް އެންމެންނަށް ވަޢުދުވިއެވެ. އާއިލާ މީހުންނާ އެކު އެދުވަހު އަދީމް ގެއަސް ދިޔައީ ހުރިހާ ހިތްނުތަނަވަސްތަކުން މިންޖުވެ ހުރެއެވެ.

ދެއަހަރު ފަސް

މާދުރުން ފެންނަން ހުރި ފަރުބަދަމަތީން އޮހެމުންދިޔަ ފެނުގެ ކޯރަށް ނަޒަރު ހުއްޓާލައިގެން ޝަހާ އަދި އަދީމް ތިއްބެވެ. މަޑުކަފަކޮޅެއްފަދަ ސްނޯވްތަކުގެ ތެރޭގައި އަދީމްގެ ދެއަތުގެ ތެރޭގައި ޝަހާ ފިއްތާލައިގެން ހުރިއިރު ދުރަށް އެމަންޒަރު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ.

އަދީމާއި ޝަހާގެ ދިރިއުޅުން މިހާރު ބިނާވެފައި ވަނީ ކެނެޑާއަށެވެ. މަލާކްއަށް ކިޔަވައިދިނުމަށް އެމެރިކާގައި ދެމަފިރިން ދިރިއުޅެންފެށިތާ އަހަރެއް ވެއްޖެއެވެ.

މަޖާވެފައި ހުރި ޝަހާ އަދީމްގެ އަތުތެރެއިން ލޫދިގަނެގެން ދުއްވައިގަތެވެ. ޝަހާ އަރިއަޅާލިތަން ފެނުމާއެކު އަދީމް ދުވެފައި އެދިމާލަށް ދިޔައެވެ. ސްނޯތަކުގެ ތެރެއަށް ޝަހާ ނުގެނބެނީސް އަދީމް ހިފަހެއްޓިއެވެ. އޯގާތެރި ބެލުމަކުން ޝަހާގެ މޫނަށް އަދީމް ބަލައިލިއެވެ. ދެން މަޑުމަޑުން އަދީމްގެ ނަޒަރު ހުއްޓުނީ ޝަހާގެ ހަށިގަނޑުން ނިކުމެފައިވާ ހަތްމަހުގެ ބަނޑަށެވެ. ލޯތްބާއެކު ޝަހާގެ ބަނޑުގައި އަދީމް ފިރުމާލިއެވެ. ޝަހާ އަދީމްގެ ދެއަތުގައި ހިފިއެވެ. އަތަށް ލައްވާފައިވާ އަދީމްގެ ބޯ އަންގީގެ މަތީގައި ޝަހާ ބޮސްދިނެވެ.

"ތިހާ ކަންބޮޑުނުވެބަލަ. އަމް ފައިން އޭ" ޝަހާ ބުންޏެވެ. އަދީމްގެ ދެލޮލުން ކަންބޮޑުވުން ޝަހާއަށް ފެނުނެވެ.

"ތިއީ އަހަރެންގެ ހުރިހާވެސް އެއްޗަކީ. މި ކުޑަކުޑަ ފުރާނަ ޝަހާގެ ބަނޑުގައި އޮތަސް އަހަރެންގެ ހިތްވަނީ މި ފުރާނައާ ވެސް ގުޅިފައި. ތިދެމައިންނަށްވެސް އެއްވެސް ކަމެއް ވާތަން ދެކޭކަށް އަހަރެންނަށް ކެތެއްނުވާނެ. އަހަރެން ވަރަށް ލޯބިވޭ މަންމީ އެންޑް ޑޯޓާދެކެ" އަދީމް ބުންޏެވެ. ދެން ހީލައިގެން ހުރި ޝަހާގެ ކޯތާފަތުގައި އަދީމް ބޮސްދިނެވެ. އަދީމްގެ އަތުގެތެރޭގައި ޝަހާ ފޮރުވާލީ އެދެމެދަށް ވައިރޯޅިއަކަށްވެސް ވަންނާނެ ޖާގައެއް ނުދީއެވެ. ދެލޯމަރާލައިގެން ދެމަފިރިން ތިބިއިރު އެމަންޒަރު ކޮންމެސް މީހެއްގެ ކެމެރާގައި ރައްކާކޮށްފިއެވެ.

ނިމުނީ

Ads by HDC
  1. ނިންމުން އެހާ ކަމަކު ނުދޭ. ހީވަނީ ވާހަކަ ނުނިއްމައިލެވިގެން އުޅޭހެން �

  2. ނަންނި

    ވަރަށް ފުރިހަމަ ވަރަށް ސަޅި