Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖެއިން އދ.އަށް ހުށަހަޅައިގެން އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީގެ ގޮތުގައި ކަނޑައަޅައިފި

ރާއްޖެއިން އދ.އަށް ހުށަހަޅައިގެން އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީގެ ގޮތުގައި ކަނޑައަޅައިފި

ޑިޕްލޮމަސީގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހެއް ފާހަގަކުރުމަށް ދިވެހިރާއްޖެއިން އިސްނަގައިގެން ހުށަހެޅި ޤަރާރު އދ.ގެ އާއްމު މަޖިލީހުން ރޭ ފާސްކޮށްފިއެވެ.

ދިވެހިރާއްޖެއާ އެކު، މި ޤަރާރު އދގެ އާއްމު މަޖިލީހަށް ހުށަހެޅި ކޯ ގްރޫޕްގައި ހިމެނެނީ އެލް ސަލްވަޑޯރ، އެރިޓްރެއާ، ގްރެނާޑާ، ގަޔާނާ، ކެންޔާ، ލެޓްވިއާ، ލުބްނާން، މޯލްޓާ، ޤަތަރް، ސެންޓް ލޫޝިއާ އަދި ދެކުނު އެފްރިކާ އެވެ. މި ޤަރާރު ފާސްވުމާއެކު، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަސް ފާހަގަކުރާނީ އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމެސީގެ ގޮތުގައެވެ. މި ޤަރާރު އެކުލަވާލުމުގެ މަސައްކަތް ފެށުނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބާއްވަވަމުން ގެންދަވާ "ހޮށުއަޅި ޑައިލޮގްސް" މަޝްވަރާ ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީގައެވެ.

މި ޤަރާރު އދ.ގެ މަޖިލީހަށް ހުށަހެޅުއްވީ އދ.އަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. ޤަރާރު ހުށަހަޅުއްވަމުން ދެއްކެވި ވާހަކަފުޅުގައި ތިލްމީޒާ ވިދާޅުވީ، މިއީ ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށް، އަންހެނުންނަށް ވެސް ޑިޕްލޮމެސީގައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި މިވަގުތު ހުންނެވި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، މިންތީގެ ހަމަހަމަކަމަށް އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނާއި އަދި ފޮރިން މިނިސްޓަރގެ ހައިސިއްޔަތުން ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

ޤަރާރު ފާސްވުމާ ގުޅިގެން އާއްމު މަޖިލީހާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އަންހެން ޑިޕްލޮމެޓުން ސުލްހައަށް މަޝްވަރާކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ވަރުގަދަކޮށް، ނުރައްކަލާ ތުރާތައް ގިރާކޮށް، ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށާއި، އެކަން ފާހަގަކުރުމަށް ކޮންމެ އަހަރަކު ޚާއްސަ ދުވަހެއް ކަނޑައެޅިގެން ހިނގައްޖެކަމަށެވެ.

އދގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަމީނާ މުހައްމަދު އާއްމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، މިކަމުގައި ދިވެހިރާއްޖެއިން އިސްނެގިކަމަށް ޓަކައި މަރުހަބާ ވިދާޅުވިއެވެ.

ޑިޕްލޮމެސީގައި މަސައްކަތްކުރާ އަންހެނުންގެ ބައިނަލްއަޤްވަމީ ދުވަސް ފާހަގަކުރުމުގެ ޤަރާރު 191 ޤައުމަކުން ކޯ ސްޕޮންސަރ ކުރިއިރު، 85 ޤައުމަކުން ވަނީ ޤަރާރުގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް