ދީން

ވަކިވުމުގެ ކުރީން، ޢަލީގެ ސިޔަރަތުން ފިލާވަޅެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ކެންސަރަކީ ހަދިޔާއެއް ކަމަށް ބަލައިގަތް ޒުވާން ޢަލީ ބަނާތުގެ ސިޔަރަތަކީ އުއްމަތުގެ ފަޚުރެކެވެ. ޒުވާނުންނަށް ނަމޫނާއެކެވެ. ދިރިތިބީންނަށް ޢިބުރަތެކެވެ. މީގެ ހަތަރު އަހަރު ކުރީގެ ރޯދަ މަހުގައި ދުނިޔެއާ ޢަލްވަދާޢު ކީ ޢަލީ ބަނާތުގެ ޛިކުރާ އައުކޮށްލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ދައުވަތު އަރުވަމެވެ.

Ads by Sosun Fihaara

ޢަލީއަކީ ކާކު؟

ޢަލީ ބަނާތަކީ ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ އޮސްޓްރޭލިއާއަށް އުފަން ޒުވާނެކެވެ. އުފަންވީ 28 ނޮވެމްބަރ 1982ގައެވެ. ޙަޔާތުގެ އެންމެ ލޭ ހޫނު ދުވަސްވަރު އޭނާވީ ދިރިއުޅުމުގައި ކާމިޔާބު މީހަކަށެވެ. އޭނާއަކީ ކޮލެޖްގެ ގުރެޖުއޭޓެކެވެ. ވިޔަފާރީގައި އޭނާ ކުރިއަރައި ދިޔައެވެ. ސެކިޔުރިޓީއާއި އިލެކްޓްރިކަލް ކުންފުންޏެއް އޭނާ ހިންގިއެވެ. ޢަލީ ބަނާތުގެ އަމިއްލަ މި ކުންފުނީގެ ތަނަވަސްކަމާ އެކު އޭނާ ވެސް އުޅެމުން ދިޔައީ ތަނަވަސް ދިރިއުޅުމެކެވެ. އަގު ބޮޑު ދިރިއުޅުމަކަށް ލޯބިކުރި ޢަލީ ބަނާތު ގެންގުޅޭ އައިނު، ގަޑި،ބޫޓް އަދި ކާރު ފަދަ ތަކެތީގެ ޢަދަދު ގިނައެވެ. ކޮންމެ އެއްޗަކުން ވެސް މަޝްހޫރު ބްރޭންޑްތައް މިލްކުގައި ވުމީ އޭނާ ޝައުގުވެރިކަމާ އެކު ކުރަމުން ދިޔަ ކަމަކަށެވެ.

މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޢަލީ ބަނާތު ކައިވެންޏެއް ކުރިއެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާގެ އަންހެނުންނަކީ އިރީނާ މޯސެސްއެވެ. ނަމަވެސް މީޑިއާގެ އެއްވެސް ވަޞީލަތަކުން އޭނާގެ ފޮޓޯއެއް ނުވަތަ އިތުރު ތަފްޞީލެއް ފެނިފައެއް ނުވެއެވެ.

ޢަލީގެ ދިރިއުޅުން ފުށުން ޖަހައިލުން

ޢަލީ ބަނާތުގެ ދިރިއުޅުން ފުށުން ޖަހައިލީ 2015ވަނަ އަހަރުއެވެ. ޞިއްޙީ އެކި މައްސަލަތަކާ ގުޅިގެން ޑޮކްޓަރަށް ދައްކައި ހެދި ޓެސްޓްތަކުން ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ. އެކަން ދެނެގަނެވުނު އިރު އޭނާ ހުރީ އެންމެ ފަހު ސްޓޭޖުގައެވެ. ދިރިހުރެވޭނެ ކަމަށް ޑޮކްޓަރުން އުއްމީދުކުރީ ހަތް މަސް ދުވަހުއެވެ.

މިކަން ވީ ޢަލީ ބަނާތުގެ ދިރިއުޅުން ބަދަލުކޮށްލަން ލިބުނު ފުރުޞަތަކަށެވެ. ﷲ ތަޢާލާ ދެއްވި އެންމެ ކުދިކުދި ނިޢުމަތްތަކާ މެދުގައި ވެސް ވިސްނެން ފެށި ، އެކަންކަމާ ޝުކުރުކުރެވެން ފެށިއެވެ. މި ދުނިޔޭގެ ދިރިއުޅުމަކީ އަގެއް ނެތް އެއްޗެއްކަން އިހްސާސްވިއެވެ. އޭނާގެ މުއްސަނދި ދިރިއުޅުމުގައި މާނައެއް ނެތްކަން ވިސްނުނެވެ. އެ ހިނދު ދިރިހުރުމުގެ އުއްމީދު އޮތް 7 މަސް ދުވަހުގެ ޙަޔާތް މުޅީން ބަދަލުކޮށްލަން އޭނާ އަޒުމްކަނޑައަޅައި އެ ގޮތުގައި މަސައްކަތް ކުރިއެވެ. އަގު ބޮޑެތި ކާރުތަކާއި ގަޑިއާއި ތޮއްޕާއި ބޫޓާއި މިހެން ގޮސް ކޮންމެ ބާވަތެއްގައި ވެސް ހިމެނޭ މުއްސަނދި ކަލެކްޝަންތައް ﷲގެ މަގުގައި ހޭދަ ކުރުމަށް ޓަކައި ވިއްކައިލިއެވެ. އަދި މުދަލުގެ އިތުރުން އޭނާގެ އަތުގައި ހުރި ހަލައްކައެއްހައި ޑޮލަރު (10 މިލިއަނެއްހައި ރުފިޔާ) ޞަދަޤާތަށް ދޫކޮށްލިއެވެ. މުސްލިމްސް އެރައުންޑް ދަ ވޯލްޑް (އެމްއޭޓީޑަބްލިޔު)ގެ ނަމުގައި އޭނާގެ ޞަދަޤާތުގެ މަސައްކަތް ފެއްޓިއެވެ. ލަހެއް ފަހެއް ނުވެ އެފްރިކާގައި އޭނާގެ ޚިދުމަތްތައް ފުޅާ ވެގެން ދިޔައެވެ. ޢާލަމްތަކުގެ ވެރި ރައްބު ﷲ ތަޢާލާއާ ބައްދަލުކުރަން ޖެހޭނެ ވަގުތަށް ތައްޔާރުވިއެވެ.

ޢަލީ ޙަޔާތުގެ ފަހު ތިން އަހަރު ހޭދަކުރީ މި ފަދަ މަސައްކަތްތަކުގައި

މި ހުރިހައި ވާހަކައެއް ދުނިޔެއަށް އެނގިގެން ދިޔައީ ، އަނދިރިކަމުގެ ތެރެއިން ހިދާޔަތުގެ އަލިކަން ލިބުނު މުޙައްމަދު ހޮބޮލޮސްއަށް ޢަލީ ބަނާތު ދިން އިންޓަވިއެއްގައެވެ. "ކެންސަރުގެ ހަދިޔާ"ގެ ނަމުން މަޝްހޫރުވި މި އިންޓަވިއު ވެގެން ދިޔައީ ވަރަށް ގިނަ ބައެއްގެ ވިސްނުން ބަދަލުކޮށްލި އިންޓަވިއުއަކަށް ވެސް މެއެވެ.

މި އިންޓަވިއުގައި ޢަލީ ވަނީ އަސަރު ގަދަ މެސެޖުތަކެއް ދީފައެވެ. އޭނާ ބުނީ އޭނާއަށް ކެންސަރު ޖެހުނުކަމީ ދިރިއުޅުން ބަދަލުކޮށް ﷲއާ ކުއްތަންވުމަށް ލިބުނު ފުރުޞަތެއް ކަމަށާއި އެހެންކަމުން އެ ބައްޔަކީ އޭނާއަށް ލިބުނު ހަދިޔާއެއް ކަމަށެވެ. މި ހަދިޔާއާ އެކު ދުނިޔެއާ މެދު އޭނާގެ ހިތުގައި އޮތް ފުން ލޯތްބާއި ވަރުގަދަ ޝައުގުގެ ޖަޒުބާތު އެކީއެކަށް ކެނޑުނެވެ.

ޢަލީ ބުނީ ހަލައްކަ ޑޮލަރުގެ އަގު ބޮޑު ކާރަކަށް ވުރެ ނިކަމެތި ކުއްޖެއްގެ ހިނިތުންވުން އޭނާއަށް މާ އަގުބޮޑު ކަމަށެވެ.

ޢަލީ، ޓޯގޯގެ ނިކަމެތި ކުދީންނާ އެކު، ކާރަކަށް ވުރެ އެންމެ ކުއްޖެއްގެ ހިނިތުންވުން އަގު ބޮޑުކަމަށް ފާހަގަކުރި

"ކެންސަރު ބަލީގައި ނިޔާވި އަޚެއްގެ ޖަނާޒާއަށް އަހަރެން ޤަބުރުސްތާނަށް ދިޔައިން ، އެ ހިނދު އަހަރެންގެ ނަފްސު އަހަންނަށް ބުނެދިން ، މަރުވުމަށް ފަހު އެއީ އެކަނިވެރިވީ ، މަންމައެއް ބައްޕައެއް ބޭބެއެއް ދައްތައެއް ނެތް ، ހަމައެކަނި އެކީގައި ވާހުށީ ހެޔޮ ޢަމަލުތައް ، މަރުވުމަށް ފަހު ވެސް އެހީތެރިވެދޭނެ އެއްޗަކަށް އޮތީ ޞަދަޤާތް" ﷲއާ ބައްދަލުކުރަން ޖެހޭ ވަގުތަށް ތައްޔާރުވުމުގައި ގިނަ ވަގުތު ހޭދަކުރަމުން ދިޔަ ޢަލީ ބުނެފައި ވެއެވެ.

އޭނާ ބުނީ ދުނިޔެ ދޫކޮށްފައި ދާއިރު މިލްކުގައި އެއްވެސް މުދަލެއް މާލެއް ބަހައްޓަން ބޭނުން ނުވާ ކަމަށާއި ދުނިޔެއިން ނިކުމެގެން ދާން ބޭނުން ވަނީ މިލްކުގައި އެއްޗެއް ނެތި ހުސްއަތާ ކަމަށެވެ.

ޢަލީއަށް ﷲ ދެއްވި ގިނަ ވަގުތު

އުމުރުން އެންމެ 33 އަހަރުގައި ކެންސަރު ޖެހި ދިރިއުޅުމުގެ އުއްމީދު އޮތް ހަތް މަސް ދުވަހު ޢަލީ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޓޯގޯ ،ބުރުކީނަފާސޯ، ބެނިން އަދި ގާނާގައި މިސްކިތްތަކާއި ޔަތީމްޚާނާތަކާއި ހުވަފެން އަނބިންނާއި އެމީހުންގެ ދަރީން ދިރިއުޅޭނެ ތަންތަނާއި މަދަރުސާތަކުގެ އިތުރުން ފެންވަޅުތައް ބިނާކުރިއެވެ. ނިކަމެތީންނަށް އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދީ އެތައް ބަޔަކަށް ކެއުން ބުއިން ފޯރުކޮށްދިނެވެ. ކުރުކޮށް ބުނާ ނަމަ މުޅި މިލްކިއްޔާތު ވަޤުފްގެ ގޮތުގައި ﷲގެ މަގުގައި ހޭދަކުރިއެވެ.

ޢަލީގެ ޕްރޮޖެކްޓުން ބިނާކުރި މިސްކިތެއް

މި ހުރިހައި ކަމަކާ އޭނާ ކުރިމަތިލީ ހަތް މަހުގެ ދިރިހުރުމުގެ އުއްމީދަކާ އެކީ ނަމަވެސް ﷲތަޢާލާ އޭނާ ކުރަން ނިކުތް މަސައްކަތުގައި ބަރަކާތް ލެއްވިއެވެ. ވަގުތު ދެއްވިއެވެ. 7 މަސް ދުވަހުގެ ބަދަލުގައި ތިން އަހަރު ﷲތަޢާލާ އޭނާއަށް ދެއްވިއެވެ.

ޢަލީގެ މަރާއި ޖަނާޒާ އަދި ޢަލީގެ ރަޙުމަތްތެރިއަކަށް ފެނުނު ހުވަފެން

ކެންސަރު ބަލީގައި ހޭދަކުރި ވޭން ހުރި ދިރިއުޅުމާ އެކު ވެސް އެތައް ލައްކަ ރައްޔިތުންނެއްގެ މޫނު މައްޗަށް ހިނިތުންވަމުން ހޯދައިދެމުން ދިޔަ ޢަލީ ބަނާތު ނިޔާވީ މެއި 29، 2018ގައެވެ. އާދެ! ބަރަކާތްތެރި ރަމަޟާން މަހުގެ 11ވަނަ ދުވަހުގައެވެ.

ބަލި ބޮޑުވަމުން ދިޔައިރު އޭނާ ދިޔައީ މީސްމީޑިއާ މެދުވެރިކޮށް ވަރަށް ގިނައިން އާންމުންނާ ބައްދަލުކުރަމުންނެވެ. އޭނާ ނެތް ދުނިޔެއެއްގައި ވެސް އޭނާ ފެށި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށާއި މީސްތަކުންނަށް އަޅައިލުމަށް އެ ބައްދަލުވުންތަކުގައި އޭނާ ނަޞޭޙަތްތެރިވަމުން ދިޔައެވެ.

ޢަލީގެ ޞަދަޤާތެއް، އޭނާގެ ސަބަބުން މިއަދު އެތައް ހާސް ބަޔަކަށް ލުއިފަސޭހަކަން ލިބިފައިވޭ

ޢަލީގެ ދޫ ހަރަކާތްކުރި އެންމެ ފަހު ވަގުތުކޮޅުގައި ވެސް އޭނާ ދިޔައީ ﷲގެ އާޔަތްތައް ކިޔަވަމުންނެވެ. އޭނާ އެންމެ ފަހުން ކިޔަައިފައި ވަނީ ބަޤަރާ ސޫރަތުގެ ފަހު އާޔަތްތަކެވެ. ފަހު ނޭވާ ދޫކޮށްލީ ތައުހީދުގެ ކަލިމައިގެ އިޤުރާރާއެކީގައެވެ. ﷲ އަކްބަރު! އަލްހަމްދު ލިﷲ!

ޢަލީ ބަނާތުގެ ޖަނާޒާގައި މުސްލިމުންގެ އާބާދީ ކުޑަ އޮސްޓްރޭލިއާގައި ދިރިއުޅޭ ގިނަ މުސްލިމުން ބައިވެރިވެފައިވެއެވެ. ކަށު ނަމާދުކޮށް ޢަލީގެ ހަށިގަނޑު ވަޅުލުމަށް ފަހު ޤަބުރުސްތާނުގައި ވެސް ޝައިޚް ވަނީ އަސަރުގަދަ ދަރުހެއް ދެއްވައިފައެވެ.

ޙަމްދާއި ޘަނާއާއި ޞަލަވާތަށް ފަހު ޝައިޚް ވިދާޅުވިއެވެ.

"ޢަލީއާ ބެހޭ ގޮތުން ފުރަތަމަ އެއްޗެއް ބުނެލާނަން، އޭނާ ދުނިޔޭގައި ހުރި އިރު މި ވާހަކަ އަހަރެން ނުބުނީ އޭނާއަށް މި ވާހަކައަކީ ފިތުނައަކަށް ވެދާނެތީ ، މިހާރު އޭނާގެ މަހާނަ ކައިރީގައި ހުރެގެން އަހަރެން މި ބުނަނީ ،

ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވައިފައިވޭ،أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ، މާނައީ ، ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ولىّ ންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ.

الَّذِينَ آمَنُوا وَكَانُوا يَتَّقُونَ ، މާނައީ ، އެއުރެންނަކީ إيمانވެ، تقوى ވެރިވެ އުޅުނު މީހުންނެވެ.

لَهُمُ الْبُشْرَىٰ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ ۚ لَا تَبْدِيلَ لِكَلِمَاتِ اللَّهِ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ، މާނައީ ދުނިޔޭގެ حياة ގައްޔާއި، آخرة ގައި އެއުރެންނަށް އުފާވެރިކަމުގެ خبر ހުށްޓެވެ. اللَّه ގެ كلمةފުޅުތަކަށް ބަދަލުވުމެއް ނާންނަ ހުއްޓެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ.

އަބުއްދަރުދާއު ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިއަހަށް ވަޑައިގެން ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާއެވެ. މުއުމިން އަޅާއަށް ދުނިޔެ މަތީގައި ލިބޭނޭ އުފާވެރި ޚަބަރަކީ ކޮބައިތޯއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. (ބަޔާންކުރެވުނު)އާޔަތް ބާއްވައިލެއްވުނު ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ވެސް އެއްވެސް މީހަކު ތިޔަ ސުވާލުކޮށްފައެއް ނުވެއެވެ. ﷲގެ ވަލިއްޔުންނަށް ލިބޭ އެންމެ އުފާވެރި ޚަބަރަކީ މަރުވާ ވަގުތުގައި އޭނާއަށް ފެންނަ ހުވަފެނެވެ. ނުވަތަ އޭނާއާ ބެހޭ ގޮތުން މުއުމިން އަޅަކަށް ފެންނަ ހުވަފެނެވެ.

މި ހާދިސާއަށް ރިއާޔަތްކޮށް އަހަރެން މި ބުނަނީ ... މީގެ ދުވަސްކޮޅެއް ކުރީން ޢަލީގެ ރަޙުމަތްތެރިއެއް ކަމަށްވާ ޢުމަރަށް ހުވަފެނުގައި ފެނުނު ދިގު ގަހެއް، އަދި ޢަލީ އެ ގަހަށް އަރަމުން ދަނިކޮށް ފެނުނު ، އެންމެ ފަހުން އެ ގަހުގެ ވަރަށް މައްޗަށް ޢަލީއަށް އެރުނު ތަނާ އޭނާ ވެއްޓި މަރުވި ، އެ ތަނުގައި އަހަންނާއި އަހަރެންގެ ރަޙުމަތްތެރި ޞަފްވާން ހުއްޓައި ފެނުނު ކަމަށް އުމަރު ބުނި ،

އަހަރެން އެ ހުވަފެން ތަޢުބީރު ކުރެވޭތޯ ބެލިން ،ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވޭ،

أَلَمْ تَرَ كَيْفَ ضَرَبَ اللَّهُ مَثَلًا كَلِمَةً طَيِّبَةً كَشَجَرَةٍ طَيِّبَةٍ أَصْلُهَا ثَابِتٌ وَفَرْعُهَا فِي السَّمَاءِ ، މާނައީ ، اللَّه، ރަނގަޅު ބަހެއްގެ مثال ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްގެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށްހެދި) މައްޗަށް އުފުލިފައިވާ ގަހެއްގެ مثال އެވެ.

މި ބަސްފުޅުގައިވާ ފަދައިން ހުވަފެނުން އެ ފެނުނު ގަހަކީ لا اله الا اللهގެ ކަލިމަ،

ޢަލީ އެ ގަހަށް އަރަމުން ދަނިކޮށް އެ ފެނުނު މަންޒަރަކީ އެ ކަލިމަ މަތީގައި ޢަލީ ޘާބިތުވެ ހުރި ހުރުން ، ގަހުން ވެއްޓި މަރުވުން އެ ބުނެދިނީ ، އޭނާ މަރުވާނީ لا اله الا اللهގެ  މަތީގައިކަން ،

ޢަލީ މަރުވުމުގެ ގަޑިއިރުތަކެއް ކުރީން އަހަންނާއި ޞަފްވާން ޢަލީއަށް ޒިޔާރަތްކުރިން ، އަދި ޢަލީގެ ބޯކޮޅުގައި ހުރެ އަހަރެން ޢަލީއަށް ޝަހާދަތް ލައިދިނިން ، (ބަލި ހާލަތު ހުރި ގޮތުން) އޭނާގެ ދުލުން އެ ލަފުޒުތައް ބޭރު ނުކުރެވުނު ކަމުގައި ވިޔަސް ، އޭނާ އެ ބަސްތައް ކިޔަމުން ދިޔަކަން އެނގޭ

މިއީ ފުރިހަމަވެގެން ދިޔަ އެ ހުވަފެނަކީ ، މިއީ މުއުމިން އަޅާއަށް ﷲ ދެއްވާ އުފާވެރި ޚަބަރަކީ، ﷲގެ ވަލިއްޔުންނާ އެކީގައި އޭނާ ލައްވާށި، އާމީން!

ޢަލީގެ ޙަޔާތަށް ބަލާއިރު އޭނާ ވަނީ ގިނަ ކަންތައްތަކެއް ޙާޞިލްކޮށްފައި، ފުރަތަމަ ކަމަކީ ކެންސަރުގައި ހޭދަކުރި ތިން އަހަރުގައި އޭނާ ޙާޞިލްކުރި ކެތްތެރިކަން ، އޭނާ ވަނީ ކެންސަރަކީ ﷲގެ ހަދިޔާއެއްކަން ބުނެ އިޤްރާރު ވެފައި ، އެ ކެތްތެރިކަމަށް ޓަކައި އޭނާގެ ކުރީގެ ހުރިހައި ފާފައެއް އިންޝާ ﷲ ، ފުއްސަވައި ދެއްވާނެ!

ދެވަނަ ކަމަކީ އޭނާ މަރުވުމުގެ ކުރީން އޭނާ ވަނީ ޞަދަޤާ ޖާރިއާ ނުވަތަ ދެމިގެންދާ ޞަދަޤާތެއް ބިނާކޮށްފައި ، އޭނާ ވަނީ އެމްއޭޓީޑަބްލިޔު ގާއިމްކޮށްފައި ، އެ ޞަދަޤާތުން މީސްތަކުންނަށް ފައިދާ ލިބިލިބި ހުރިހައި ދުވަހަކު ޢަލީއަށް އެކަމުގެ ހެޔޮކަން ލިބިގެންދާނެ ، އިންޝާ ﷲ، ޢަލީގެ އެ ޕްރޮޖެކްޓަކީ އޭނާގެ އިޚްލާޞްތެރި ޞަދަޤާ ޖާރިއާއެއް ކަމުގައި ލައްވާށި! އާމީން!

ﷲގެ މަގުގައި ޢަލީ ބިނާކުރި މިސްކިތެއް

ލޮބުވެތި އަޚުންނޭވެ! އަހަރެމެންގެ ކަންބޮޑުވުމަކީ ޢަލީއާ މެދު އޮތް ކަންބޮޑުވުމެއް ނޫން، އިންޝާ ﷲ އޭނާ ވާ ހުށީ ﷲގެ ރަޙުމަތުގައި ، އަހަރެމެންގެ ކަންބޮޑުވުމަކީ އަހަންނާއި ތިބާއާ މެދު އޮތް ކަންބޮޑުވުން ، އަހަރެމެންގެ ޙަޔާތުގައި ޔަގީންކަން އޮތް ހަމައެކަނި އެއްޗަކީ މަރު ، މާދަމާ ހޭލާއިރު ތިމާގެ ގާތުގައި އާއިލާ ތިބޭނެކަމުގެ ޔަގީންކަމެއް ނެތް ، ނޫނީ ޞަލާމަތް ޞިއްޙަތެއްގައި ހުންނާނޭ ކަމާމެދަކު ވެސް ޔަޤީންކަމެއް ނެތް" ދިގު ދަރުހުގައި ޝައިޚް ވިދާޅުވިއެވެ.

މަރުވުމަށް ފަހު ރިލީޒްކުރި ޢަލީގެ މެސެޖު

ޢަލީގެ މަރަށް ކުޑަ ތަން ވެއްޖެކަން ޑޮކްޓަރުން ލަފާ ދިނުމާ އެކު "ވަންޕާތު ނެޓްވޯކް"އިން ވަނީ ޢަލީގެ މެސެޖެއް ރެކޯޑްކޮށްފައެވެ. ޢަލީ ކަށްވަޅަށް ދިޔުމުން އެ މެސެޖު އާންމުންނަށް ފޯރުކޮށްދިނުމަށެވެ.

ޢަލީ: ކެތްތެރިކަމުގެ ނަމޫނާ ސަޚްސިއްޔަތެއް

ވަރަށް އުނދަގުލާއެކު ވާހަކަ ދައްކަމުން އެ މެސެޖުގައި އަލީ ބުނެފައި ވެއެވެ.

"އައްސަލާމް އަލައިކުމް! ތިޔަ އެންމެންނަށް އެނގޭނޭ ފަދައިން އަހަރެން މިހާރު މި ވަނީ މަރުވެފައި، އަލްހަމްދު ލިﷲ، މި ވީޑިއޯ ރެކޯޑްކޮށްލަން ބޭނުންވީ ފުރަތަމަ ދުވަހުން ފެށިގެން އަހަރެންނާއި އަހަރެންގެ މަސައްކަތުގައި އެއްބާރުލުންދީ ، އޮސްޓްރޭލިއާއަށް އައިސް އަހަންނަށް ހިތްވަރުދިން މީހުންނަށް ހެޔޮ އެދޭކަން ފާހަގަކޮށްލުމަށް، ﷲ ތިޔަ އެންމެންނަށް ހެޔޮ ދަރުމާ ދެއްވާށި، އަދި އަހަރެން ފެށި މަސައްކަތުގައި ތިޔަ އެންމެންގެ އެހީތެރިކަން ލިބުމުގެ ފުރުސަތު ދެއްވާށި،

މީގެ އިތުރުން ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަހަރެން ފުރަތަމަ ދޭން ބޭނުމީ ކުޑަ ނަޞޭޙަތެއް،

ދުނިޔޭގައި އަހަރެންނަށް އެތައް ނިއުމަތެއްތަކެއް ލިބިފައިވި ، ކާރާއި ބޭނުންވާ އެތައް އެއްޗެއް އަހަންނަށް ލިބުނު ، އަލްޙަމްދު ލިﷲ، އަހަރެން ބަލިވެއުޅުނު އިރުގައި އެތައް ބަޔަކު އަހަންނަށް މެސެޖުކުރި ، އެ މީހުން ބުނި ، އުއްމަތަށް ޓަކައި އަހަންނަށް އެތައް މަސައްކަތެއްކޮށްފި ، އަހަންނަށް ސުވަރުގެ ޔަގީން ވެއްޖެ ، އެހެން ނަމަވެސް ﷲ ގަންދީ ބުނަން، ހެނދުނު ހޭލައިގެން ތެދުވެ އަމިއްލައަށް ފާޚާނާއަށް ދެވުން ފަދަ އެތައް ނިޢުމަތްތަކަށް ބަލާއިރު އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭ ،

އަހަރެމެންގެ ތެރެއިން އެތައް ބަޔަކާ މަރު ބައްދަލުކުރަނީ ކުއްލިއަކަށް، ނައިޓް ކްލަބުގައްޔާއި އޯވަޑޯޒްވެގެން މީހުން މަރުވާ ޚަބަރު އަހަރެމެންނަށް ލިބޭ ، އެކަމަކު އަލްޙަމްދު ލިﷲ، އަހަރެންގެ ވަގުތު ކުޑަތަން ވަމުންދާ ކަމާއި ވަގުތު ޖެހިއްޖެކަން އަހަންނަށް ދިޔައީ އެނގެމުން

ލޮބުވެތި އަޚުންނާއި އުޚުތުން! ތިޔަބައި މީހުންގެ ދިރިއުޅުމުގައި ވެސް ޙާޞިލްކުރުމަށް ބޭނުންވާ ކަންކަމާއި ލަނޑުދަނޑިތައް ކަނޑައަޅާ!

ލޮބުވެތި އަޚުންނާއި އުޚުތުން! އަހަރެން ބަލިވެ އުޅުނުއިރު އެތައް ބަޔަކު އަހަންނަށް ޒިޔާރަތްކުރި ، ދުބާއީއާއި އެތައް ތަނަކުން 14،15ގަޑިއިރު ފްލައިޓްގައި ހޭދަކޮށްފައި އައިސް އަހަންނާ ބައްދަލުކުރި ، އެއްވެސް ފޮޓޯއެއް އެއްޗެއް ނުނަގާ، އެއީ ﷲއަށް ޓަކައި އެކަކު އަނެކަކަށް ލޯބިވުން

އަހަރެން އެންމެންނަށް ދޭން އޮތް ކުޑަކުޑަ ނަސޭޙަތަކީ ކަށްވަޅުގައްޔާއި އާޚިރަތުގައި ވެސް ހިތާމަކުރާން ނުޖެހޭ ފަދަ ކޮންމެ ވެސް ޢަމަލެއް ކުރޭ، ﷲ ތިޔަ އެންމެންނަށް ހެޔޮ ދަރުމަ ދެއްވާށި، ވައްސަލާމް ޢަލައިކުމް"

ތަޢުލީމްގެ ބިނާއެއް: މިފަދަ އެތައް ޢިމާރާތެއް ޢަލީ ވަނީ ﷲގެ މަގުގައި ހަދިޔާކޮށްފައި

ޢަލީއަކީ މިއަދު އިބުރަތެއް، ނަމޫނާއެއް

ކުރިން ވެސް ފާހަގަކޮށްލިގެން ޢަލީ ބަނާތުގެ ސިޔަރަތަކީ އިބްރަތްތެރި ސިޔަރަތެކެވެ. އެއީ އެކި ދަރުސްތަކާއި ދީނީ އެކި ހަރަކާތްތަކުގައި ޛިކުރުކުރެވޭ ވާހަކަތަކެކެވެ. ޝައިޚް ޖަލާލުއްދީން ޤާސިމީގެ ދަރުހެއްގައި އަލީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

"ﷲގެ ނަންފުޅު ގަނެވޭއިރު އަހަރެމެންގެ ހިތްތަކަށް އެއްވެސް އަސަރެއް ނުކުރޭ، އަލީއަށް ﷲގެ ނަންފުޅު ގަނެވޭއިރު ރޯން ފަށާ ، އޭނާގެ ހިތުގައި އެ އިލާހަށް އޮތީ ސާފު ލޯތްބެއް، މުޅި މިލްކިއްޔާތު ﷲގެ މަގުގައި އޭނާ ހޭދަކުރީ ، އެފްރިކާގައި މިސްކިތްތަކާއި މަދަރުސާތަކާއި ޔަތީމްޚާނާތަކާއި ފަޤީރުންނަށް ހިޔާވަހިކަން ބިނާކޮށްދިން ،

ކެންސަރު ޖެހި މަރު އައިސް ޖެހިއްޖެކަން އެނގުނީމާ މީހުން ބުނަނީ ކީކޭ! ބައެއް މީހުން ބުނޭ އެއީ ﷲގެ ޙަޟްރަތުން ލިބުނު އަޒާބެކޭ، މި އަލީ ބަނާތު ބުނީ ކީކޭ!އޭނާ ބުނީ އެއީﷲގެ ޙަޟްރަތުން އޭނާއަށް ލިބުނު ހަދިޔާއެކޭ!ﷲ އަކްބަރު!

މަރު އައިސް ބައްދަލުކުރި ހިނދު ، ޝަހާދަތް އިނގިލި ހިއްލައިލައި ޝަހާދަތުގެ ދެކަލިމައަށް އިޤުރާރުވެ ވަކިވެ ދިޔައީ، މަރުވެގެންދާކަން އެނގޭއިރު ވެސް ހީލައިފައި ބުނީ އަހަރެން ، އަހަރެންގެ ރައްބާ ބައްދަލުކުރަނީ ކަމަށް" އަސަރާއެކު ޖަލާލުއްދީން ދިން އެ ދަރުސްގައި ބުނެފައި ވެއެވެ.

ޢަލީ ، ވަޤުފު ފެންވަޅެއްގެ ކައިރީގައި

ހަދިޔާއެއްގެ ގޮތުގައި ބަލައިގަތް ކެންސަރު ބަލީގައި ޢަލީ ބަނާތު ދުނިޔެ ދޫކޮށް އެ ދިޔައީ ނަމޫނާ ދައްކައިފައެވެ. އުއްމަތަށް އެތައް ގިނަ ޚިދުމަތްތަކެއް ކޮށްދީފައެވެ. ޔަތީމްޚާނާތަކާއި މިސްކިތްތަކާއި ފެންވަޅުތަކާއި މަދަރުސާތައް ބިނާކޮށް ހިންގުމުގައި މިއަދު ވެސް ހަރަކާތްތެރިވާ އޭނާގެ ޕްރޮޖެކްޓްވެފައި އެ ވަނީ މަތިވެރި ޞަދަޤާތަކަށެވެ. ޢަލީގެ ޙަޔާތުގެ އަލީގައި އެހެން ޙަޔާތްތަކެއް ބަދަލުކޮށްލާނޭ ފަދަ ޢިބްރަތްތަކެއް ވެއެވެ.

  1. ކޮރަކަލި

    އަލީއަށް ސުވަރުގޭގެ ދާއިމީ މަތިވެރި ނިއުމަށް މިންވަރު ކުރައްވާށި ٱمين يارب المين