އީސީއަށް ގޮސް ހޯދަންޖެހޭ ހިދުމަތްތައް ދިނުން މެދުކަނޑާލައިފި

އިލެކްޝަންސް ކޮމިޝަނަށް ގޮސް އާއްމު ފަރާތްތަކުން ހޯދަން ޖެހޭ ހިދުމަތްތައް ދިނުން އެ ކޮމިޝަނުން މެދުކަނޑާލައިފިއެވެ.
އިލެކްޝަންސް އިން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނީ ކޮވިޑް19 ގެ ނުރައްކާތެރިކަމުގެ ސަބަބުންނާއި އަދި އެ ބަލި ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެމުން އަންނަ އެއް ތަނަކީ އޮފީސް މާހައުލު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
އީސީ އިން ބުނީ އެ ކޮމިޝަނުން ވަކި ގޮތެއް އަންގަންދެން އޯގަސްޓް ހަތަރަކުން ފެށިގެން ކޮމިޝަނުން ދެމުންދާ އާންމު ހިދުމަތްތައް އީމެއިލް އަދި އީ-ގަވަމެންޓް (ޖެމްސް) މެދުވެރިކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން އެ ކޮމިޝަނުގެ ރަސްމީ ގަޑިއަކީ މާދަމާ އިން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކަމަށްވެސް އިލެކްޝަނުން ބުންޏެވެ.
އިލެކްޝަނުން ބުނީ ބަލި ފެތުރުން ހުއްޓުވުމަށް އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތުގައި އާއްމު ފަރާތްތަކުން އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.