އާދަކާދައާ ގުޅިފައިވާ ދުފުމުން މުޅި ދިރިއުޅުން ނުރައްކަލުގެ ތެރެއަށް!
ދުފުމަކީ ދިވެހިންގެ އާދަކާދައާ ގުޅިފައިވާ ، ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގެ އާދައެކެވެ. ކެއުމަށް ފަހުގައި ވެސް އަދި އެހެން ގިނަ ވަގުތުތަކެއްގައި ވެސް ދިވެހީންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާ އެއް ކަމަކީ ދުފުމެވެ. ކޮންމެ ދުވަހެއްގެ ޚަރަދުތަކުގެ ތެރެއިން ބޮޑު އިންސައްތައެއް އެކަމަށް ޚަރަދުކުރާ އެއް އާދައަކީ ވެސް އެއީއެވެ. ނަމަވެސް މިއީ ނުރައްކާތެރި އަދި ނުރަނގަޅު އާދައެކެވެ. ދުރުހެލިވާން މަޖުބޫރުކަމެކެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިއީ އެ ގައުމުތަކަށް އެތެރެކުރުން މަނާ އެއްޗެއް ކަމުގައި ވިޔަސް، ދިވެހިންގެ ތެރޭގައި ކުރިއްސުރެ ދުފުމުގެ ބާވަތްތައް ވެފައި ވަނީ، ޒަރޫރީ އެއްޗަކަށެވެ. މަޑިސީލައެއް، ދުފާ ތަބަކެއް ނުހުންނަ ގެއެއް، ދޯންޏެއް މަދުވާނެއެވެ. ހޮޓާ،ކެފޭތަކުން ކެއުން ނިންމައިލައި ނަޓްސްއަށް އޯޑަރުނުކުރާ މީހަކު ނުހުންނާނޭ ބުންޏަކަސް މުޅީން ދޮގަކަށް ނުވާނެއެވެ. ނަމަވެސް ހިތާމައަކީ ދުންފަތާ މެދު ހޭލުންތެރިކުރުވަން ކުރާ މަސައްކަތާ ގާތަށް ވެސް ދުފުމުގެ އާދައާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމެވެ. ދުފުން ވެފައި އޮންނަނީ އެކަމުގެ ވާހަކަ ނުދެކެވޭ މައުޟޫއެއްގެ ގޮތުގައެވެ. ދުންފަތް ޕެކެޓްގެ ބޭރުގައި އިންޒާރެއް ނަސޭޙަތް ބަޔާންކޮށްފައި އޮންނަ ނަމަވެސް ދުފުމާ މެދު އެފަދަ އެއްވެސް ޢަމަލެއް ނެތެވެ.
"ދެން"އިން އިންޑިއާގެ ހަތަރު ސިޓީއަކަށް ކުރި ފައްސިޔަ ދަތުރުގައި ފާހަގަވި އެއް ކަމަކީ، ދިވެހިންނެކޭ އެއްގޮތަށް އިންޑިއާ މީހުންނަކީ ވެސް ވަރަށް ގަދަޔަށް ދުފާ ބައެއް ކަމެވެ. އަނގަމަތި ރަތް ކޮށްލައިގެން، ކަންކަން މަތީ ތިބޭ ބޭބެއިންނާއި، ދުފައިލައިގެން ބާޒާރަށް ގޮސް އުޅޭ ދައްތަމެން ގިނަ އަދަދަކަށް އުޅެއެވެ. މިހެންކަމުން ދުފުމުގެ ސަބަބުން ސިއްޙަތަށް ލިބޭ ގެއްލުންތަކާއި ގުޅޭ ގޮތުން ދިވެހީންނަށް ބޭސްފަރުވާ ކުރުމުގައި ކޮންމެ ދުވަހަކު އަވަދިނެތިވެ އުޅޭ އިންޑިއާ ޑޮކްޓަރުން މިކަމާ މެދު ސުވާލުކޮށްލީމެވެ.
ޑޮކްޓަރުންގެ ޖަވާބުތަކަށް ދިއުމުގެ ކުރިން، މިކަމާ ގުޅޭ ގޮތުން ހެދި ކުޑަކުޑަ ދިރާސާއެއް ހިއްސާކޮށްލާނަމެވެ. 200 ބައިވެރިންނާ އެކު ކުރި މި ދިރާސާ ކުރީ ދުފުމާ ގުޅޭ ގޮތުންނެވެ. ދިރާސާގެ ނަތީޖާއިން ނުރައްކަލުގެ ރަނގަބީލުގެ އަޑު އިވެއެވެ.
އަޅުގަނޑުމެން ސުވާލުކޮށްލި 200 މީހުންގެ ތެރެއިން 176 މީހުންނަކީ ކޮންމެވެސް ވަރަކަށް ދުފާ މީހުންނެވެ. އެއީ 88 އިންސައްތައެވެ. އޭގެ ތެރެއިން 78 އިންސައްތަ މީހުން ކޮންމެ ދުވަހަކު ވެސް ދުފައެވެ. އަދި 70 އިންސައްތަ މީހުން ކޮންމެ ދުވަހަކު ތިން ފަހަރަށް ވުރެ ގިނައިން ދުފައެވެ. އަދި ސުވާލު ކުރި ފަރާތްތަކުގެ ތެރެއިން، 30 އަހަރާއި 18 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ސުޕާރީ ނުކަނީ އެންމެ މީހެކެވެ. އެއީ އެ އުމުރުފުރައިގެ ސުވާލު ކުރެވުނު 145 މީހުންގެ ތެރެއިންނެވެ. ނުދުފާ ޒުވާނުން ތިއްބަސް، އެ މީހުން ތިބީ ސުޕާރީގެ އަވައިގައި ޖެހިފައެވެ. ކިތަންމެ އަގު ބޮޑަސް، އާމްދަނީގެ ބޮޑު ބައެއް ސުޕާރީއަށް ހުސްކޮށްލަން ޖެހުނަސް އެއީ އެ މީހުންނަށް މުހިންމު ކަމެކެވެ.
ރާއްޖޭގައި ދުފާ މީހުންގެ އަދަދު ދެނެގަތުމަށް މިހައިތަނަށް ދިރާސާއެއް ހެދިފައެއް ނުވެއެވެ. ގައިމުވާ އެއް ކަމަކީ، ހަދައިފި ނަމަ މި ރާއްޖެ އޮންނާނީ އެ ރޭހުގެ ވަރަށް ކުރީގައި ކަމެވެ.
ދުފާ ފޯކުގެ ތާރީޚަށް ކުޑަކޮށް ބަލާލަމާ ހިނގާށެވެ. ފޯއް ރުށް އެންމެ ފުރަތަމަ ފެނުނު ކަމަށް ބުނަނީ ފިލިޕީންސްއިންނެވެ. މިހާރު ވެސް އެ ޤައުމަކީ ފޯއް އުފައްދާ އަދި ބޭރު ކުރާ ޤައުމުތަކުގެ ލިސްޓްގެ ކުރީގައި އޮތް ޤައުމެކެވެ. މިހާރު ދުނިޔޭގައި އެންމެ ގިނައިން ފޯއް ހައްދާ ޤައުމަކީ އިންޑިއާއެވެ. އދގެ ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2019ވަނަ އަހަރު ދުނިޔޭގައި ބޭނުންކުރި ފޯކުގެ ދެބައި ކުޅި އެއްބައި ބޭނުންކޮށްފައި ވަނީ އިންޑިއާގައެވެ. 2019ވަނަ އަހަރު ދުނިޔޭގައި 1.8 މިލިޔަން ޓަނުގެ ފޯއް ވަނީ ބޭނުންކޮށްފައެވެ. ދުނިޔޭގައި ދުފާ 600 މިލިޔަން މީހުން އުޅޭ ކަމަށް ވެއެވެ.
"އެންމެން ވެސް ދުފާތީ ދުފަނީ"
މިއީ ، ދުފަނީ ކީއްވެތޯ އުމުރުން 10 އަހަރުގެ ކުއްޖެއްގެ ގާތުގައި އެހުމުން ދިން ޖަވާބެވެ. ރަނގަޅު ވާހަކައެކެވެ. މިތަނުގައި ނުފުދާ މީހެއް ނެތެވެ. ބައްޔަށް މީހާ ހުށަހެޅުނަސް ވަރިހަމަ ކަމަށް ބަލައިގެން ދުފާ މީހުންނާއި، އެއީ ކިހައި ވަރެއްގެ ކަމެއްކަން ނޭނގި ދުފާ މީހުންނެވެ. ފޯއް ޕެކެޓާއި، ސުޕާރީއާއި ކިއްލި އަދި ޖަބްލާނީގެ އަވައިގައި ޖެހިފައިވާ މީހުންނެވެ. މި މީހުންނަށް މި ތަކެތީގެ ނުރައްކާތެރިކަން ކިޔައިދެން ޖެހެއެވެ.
އަނގައިގެ ކެންސަރު ޖެހޭ ސަބަބުތަކުގެ ތެރޭގައި ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއިން ފާހަގަކުރާ އެއް ސަބަބަކީ ދުފުމެވެ.
"ފާހަގަވޭ އިންޑިއާގައި ގޮތަށް ރާއްޖޭގައި ދުފުން ވަރަށް އާއްމު. ބައެއް ފަހަރު ހީވެފައި އޮންނަނީ ދުންފަތް ލައިގެން ދުފުމުންނޭ ނުރައްކާ ވަނީ. ފޯކަކީ އޭގެ ޒާތުގައި ވެސް ކެންސަރަށް މަގުފަހި ކުރުވާ އެއްޗެއް" އަމްރިތާ ހޮސްޕިޓަލުގެ ކެންސަރު ޑިޕާޓްމެންޓްގެ ހެޑް ޑރ. ޕަވިތްރަން ވިދާޅުވީ، ދުންފަތާ އެކު ދުފުމަކީ އެކަމުގެ ނުރައްކާ އިތުރުވާ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވާ ގޮތުގައި، ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް ގިނަ ކަމަށާއި އެކަމުގެ އަސްލު ޙަޤީޤީ ސަބަބު ދެނެގަނެވިފައި ނެތަސް، ދުފުމާއި ސިނގެރޭޓަކީ ކެންސަރަަށް މަގުފަހި ކުރުވާ ކަމެއް ކަމަށެވެ. އަދި އޭނާއަށް ދައްކާ އަނގައިގެ ކެންސަރު ޖެހިފައިވާ މީހުން ދުފާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކިމްސް ހޮސްޕިޓަލުގެ ހިތުގެ ޑިޕާޑްމެންޓްގެ ހެޑް ޑރ. ފަރްވީން ދެކެލައްވާ ގޮތުގައި ދުފުމާއި ދުންފަތް ބޭނުން ކުރުމާއި ހިތުގެ ބަލިތަކާ ވެސް ގުޅުން އެބަހުއްޓެވެ. އަދި ރާއްޖޭގައި މިކަންތައް ކުރުން އާއްމުކަން ފާހަގަ ކުރައްވައި މިކަމަށް ސަމާލުކަން ދޭން އިރުޝާދު ދެއްވިއެވެ.
"މިކަންކަމަކީ ވަގުތީ ހިތްހަމަ ޖެހުމެއް ލިބުން ނޫން އިތުރު އެއްވެސް ފައިދާއެއް ވާނެ ކަމެއް ނޫން. މިކަމުން ދުރުވާން އެބަޖެހޭ. މިކަމަކީ ކިހައި ނުރައްކާތެރި ކަމެއްކަން ބުނެދޭން އެބަޖެހޭ" ޑރ. ޕަރްވީން ވިދާޅުވީ ދުފުމަކީ އޭގެ ސަބަބުން ވަރަށް ގެއްލުން ލިބޭ ކަމެއް ކަމަށާއި އެކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން ކުޑަވެފައި ވަނީ މިކަމަކީ ކުރިއަރައިފައިވާ ޤައުމުތަކުގައި މަދު ކަމަކަށް ވާތީ ކަމަށެވެ.
"ކުރިއަރައިފައިވާ ޤައުމުތަކުގައި އެހައި ބޮޑަށް އާއްމު ކަމެއް ނޫން ދުފުމަކީ، އެހެންވެ ކަންނޭނގެ މިކަމަށް މާ ފުރިހަމަ ދިރާސާއެއް ނެތީ. ދުފުން އެންމެ އާއްމުއީ އޭޝިއާ ހިސާބުތަކުގައި. އޭޝިއާއިން ހުޅަނގަށް ދާ މީހުންގެ ސަބަބުން ހުޅަނގުގައި ވެސް ދަނީ ދުފުން އާއްމުވަމުން"
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ދުފުމަކީ ލޭގެ ޕްރެޝަރު މަތިވެ، ހާޓް އެޓޭކް ވެސް ޖެހުމަށް މަގުފައިވާ ކަމެކެވެ. މިކަމާ ގުޅޭ ގޮތުން ބޮޑު ދިރާސާއެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް އެނގޭ ކަމަކީ ދުފުމަކީ ކެންސަރަށް މަގުފަހިވާ ކަމެއް ކަމެވެ. ފޯކަކީ ކެންސަރަށް މަގުފަހިކުރުމުގެ ނުރައްކާ އެންމެ ބޮޑު ކާސިނޯޖެންތަކުގެ ތެރޭގައި، ދުންފަތާ އެއް ދަރަޖެއްގައި، ޑަބްލިޔުއެޗްއޯއިން މިހާރު ހިމަނައިފައިވާ ބާވަތެކެވެ.
ދުފަން އާދަވެފައި ހުންނަ މީހެއް ނަމަ ނުދުފާ ގިނައިރު ވުމުން ވިތްޑްރޯވަލް ސިމްޕްޓަމްސް ފެންނާނެއެވެ. އެއީ ޑްރަގެއް ބޭނުން ނުކުރުމުގެ ސަބަބުން ވާ އުނދަގޫތައް ފަދަ އުދަނގޫތަކެވެ. ބޮލުގައި ރިއްސާ، ރުޅިގަދަވުން ފަދަ ކަންކަން ދިމާވާނެއެއެވެ. ދުފުމުން ދުރުވާން ބޭނުން ނަމަ އެކަން ހުއްޓައިލައި އަދި ދުފަން ބޭނުންވާ ކޮންމެ ގަޑިއަކު ކާފުރުތޮޅިއެއް ނުވަތަ ކަރަންފުލެއް ކައިލުން ބުއްދިވެރިއެވެ. މިއީ ސިއްޙަތަށް ފައިދާ ހުރި ކަމަށް ދިރާސާތަކުން ދައްކާ ތަކެއްޗެވެ.
ނިންމައިލަމުން ވެސް ބުނެލަން ބޭނުމީ މި ވާހަކައެވެ. ބުރަ މަސައްކަތުން ހޯދާ ފައިސާއިންނާއި އަގު ބޮޑު ވަގުތުތަކުގެ އަގު އަދާކުރާށެވެ. ޞިއްޙަތާ މެދު ރައްކާތެރިވާށެވެ. މި ކަންކަމަކީ ދުފުމުގެ ކުރިމަތީގައި ދެރަކަންކަމަށް ނުހަދާށެވެ. ދުންފަތެކޭ އެއްގޮތަށް ދުފުމާ ވެސް ދުރުވާންވީ ވަގުތު މިއޮތީ އައިސް ޖެހިފައެވެ.