ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފާޑު ވިދާޅުވެއްޖެއެވެ.
އީވާ ވިދާޅުވީ ސްޕޮންސަރތައް ދީގެން ދައުލަތުން މީޑިއާތައް ކޮންޓްރޯލްކުރުމަކީ ހިތާމަ ކުރަންޖެހޭ އާދައެއް ކަމަށެވެ. އަދި ސަރުކާރުގެ އެޖެންޑާ ފެތުރުމަށް, ރައީސް އޮފީހުންނާއި މިނިސްޓްރީތަކުންނާއި ދައުލަތުގެ ކުންފުނިތަކުން މިލިއަނުން, ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރަމުންދާ ކަމަށް އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މީޑިއާތަކަށް އެގޮތަށް ޚަރަދު ކުރުމަކީ ސަރުކާރުން މީޑިއާތަކަށް ނުފޫޒު ފޯރުވުން ކަމަށާއި ސަރުކާރުގެ ދައުރަކަށް ވާންވާނީ މީޑިއާތައް ގަނެލުން ނޫން ކަމަށާއި ސަރުކާރުގެ ދައުރަކަށް ވާންވާނީ މިނިވަން މީޑިއާއަށް ހިތްވަރު ދިނުން ކަމަށެވެ.
“ސްޕޮންސާޝިޕްގެ ޒަރިއްޔާއިން ދައުލަތުގެ މީޑިއާ ކޮންޓްރޯލް ކުރުމަކީ ކަންބޮޑުވާ ޓްރެންޑެއް. ސަރުކާރުގެ އެޖެންޑާ ފެތުރުމަށް, ރައީސް އޮފީހުންނާއި މިނިސްޓްރީތަކުންނާއި ދައުލަތުގެ ކުންފުނިތަކުން މިލިއަނުން, ދައުލަތުގެ މާލިއްޔަތުން ޚަރަދު ކުރުމަކީ ސަރުކާރުން މީޑިއާތަކަށް ނުފޫޒު ފޯރުވުން. ސަރުކާރުގެ ދައުރަކަށް ވާންވާނީ މިނިވަން މީޑިއާއަށް ހިތްވަރު ދިނުން, މީޑިއާތައް ގަނެލުމެއް ނޫން” އީވާ ވިދާޅުވިއެވެ.
އީވާ މިފަދައިން ވިދާޅުވީ “ރިޕޯޓާސް ވިތައުޓް ބޯޑާސް”އިން ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ ރޭންކިންގައި 15 ދަރަޖަ ފަހަތަށް ރާއްޖެ ވެއްޓުމާ ގުޅިގެންނެވެ.