ޚަބަރު އިޖުތިމާޢީ

އަމީނީމަގު ހަދަން ސިޓީ ކައުންސިލާ އެކު އެއްބަސްވުމެއްގައި ސޮއެއް ނުކުރަން: މޫކޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާލޭގެ މަގުތައް ހަދަން ސިޓީ ކައުންސިލުން އާރްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރަނީ. ފޮޓޯ: މިހާރު

މާލޭ އަމީނީމަގު ހަދަން މާލޭ ސިޓީ ކައުންސިލާ އެކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނުވާނެކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

''މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް''ގެ ދަށުން އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށާއި އެހެނިހެން ބައެއް މަގުތައް މަރާމާތުކުރަން ސިޓީ ކައުންސިލުން އާރްޑީސީއާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރުގައެވެ.

ނަމަވެސް ސިޓީ ކައުންސިލުން އާރްޑީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އެ މަސައްކަތް ކުރިއަށްނުދާކަމަށް ބުނެ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަގު ހަދަން ޕްލޭނިންގ މިނިސްޓްރީން އިއްޔެ ވަނީ ހަމަ އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައެވެ. އެ މަަސައްކަތް އާރްޑީސީއާ ހަވާލުކުރީ 84 މިލިއަން ރުފިޔާއަށެވެ. އެއީ ސިޓީ ކައުންސިލާއެކު އެއްބަސްވި އަގަށްވުރެ ދެ ގުނަ ބޮޑު އަދަދެކެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކައުންސިލުން އާރްޑީސީއާ އެކު 39 މިލިއަން ރުފިޔާއަށް ސޮއިކޮށްފައި ވަނިކޮށް މިިނިސްޓްރީން އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ދެ ގުނަ ބޮޑުކޮށް ކަމަށާއި, އެއަށް ކިޔާނީ ކޮރަޕްޝަން ކަމަށެވެ.

މޭޔަރުގެ ވާހަކަތަކާ ގުޅިގެން މޫކޭ ކުރެއްވި ޓުވީޓުތަކެއްގައި ވިދާޅުވީ ‏މާލޭ މޭޔަރު ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި, އަމީނީ މަގު ހަދަން އެއްވެސް އެއްބަސްވުމެއްގައި ސިޓީ ކައުންސިލާ އެކު އާރުޑީސީން ސޮއިކޮށްފައެއް ނުވާނެ ކަމަށެވެ.

''‏އަމީނީ މަގު ހެދުމަށް މިނިސްޓްރީއާ އެކު އާރުޑީސީން ސޮއިކޮށްފައި ވަނީ މުޅިން އައު ޕްރޮޖެކްޓެއްގައި. އެއީ ތަފާތު ސްކޯޕެއްގައި ޑީވޯޓަރިންގްއާއި ސްޓޯމްވޯޓަރގެ މުޅިން އައު ނިޒާމެއް ގާއިމުކޮށް ޖުމްލަ ހައްލެއް އަމީނީ މަގަށް ގެނައުމަށް.'' މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ ‏މޭޔަރު މިނިސްޓަރުކަމުގައި ހުންނަވައިގެން ހަތް އަހަރުވީ އިރު ވެސް އަމީނީ މަގަށް ދާއިމީ ހައްލެއް ގެނެސްދެވިފައިނުވާ ކަމަށެވެ. އަދި ހަތް މަސް ތެރޭގައި ދާއިމީ ހައްލެއް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!