އަންހެނުންގެ ކޮމިޓީއަށް ރޯދަ އެލަވަންސް ދޭން ގާނޫނަށް އިސްލާހު ހުށަހަޅަނީ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ނިންމައިފިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ހޯދައި ދިނުމުގެ މައްސަލަ އެލްޖީއޭގެ ބޯޑަށް ހުށަހެޅުއްވީ އަތޮޅު ކައުންސިލަރުން ތަމްސީލް ކުރެއްވުމަށް ބޯޑަށް އިންތިހާބުކޮށްފައިވާ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ މެންބަރު އަދި ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.
ބޯޑުން މި މައްސަލަ ފާސްވީ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހައި މެންބަރުންގެ އިއްތިފާގުންނެވެ.
"އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް ރަމަޟާން މަހުގެ އިނާޔަތު ފައިސާ ހޯދައި ދިނުމަށް އަޅުގަނޑު ހުށަހެޅި މައްސަލަ މިއަދު ބޯޑުގައި އެޖެންޑާ ކުރެވި، މަޝްވަރާ ކުރެވުނު. މިކަމުގައި ޓަކި ޖެހި ފުރަތަމަ ދޮރު ހުޅުވިގެން މިދިޔައީ އަންހެނުންގެ ކޮމެޓީތަކަށް އުންމީދު ގެނެސްދީފައި. އެ ހައްޤު ހޯދައި ދިނުމަށް އަޅުގަނޑު ހުންނާނަން." އެލްޖީއޭގެ ނިންމުމަށް މަރުހަބާ ދަންނަވަމުން ނިމާލް ވިދާޅުވިއެވެ.