ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ވަން ލިޒިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމާއި އެއް ޤައުމުން އަނެއްޤައުމަށް ދެމުން އަންނަ އެއްބާރުލުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ.
އަދި މި އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ މުނާޞަބާކަން ފާހަގަކުރައްވައި ޗައިނާގެ ސަފީރު ވަނީ އެ މުނާޞަބާ ފާހަގަކުރުމަށް ޕްލޭންކުރެވިފައި ހުރި އެކިއެކި ޕްރޮގްރާމުތައް ފާހަގަ ކުރައްވައިފައެވެ. މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމާ ހުރެ މުޅި ދުނިޔޭގައި ޢާންމު ދިރިއުޅުމަށް ބުރޫއަރައި ކުރިމަތިވި ދަތިތަކާގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ސަފީރު ވަނީ އެ ޤައުމުގެ ފަތުރުވެރިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގައި ކުރިމަތިވާ ބައެއް ދަތިތައް ފާހަގަކުރައްވައިފައެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތައް ފާހަގަކުރައްވައި ސަފީރު ވަނީ ދިވެހި ސަރުކާރުން ކުރިޔަށްގެންދަވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ޕްރޮގްރާމަށް ތަޢުރީފު ކުރައްވައިފައެވެ.
މެޑަމް ފަޒްނާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން މަތީ ތައުލީމު ޙާޞިލުކުރުމަށް މާލީގޮތުން ދަތިތަކާ ކުރިމަތިވެފައި ތިބި ގިނަ ޢަދަދެއްގެ އަންހެންކުދިންނަށް އެކަމުގެ ފަސޭހަކަން ލިބިގެންގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.