ޔޫއޭއީ ރައީސްގެ ޖަނާޒާއަށް ރައީސް ޞާލިޙް ދުބާއީއަށް
ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ރައީސް، ޝެއިޚް ޚަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ރައީސް ޞާލިޙް ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގައެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަލީފާ ބިން ޒައިދު އަވަހާރަވި ހަބަރު އެއްސެއްވީ ފުން ހިތާމައާ އެކު ކަމަށާއި އެ މަނިކުފާނަކީ ވިޝަނަރީ ލީޑަރެއް ކަމަށެވެ. އަދި އެއީ ރާއްޖެއާ ގާތް ގުޅުމެއް ބޭއްވެވި ވެރިއެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަހަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމައިފައެވެ.
ޔޫއޭއީގެ ރަސްމީ އިދާރާތަކުން ހާމަކުރައްވައިފައިވާ ގޮތުގައި ރައީސް ޒައިދު އަލްނަހްޔާން އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އިއްޔެގެ ވަގުތެއްގައެވެ. އަވަހާރަވި އިރު އުމުރުފުޅުން 73 އަހަރެވެ.
ޝައިޚް ޒައިދަށް މީގެ އަށެއްކަ އަހަރު ކުރީން ވަނީ ސްޓްރޯކެއް ޖެހިވަޑައިގެންފައެވެ. އެ އާލާސްކަންފުޅު ދިގު މުއްދަތަކަށް ދެމިގެން ދިޔައެވެ.
ޝައިޚް ޒައިދު ވަނީ 2004ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ވެރިޔާގެ މަގާމު އަދާކުރައްވައިފައެވެ.
1948ވަނަ އަހަރު އުފަންވި ޝައިޚް ޚަލީފާއަކީ ޔޫއޭއީގެ ދެވަނަ ރައީސް އަދި އަބޫދާބީގެ އަމީރޭޓްގެ 16 ވަނަ ވެރިޔާއެވެ. 1971ވަނަ އަހަރު ޔުނައިޓެޑް އަރަބް އެމިރޭޓްގެ ޔޫނިއަން އުފެދުނު ފަހުން 2004ވަނަ އަހަރާ ހަމައަށް އެ ޤައުމުގައި ވެރިކަން ކުރަމުން ދިޔައީ، ޝެއިޚް ޒައިދުގެ ބައްޕާފުޅެވެ.
އެ މަނިކުފާނުގެ ވެރިކަމުގައި ޔޫއޭއީއަށް ވަނީ އެ ޤައުމުގެ ރައްޔިތުންނަށް ފުދޭ ދިރިއުޅުމެއް ކަށަވަރުކޮށްދޭ، ހަލުވި ތަރައްގީއެއް ގެންނަވައިފައެވެ.