ޚަބަރު

ކުރިން އޮތް ތާއީދެއް ނެތް، ނަޝީދަށް ވެރިކަމަށް އާދެވޭނެ އެއްވެސް ފޯމިއުލާއެއް ނެތް: މޫކޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ އެކު އެމްޑީޕީއަށް ވެރިކަމަށް އާދެވޭނެ އެއްވެސް ފޯމިއުލާއެއް ނެތް ކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މޫކޭ ވިދާޅުވީ، އެމްޑީޕީގެ އާއްމު މެންބަރުންގެ ތެރޭގައި ރައީސް ނަޝީދަށް ކުރީގައި އޮތް ތާއީދެއް މިހާރު ނެތް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ، ރައީސް ނަޝީދު ވިދާޅުވާ ނުޖެހޭ ވާހަކަތައް ވިދާޅުވުމާއި މާ "އަނގަގަދަ" ވުމެވެ.

މޫކޭ ވިދާޅުވީ، ދެން އަންނަ ރިޔާސީ އިންތިޚާބެއްގައި އެމްޑީޕީން ވާދަކޮށް، ވެރިކަމަށް ވަޑައިގަންނަވާނީ މިހާރުގެ ރައީސް، ރައީސް ޞާލިޙް ކަމަށެވެ. އަދި ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ ރިޔާސީ ޓިކެޓާ ގުޅޭ ގޮތުން ވިދާޅުވީ، ރިޔާސީ ޓިކެޓް ކޮންގްރެސްއަކުން އަރުވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޞާލިޙް ވެސް ބޭނުންފުޅު ވާނީ ޕްރައިމަރީއަކަށްދާން ކަމަށާއި ޕްރައިމަރީއަކަށް ގޮސްގެން ވެސް ރައީސް ޞާލިޙަށް ކާމިޔާބު ކުރެވޭނެ ކަމަށް މޫކޭ ވިދާޅުވިއެވެ.

"ޕްރައިމަރީއަކަށް ގޮސްގެން ވެސް ރައީސް ޞާލިޙްގެ ޓިކެޓް ކަށަވަރު ކުރާނެ.. އެތެރޭގެ އިންތިޚާބެއްގައި ރައީސް ޞާލިޙް ބައްޔެއް ނުކުރެވޭނެ އިރާދަކުރެއްވިއްޔާ، ޕްރައިމަރީއެއްގައި ރައީސް ނަޝީދު ކުރިމަތި ލިޔަސް." މޫކޭ ވިދާޅުވީ ރައީސް ނަޝީދާ އެކީގައި ތިއްބަވާ ބޭފުޅުން ވެސް ރައީސް ނަޝީދާ އެކު އެމްޑީޕީއަށް ވެރިކަމަށް އާދެވޭނެކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

"އަނެއްކަމަކީ ރައީސް ނަޝީ ދާއެކުގައި އެމްޑީޕީއަށް ވެރިކަން ހޯދޭނެ އެއްވެސް ފޯމިއުލާއެއް، ބަރުލަމާނީ ވިޔަސް އަދި ކޮމިއުނިޒަމް ވިޔަސް، އެއްވެސް ފޯމިއުލާއެއް ނުފެނޭ އަޅުގަނޑަކަށް ރައީސް ނަޝީދާ އެކީގައި އެމްޑީޕީއަށް ވެރިކަން ހޯދޭނެ"

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!