ޝިޔާމްގެ ތުހުމަތު: ބްރިޖު މަޝްރޫޢުގެ ނަމުގައި އުޅެނީ ރާއްޖެއަށް އިންޑިއާ ސިފައިން އެތެރެކުރަން

ތިލަމާލެ ބްރިޖް މަޝްރޫޢުގެ ދަށުން ރާއްޖެއަށް އިތުރަށް އިންޑިއާ ސިފައިން އެތެރެކުރަން އުޅޭކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބްރިޖު މަޝްރޫއު ހިންގާ އެފްކޮންސްއިން ވަނީ މާލެ ވިލިމާލެ ގުޅުވާލާ ބްރިޖު އަންނަ އަހަރުގެ ޖުލައި މަހަށް ނިމޭނެކަމަށް ވަނީ ބުނެފައެވެ. އަދި މި އަހަރު ނިމޭއިރު އެ މަޝްރޫޢު ހިންގަން ރާއްޖޭގައި 1000އަށް ވުރެ ގިނަ މުވައްޒަފުން ތިބޭނެކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މިކަމާ ގުޅޭގޮތުން މެންބަރު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އުޅެނީ އިންތިހާބުގެ ކުރިއަށް ބްރިޖް ހެމުދުގެ ނަމުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން އެ ޕްރޮޖެކްޓު ކޯޓާގައި އެތެރެކުރުން ކަމަށެވެ.
"މިހާރު ވެސް ރާއްޖޭގައި އެކި މަސައްކަތްތެރިންގެ ގޮތުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމީ އެންމެން ދަންނަ ހަގީގަތެއް" ޝިޔާމް ވިދާޅުވެފައިވެއެވެ.
ޝިޔާމް މިގޮތަށް ތުހުމަތުކުރައްވާފައިވާ އިރު، އިދިކޮޅުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ޤާއިމްވެ ތިބޭކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިން ކުރަމުންނެވެ.






ކޮމެންޓް