ޚަބަރު ސިޔާސީ

މާރާމާރީއާ އެކު ޖަމީލްގެ ނުރުހުން: މި ފެންނަނީ މިވެރިކަމުގައި ފުލުހުން ފެއިލްވެފައިވާ މަންޒަރު!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އައްޑޫ ސިޓީގައި ރޭ ހިނގި މާރާމާރީއެއްގައި ޒުވާނަކު މަރައިލުމާ ގުޅިގެން، ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު ފުލުހުންގެ މުއައްސަސާއަށާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފާޑުވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަމަން އަމާންކަން ޤާއިމް ކުރުމުގައި އިޚްލާސްތެރިވާންޖެހޭ ކަމަށާއި އިދިކޮޅު މީހުންނަށް އަނިޔާކޮށް ބެނާތައް ނަގާއިރު މި ޤައުމުގެ ހާލަތު ފުލުހުންނަށް ފެނޭތޯ ޖަމީލް ވަނީ ސުވާލު ކުރައްވައިފައެވެ.

މީގެ އިތުރުން މިހާރު ރާއްޖެ ވަނީ ޑްރަގުގެ ހާއްޔަކަށްވެފައި ކަމަށާއި އަދިވެސް ފުލުހުންނާއި ކޮމިޝަނަރ އޮފް ޕޮލިސް ޙަމީދު އަސްލު މަސްޢޫލިއްޔަތު އަދާކުރަން ނުވޭތޯ ވެސް ޖަމީލް ވަނީ ސުވާލު ކުރައްވައިފައެވެ.

ޖަމީލްގެ މި ނުރުހުން ބޮޑަށް އަމާޒުވެފައި މިވަނީ، 'އިންޑިއާ އައުޓު'ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކޮންމެ ރެއަކު މާލޭގައި ކުރިއަށް ގެންދާ އެއްވުންތައް ހުއްޓުވުމަށް ފުލުހުން ނިކުމެ މަސައްކަތް ކުރާތީ ކަމަށް ބެލެވެއެވެ. ފުލުހުން އަންނަނީ މަދު ބަޔަކާ ދެކޮޅަށް ހަރުކަށި ބާރުގެ ބޭނުންކޮށްގެން ވެސް އެއްވުންތައް ރޫޅާލަމުންނެވެ.

ރޭ އައްޑޫ ސިޓީގައި ހިނގި މާރާމާރީއަކީ ގުރޫޕުތަކެއްގެ މެދުގައި ހިނގި ގުރޫޕު މާރާމާރީއެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މި މާރާމާރީއާ މަސްތުވާތަކެއްޗާ ވެސް ގުޅިފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!