ޚަބަރު

ކުޑަކުއްޖާގެ މައްސަލައިގައި ހައްޔަރު ކުރި އަންހެން މީހާގެ މާމަ ދަރިންގެ ހާލު ބަލަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޖިންސީ ގޯނާއާ ދެކޮޅަށް ކުރިން ބޭއްވި މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: ދައުރު

އައްޑޫސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން ދުވަސްވީ އަންހެން މީހާ ބަލަހައްޓަމުން ދިޔަ ތިިން ކުދިންގެ ހާލަތު ޖެންޑާ މިނިސްޓްރީން މޮނިޓާ ކުރަމުން އަންނަ ކަމަށް އެޗްއާރްސީއެމްއިން ބުނެފިއެވެ.

Ads by STELCO

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އަންހެން މީހާ ވަނީ ފްރޭމް ކޮށްފައި ކަމަށާއި ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ އެހެން މީހަކު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އާންމުންގެ ތެރެއިން ބަޔަކު ވަނީ އެޗްއާރްސީއެމްއަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.

ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އުމުރުން 59 އަހަރުގެ މީހަކު ހައްޔަރުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގައެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައި ހިސާބުން، އަނިޔާ ލިބުނު ކުޑަ ކުއްޖާގެ ހައްގު ހޯދައި ދިނުމަށް މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތް ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އަންހެން މީހާއަށް ވެސް އެ ކޮމިޝަނުން ޒިޔާރަތްކޮށް، އޭނާގެ ހާލު ވަނީ ބަލައިފައެވެ.

އޭނާ ހައްޔަރު ކުރި އިރު، ސްކޫލަށްދާ އުމުރުގެ ތިން މާމަ ދަރިން އޭނާގެ އެބަ ތިއްބެވެ. އެޗްއާރްސީއެމްއިން ބުނީ އެ ތިން ކުދިން ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށް އެކުދިންގެ ހާލަތު ވެސް ބަލައިފައިވާނެ ކަމަށެވެ. އަދި އެ ކުދިންގެ ހާލަތު، ޖެންޑާއިން ބަލައި މޮނިޓާ ކުރަމުންދާކަމަށް ވެސް ބުންޏެވެ.

މައްސަލައިގައި ތުހުމަތުކުރާ އަންހެން މީހާގެ ފަރާތުން ވެސް އެޗްއާރްސީއެމްއަށް މައްސަލައެއް ހުށަހަޅައިފައިވާކަން ވަނީ އެނގިފައިވެއެވެ.

އެޗްއާރްސީއެމްއިން ބުނީ މި މައްސަލައާ ގުޅުން ހުރި ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި އެ ކޮމިޝަނުގެ އިހްތިސާސްގެ ތެރެއަށް ފެތޭކަންކަން ބަލަމުންގެންދާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!