ކުނިން ނަފާ ހޯދުމަށް މީހުން ބިނާކުރާ ޕްރޮގްރާމެއް ފަށައިފި
ކުންޏަކީ ނަފާ ލިބޭ ވަސީލަތެއްގެ ގޮތުގައި ހެދުމަށް ޓަކައި އެ މަސައްކަތް ރާވައި ހިންގާނެ ފަންނީ މީހުން އުފެއްދުމުގެ ޕްރޮގްރާމް މިއަދު އެންވަޔަރަމަންޓް މިނިސްޓްރީން އިފްތިތާހްކޮށްފިއެވެ.
ހޮޓެލް ޖެންގައި މިކަމަށް ޓަކައި ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއް ޝަރަފުވެރި ކޮށްދެއްވައި "ކޮމްޕިޓެންސީ ސްޓޭންޑާޑް ފޯ ވޭސްޓް ޓު ވެލްތް"ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަދު އިފްތިތާހު ކޮށްދެއްވި މި ޕްރޮގްރާމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތުގައި ކުނި މެނޭޖްކުރުމުގެ ދާއިރާއަށް ޒުވާނުން ޝައުގުވެރިވާ ފަދަ ވަޒީފާގެ ފުރުސަތުތައް ފަހިވެ، އުކައިލެވޭ ތަކެތިން ނަފާ ހޯދުމުގެ ވިސްނުން އަށަގެންފައިވާ އަދި ތިމާވެއްޓަށް ލޯބިކުރާ މުޖުތަމައެއް ބިނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ކުނީގެ މައްސަލަ ހައްލުކުރެވޭނީ ހަމައެކަނި އެކަމަށް ހާއްސަކޮށްގެން މެޝިންތަކެއް ގާއިމުކޮށްގެން ނޫން. ވެމްކޯ އަދި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކޮށްފި ނަމަ ކުނީގެ މައްސަލަ ހައްލުކުރެވޭނެ އަދި ރޭވިގެން މަސައްކަތް ކުރެވިއްޖެ ނަމަ ކުނީގެ މައްސަލައަކީ ކާމިޔާބު ކުރެވޭނެ މައްސަލައެއް" މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެއީ ގޭބިސީއާ ހިސާބުން ފެށޭ ކަމެއް ކަމަށާއި ގޭގައި އުފެދޭ ކުނި ބައިކޮށްގެން ނެރެ، ކައުންސިލްތަކުން ނުވަތަ ވެމްކޯއިން އެ ކުނި ގަވާއިދުން ގެބިސީތަކުން ކަލެކްޓްކޮށްގެން ކުނި ރައްކާތެރި ގޮތުގައި މެނޭޖުކުރުމަށް ހުނަރުވެރި ދިވެހިން އުފައްދާންޖެހޭ ކަމަށެވެ.