ބެނާ ނެގުމުން ރައީސް ޔާމީންގެ ރައްދު: ހާދަ ވަރަކަށް ދަށުވެފައޭ ދޯ

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ގެކޮޅުގައި ދަމއިފައި ހުރި "އިންޑިއާ އައުޓް" ބެނާ ފުލުހުން މިއަދު ނެގުމުން، ރައީސް ޔާމީން އެކަމަށް ރައްދު ދެއްވައިފިއެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ދަމައިފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ފުލުހުން ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެ ގެކޮޅަށް ކޯޓު އަމުރަކާ އެކު ވަދެފަައެވެ. އަދި ތިން ގަޑިއިރުގެ މަސައްކަތަށް ފަހު މިހާރު އެ ބެނާ ވަނީ ނަގައިފައެވެ.
ބެނާ ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރު އޮތީ އަވަށްޓެރި އިންޑިއާގެ ދަށުވެފައި ކަމަށެވެ.
"ހާދަ ވަރަކަށް ދަށުވެފަ އޭ ދޯ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށާއި އެހެންކަމުން އެ ކެމްޕެއިން ކުރާ ފަރާތްތައް ހުއްޓުވަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ގޮވައިލައްވައިފައެވެ.