ޗައިނާއިން ވަގު މަސްވެރިކަން ކުރުން ހުއްޓުވުމަށް "ކުއާޑް"އިން މަޝްރޫއެއް ފަށަނީ
އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާއިން ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ބެލުމަށް ޓަކައި، ކުއަޑްރިލޭޓަރަލް ސެކިއުރިޓީ އެލަޔަންސް (ކުއާޑް)އިން "އައި އިން ދަ ސްކައި"ގެ ނަމުގައި ސެޓެލައިޓް ބޭސްޑް މެރިޓައިމް ސެކިއުރިޓީ އިނީޝިއޭޓިވްއެއް ފަށަން ތައްޔާރުވެއްޖެއެވެ.
ސެޓެލައިޓް ބޭސްޑް ސިސްޓަމްގެ ސަބަބުން ކުއާޑް ގައުމުތަކަށް ފާރަވެރިވެ، މަސްބޯޓްތައް ޓްރާންސްޕޮންޑާތައް ނިއްވައިލި އިރު ވެސް ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން މޮނިޓާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކުއާޑްއިން ބުނެފައިވެއެވެ.
މި މަހުގެ 24ވަނަ ދުވަހު ބާއްވާ ކުއަޑްރިއަލް ސެކިއުރިޓީ ޑައިލޮގްގެ ކުރިން، ހަތަރު ގައުމުގެ އެންމެ އިސް ލީޑަރުން ކަމަށްވާ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި، އަލަށް އިންތިޚާބުވި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލަބަނީޒްއާއި، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ މަޝްވަރާ ކުރައްވާނީ، މިނިވަން އަދި ހުޅުވައިލެވިފައިވާ އިންޑޯ-ޕެސިފިކް ކަނޑުގެ ސަރަހައްދުގެ ގައުމުތައް ދެމެހެއްޓުމުގެ މަގްސަދުގައި ކަމަށް ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓް ކޮށްފައި ވެއެވެ.
ކުއާޑް ބިނާވެފައި ވަނީ ޑިމޮކްރަސީއާއި، ތަހުޒީބާއި، ބާޒާރުގެ އިޤްތިޞާދުގެ މައިގަނޑު އަގުތައް ޙިއްޞާކުރާ ގައުމުތަކުގެ މައްޗަށެވެ. އަދި އެ ޤައުމުތަކުގެ ކޯޕަރޭޓިވްތައް މައިގަނޑު ގޮތެއްގައި ބައްޓަންކުރަނީ އިންޑޯ ޕެސިފިކްގައި ޞުލްޙައާއި ހަމަޖެހުމާއި ފާގަތިކަން ކުރިއެރުވުމުގެ ލަނޑުދަނޑިތަކުގެ ދަށުންނެވެ.
ފައިނޭންޝަލް ޓައިމްސް ނޫހުން ބުނީ ކުއަޑް ގްރޫޕް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އިންޑޯ-ޕެސިފިކް ސަރަހައްދުގެ ސްޓްރެޓީޖިކް އަދި މުހިންމު ކަނޑުގެ މަގުތައް މިނިވަންކަމާ އެކު ނުފޫޒުން އެއްކިބާކޮށް ހިފެހެއްޓުމަށް ކަމަށާއި އެ އެލަޔަންސްގެ މައިގަނޑު އަނެއް މަގުސަދަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ދަރަނި ވެރިވެފައިވާ ގައުމުތަކަށް މާލީ އެހީތެރިކަން ދިނުން ކަމަށެވެ.
ޗައިނާއިން ސަލާމަތީ އެލަޔަންސަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނައިރު، އެ އެލަޔަންސަކީ ޗައިނާގެ ބައިނަލްއަޤްވާމީ ތަރައްޤީ ކޮންޓްރޯލް ކުރުމަށް ގެންގުޅޭ މެކޭނިޒަމެއް ކަމަށް ޗައިނާއިން ދެކެއެވެ. އެ ގައުމުން ވަނީ އެ ޖަމާއަތަކީ ޗައިނާގެ މަސްލަހަތު ނަގާލުމަށް ހާއްސަ ކޮށްފައިވާ ޖަމާއަތެއް ކަމަށް ތުހުމަތުކޮށްފައެވެ.