ޚަބަރު

ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އާންމުކުރަން ފަށައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް/ ފޮޓޯ: އަވަސް

ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމު ކުރަން ފަށައިފިއެވެ.

Ads by STELCO

އީސީން މިއަދު ބުނީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮތުގައި ދަފްތަރުކުރަން ސިޔާސީ ޕާޓީތަކުން ހުށަހަޅާ މީހުންގެ ފޯމު ދަފްތަރު ކުރުމުގެ ކުރިން ކޮމިޝަނަށް ހުށަހަޅައިފައިވާ ފޯމުތަކަކީ ސައްހަ ފޯމުތައް ކަމަށް ކަށަވަރު ކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެ ގޮތުން ކޮމިޝަނުން ކަނޑައެޅި އުސޫލުގެ ދަށުން ފޯމުގައިވާ މައުލޫމާތުގެ ތެރެއިން މީހެއްގެ ފުރިހަމަ ނަމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފަހު ތިން އަދަދާއި ދަފްތަރުކޮށް ދިނުމަށް އެދި ހުށަހަޅައިފައިވާ ޕާޓީގެ ނަން ހިމެނޭ ގޮތަށް މިއަދު ވަނީ އާންމު ކުރަން ފަށައިފައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އީސީން ބުނީ ސިޔާސީ ޕާޓީތަކަށް ވަންނަ މީހުންގެ މައުލޫމާތު ޝަކުވާއަށް ވެސް ހުޅުވައިލައި އާންމުކޮށް ކޮމިޝަނުގެ ވެބްސައިޓްގައި ހިމަނައިފައިވާ ކަމަށެވެ. އަދި ފޯމުގައި ދަފްތަރުވުމަށް އެދި ހުށަހަޅައިފައިވާ މީހުންގެ މޯބައިލް ނަންބަރަށް މެސެޖު ވެސް ކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

އިލެކްޝަންސުން މިއަދު އާންމު ކޮށްފައިވާ ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ ޝަކުވާ ހުށައަޅާ ފޯމު މެދުވެރިކޮށް 29 މޭ 2022ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހުގެ 3:00ގެ ކުރީން އެ ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހެޅުމަށް ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected]އަށް ފޯމު ފޮނުވުމަށް އީސީން އެދިފައިވެއެވެ.

އީސީން މިއަދު ކުރި އިއުލާނުގައި ޝާއިއު ކޮށްފައިވާ ލިސްޓުގައި ހިމެނެނީ:

- ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)ގެ 23 ފޯމު

- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމް.ޑީ.އޭ)ގެ 105 ފޯމު އަދި

- މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ)ގެ 245 ފޯމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!