އިތުރު ދަތުރުތަކަކާ އެކު، ޢީދު ދުވަހު މާފުށީގައި ޚާއްސަ ހަރަކާތްތަކެއް

ކުރިއަށް އޮތް ފިތުރު ޢީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ކ. މާފުށީގައި ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތްތަކާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް މާފުށީގައި އިއްޔެ ބޭއްވި ޚާއްސަ ރޯދަ ވީއްލުމެއްގައި އެރަށުގެ ކައުންސިލު ރައީސް ހަސަން ސޮލާހް ވިދާޅުވީ މުޅި ދުވަހަށް ބަހައިލައިގެން ފެސްޓިވަލް ސްޓައިލަށް ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާ އެ ހަރަކާތްތައް އެ ދުވަހު ފެށުމަށް ހަމަޖެހިފައި ވަނީ ބޮޑު ޖަމާއަތުގައި ކުރެވޭ ޢީދު ނަމާދުން ކަމަށެވެ. އެއަށްފަހު ހެނދުނު ޚާއްސަ ނާސްތާއަކާއި މެންދުރުގެ ކެއުމެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
އެއަށްފަހު ހަވީރު ގަޑީގައި ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ވަރަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ކައުންސިލު ރައީސް މައުލޫމާތު ދެއްވި ގޮތުގައި އެ ކުޑަކުދިންގެ ހަވީރުގެ އެކި ހަރަކާތްތަކުގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ.

މާފުށީގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ސަރަހައްދު/ ފޮޓޯ: ދެން
"ކުޑަކުދިންގެ ހަވީރުގައި އެކި ކެރެކްޓާތައް ހުންނާނެ، ދެން ފޭސް ޕެއިންޓް ވެސް ކުރެވޭނެ. ކުޑަކުދިންނާ ގުޅޭ ހަރަަކާތްތައް ހުންނާނީ. އޭގައި ބައިވެރިވީމަ އިނާމު ވެސް ލިބޭ ގޮތަށް" ސޮލާހް ވިދާޅުވިއެވެ.
ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާފުށީގައި ހުންނަ ކުޑަކުދިންގެ ޕާކު ސަރަހައްދުގައެވެ.
ކުޑަކުދިންގެ ހަވީރަށް ފަހު ޢީދު ދުވަހުގެ ރޭ، ހުރިހާ އުމުރުފުރާތަކަކަށް ވެސް ބައިވެރިވެވޭ ގޮތަށް ވަރަށް ޚާއްސަ މިއުޒިކް ޝޯއެއް ވެސް ބޭއްވުމަށް ވަނީ ނިންމައިފައެވެ. މި މިޔުޒިކް ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފުށީގައި ކުރިން ހުރި "އިސްލާހިއްޔާ" ބިން ހުސްކުރުމަށް ފަހުގައެވެ. އެ ބިމުގައި 7000އަށް ވުރެ ގިނަ މީހުންގެ ޖާގަ ހުންނާނެ ކަމަށް މާފުށީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ޢީދު ދުވަހު މިޔުޒިކް ޝޯވ ބޭއްވުމަށް ހަމަޖެހިފައިވާ، ކުރީގެ އިސްލާހިއްޔާ ބިން/ ފޮޓޯ: ދެން
މި މިޔުޒިކް ޝޯގައި މަޝްހޫރު "ޔާރާ" ޕްރޮޑަކްޝަނާއި "ސޮފޫރާ އެންޑް ފްރެންޑްސް"ގެ އިތުރުން ބޮޑުބެރު ގްރޫޕެއް ވެސް ހަރަކާތްތަކެއް ފެނިގެންދާނެއެވެ.
މާފުށީގައި ދިރިއުޅޭ ރައްޔިތުންނަށާއި މާލެއިން އެރަށަށް ދާ ފަރާތްތަކަށް ވެސް މި ހަރަކާތްތަކުގައި ބައިވެރިވެވޭނެ ކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. އެގޮތުން މާލެއިން މާފުށްޓަށް އެ ދުވަހު ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ޢީދު ދުވަހު މާފުށްޓަށް ދާން އިތުރު ދަތުރުތަކެއް ވެސް ޝެޑިއުލް ކުރެވިފައިވާނެ ކަމަށް ކައުންސިލު ރައީސް ސޮލާހްް ވިދާޅުވިއެވެ. އަދި ޢީދާ ގުޅިގެން ޚާއްސަ ޕެކޭޖުތަކެއް މާފުށީގެ ގެސްޓްހައުސްތަކުން ވެސް ހަދަމުންދާ ކަމަށް ކައުންސިލު ރައީސް ވިދާޅުވިއެވެ.
ޢީދު ދުވަހާ ގުޅިގެން މާފުށީގައި ކުރިއަށްގެންދާ ރާވައިފައިވާ މި ހަރަކާތްތަކަކީ މާފުށީ ކައުންސިލާއި، ގެސްޓްހައުސްތަކާއި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ޑަބްލިޔުޑީސީ ވެސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.