ޚަބަރު

މިވަގުތު ރާއްޖޭގައި މަންކީޕޮކްސް ފެތުރުމުގެ ރިސްކު ކުޑަކަމަށް ލަފާ ކުރެވޭ: އެޗްޕީއޭ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ޔޫރަޕުގެ އެކި ޤައުމުތަކާއި އެމެރިކާ ފަދަ ޤައުމުުތަކުގައި މިހާރު ފެތުރެމުން އަންނަ މަންކީޕޮކްސް ބަލި މިވަގުތު ރާއްޖޭގައި ފެތުރުމުގެ ރިސްކު ކުޑަކަމަށް ލަފާ ކުރެވޭކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

Ads by STELCO

އެޗް.ޕީ.އޭއިން ނެރުނު ބަޔާނެއްގައި ބުނީ، 21 މެއިއާ ހަމައަށް ރާއްޖެއިން އަދި އަވައްޓެރި ޤައުމަކުން ވެސް މަންކީޕޮކްސް ފެނިފައި ނުވާކަމަށެވެ. އެހެން ނަމަވެސް، ގިނަ ޤައުމުތަކުން ބަލި އުޅޭތޯ ދެނެގަންނަން ފެށުމުން އިތުރު ޤައުމުތަކުން މި ބަލީގެ ވޭދަނަތައް ފެނިދާނެކަމަށް ބެލެވޭކަމަށެވެ.

21 މެއިއާ ހަމައަށް 12 ޤައުމެއްގައި މިބަލީގެ 92 ވޭދަނަ ފެނިފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް ރިޕޯޓުކޮށްފައިވާކަމަށް އެޗް.ޕީ.އޭގެ ބަޔާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މި ޤައުމުތަކަށް މި ބަލީގެ ވޭދަނަތައް އައި ގޮތް އެ ޤައުމުތަކުން މިހާރު ދިރާސާ ކުރަމުން ގެންދާކަމަށް ވެސް އެޗް.ޕީ.އޭގެ ބަޔާނުގައި ބުނެފައިވެއެވެ.

މަންކީޕޮކްސްއަކީ ކަށިވިދުރި ޖައްސާ ވައިރަސްއާއި އެއް އާއިލާގެ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތައިލާޏް ޖެހި ވެކްސިންއިން މަންކީޕޮކްސްއިން ވެސް ރައްކާތެރިކޮށްދޭކަމަށް އެޗް.ޕީ.އޭއިން ބުނެފައިވެއެވެ. 1980ވަނަ އަހަރު ދުނިޔޭން ކަށިވިދުރި ނައްތާލު މާއެކު އޭގެ ވެކްސިން ޖެހުން ހުއްޓައިލުމަށް ފަހު މިވީ އަހަރުތަކުގެ ތެރޭގައި މަންކީޕޮކްސްގެ ވޭދަނަތައް، ހާއްސަކޮށް މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ވަނީ އިތުރުވެފައެވެ.

މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައްޔާއި، ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮއްލުން ހިމެނެއެވެ. އެއަށް ފަހު 1 ދުވަހާއި 4 ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެެވެ. މި ބިހިތައް ނަގާއިރު ފަތިކޮށް ހުންނައިރު އެއަށް ފަހު ފެން ފޮޅަށްވެ އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައެވެ. ދެން ފޮޅުތައް ފަށައިގެންގޮސް ކުރަލައެވެ. ކުރައިގެ ދަށުން އައު ހަންގަނޑު އުފެދި، ކުރަ ވެއްޓެއް ދެން ބަލި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ. މި ބައްޔަށް ސީދާ ފަރުވާއެއް ނެތް ނަމަވެސް، ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއަށް ފަހު ގިނަ މީހުން ބަލިން ރަނގަޅުވެއެވެ.

އާއްމުކޮށް މި ބައްޔަކީ މި ބަލީގެ ވައިރަސް ހުންނަ ޖަނަވާރުންގެ ކިބައިން ފެތުރޭ އެއްޗެކެވެ. ނޭވާލާ ނިޒާމުގެ ބަލިތަކާ ޚިލާފަށް އިންސާނުންގެ ތެރޭގައި މި ބަލި ފެތުރެނީ ގިނައިރު އެއްތަންވެގެންނެވެ. މީގެ އިތުރުން އެކަކުގައިން އަނެކަކު ގަޔަށް މި ބަލީގެ ވައިރަސް ފެތުރެނީ، ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި ބަލި މީހާގެ ހެދުމާއި ބެޑްޝީޓު އަދި ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!