ޚަބަރު

ފޭކް ޕްރޮމޯޝަންތަކެއް ހިންގައި ފައިސާ ހޯދަމުން ދާތީ ސަމާލުވާން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ސޯޝަލް މީޑިއާގެ ޕޭޖުތައް ހަދައި، އެކި ޕްރޮމޯޝަންގެ ނަމުގައި ހަދައިފައިވާ ޕޯސްޓުތައް ޝެއާ ކުރުމަށް ބުނާތީ، އެކަމަށް ސަމާލުވުމަށް ފުލުހުން އަންގައިފިއެވެ.

Ads by STELCO

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ފޭކް ޕްރޮމޯޝަންތަކެއް ހިންގައި ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެފަދަ އެއްވެސް ކަމެއްގައި ބައިވެރި ނުވުމަށެވެ. އަދި ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެ ޕޯސްޓުތައް ޝެއާ ނުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ދެ ވައްތަރެއްގެ ފޭކް ޕްރޮމޯޝަން ޕޯސްޓުތަކެކެވެ. އެއީ:

▪︎ ހެޔޮ އަގުގައި ސައިކަލު ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެއް. މި ޕްރޮމޯޝަންގައި ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމެންޓް ނަގަމުންދާކަން ސަމާލުކަމަށް އައިސްފައިވޭ
▪︎ އެސްޓީއޯ ސުޕަމާޓުގެ ނަމުގައި، ފައިސާގެ އިނާމު ލިބޭނެ ކަމަށް ބުނާ ޕްރޮމޯޝަނެއް

މިކަމާ ގުޅޭ ގޮތުން އެސްޓީއޯއިން ރޭގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންނަށް ފައިސާގެ އިނާމު ލިބޭ ފަދަ އޮންލައިން ޕްރޮމޯޝަންތައް އެ ކުންފުނިން ކުރިއަށް ގެންދާނީ ހަމައެކަނި އެސްޓީއޯގެ އޮފިޝަލް ޕޭޖުގައި ކަމަށެވެ. އަދި ޕްރޮމޯޝަނެއްގައި ބައިވެރިވެ، އިނާމެއް ހަވާލުކުރަން އެސްޓީއޯއިން ކަސްޓަމަރުންނަށް ގުޅާނީ އެސްޓީއޯގެ ކޯލް ސެންޓަރު 1422 ނަންބަރުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!