ދުނިޔެ

ތުރުކީގެ ޖަންގަލީގައި ރޯވާ އަލިފާން ކޮންޓްރޯލްކުރަން ހުރަސްތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތުރުކީ ވިލާތުގެ ހުޅަނގުދެކުނު ސަރަޙައްދެއްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިލުމަށް މަސައްކަތް ކުރަމުން އެބަދެއެވެ.

Ads by Sosun Fihaara

އެންމެ ބޮޑަށް އަނދަމުންދަނީ ރިސޯޓު ރަށެއް ކަމުގައިވާ މާމަރިސް ކައިރީގައިވާ ޖަންގަލީގެ ސަރަޙައްދުތަކުގައެވެ. އަލިފާންގަނޑު ނިއްވައިލުމަށް ވަޔާއި އެއްގަމު މަގުން ކުރަމުންދާ މަސައްކަތްތަކަށް، ހޫނު ގަދަވުމުގެ ސަބަބުން ވަނީ ހުރަސްތަކާ ކުރިމަތިވެފައެވެ.

މިއީ، ބަޔަކު ގަސްދުގައި ރޯކޮށްލައިފައިވާ އަލިފާންގަނޑުތަކެއް ކަމަށް އެ ޤައުމުގެ ދާޚިލީ ވަޒީރު ސުލައިމާން ސޯއިލޫ ވިދާޅުވިއެވެ. އަދި، އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ކުށަށް އިޢުތިރާފު ވެފައިވާކަމަށް ސޯއިލޫ ވިދާޅުވިއެވެ.

2,881 ހެކްޓަރުގެ ޖަންގަލީގެ ސަރަޙައްދަކަށް އަލިފާންގަނޑު މިހާރު ފެތުރިފައިވާއިރު، އެ ސަރަޙައްދުގައި ވައި ގަދަވުމުގެ ސަބަބުން އަލިފާން ނިންވުމަށް އިތުރު ހުރަސްތަކާ ކުރިމަތިވެފައިވާ ކަމަށް ތުރުކީ ވިލާތުން ބުނެއެވެ. އަދި، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 274 މީހަކު އެހެން ހިސާބުތަކަށް ބަދަލު ކުރަން ޖެހުނު ކަމަށް ވެސް އެ ޤައުމުން ބުނެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް 45 ހެލިކޮޕްޓަރާއި 12 މަތިންދާބޯޓު ބޭނުން ކުރަމުންދާ އިރު، މި މަސައްކަތުގައި 2,600އަށް ވުރެ ގިނަ މީހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މިދިޔަ އަހަރު ވެސް މާމަރިސްގެ ޖަންގަލިތަކުގައި ރޯވެ، އެތައް ހާސް ހެކްޓަރެއް އަނދައި ހުލިވިއެވެ. އެ ހާދިސާއާ ގުޅިގެން، ރައީސް ރަޖަބް ތައްޔިބް އުރުދުޣާންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!