ޚަބަރު

އަކްރަމް ކަމާލުއްދީން ދެއްކެވި ވާހަކައިގައި ހަގީގަތުގެ ކަންފުޅެއް ވެސް ނެތް: މުއިއްޒު

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

އަމީނީ މަގު ހަދަން ބޭނުން ވަނީ އާދައިގެ ފެންވަރަކަށްކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށް ޕްލޭނިން މިނިސްޓަރު އަކްރަމް ކަމާލުއްދީން ދެއްކެވި ވާހަކަ މުއިއްޒު ދޮގުކުރައްވައިފިއެވެ.

Ads by STELCO

'މާލޭ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް''ގެ ދަށުން އަމީނީ މަގު ހިމެނޭ ގޮތަށް މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އެޅުމަށާއި އެހެނިހެން ބައެއް މަގުތައް މަރާމާތުކުރަން ސިޓީ ކައުންސިލުން އާރްޑީސީއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރުގައެވެ.

ނަމަވެސް ސިޓީ ކައުންސިލުން އާރްޑީސީއާ އެ މަސައްކަތް ހަވާލުކޮށްފައި ވަނިކޮށް އެ މަސައްކަތް ކުރިއަށް ނުދާކަމަށް ބުނެ ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަގު ހަދަން ޕްލޭނިންގ މިނިސްޓްރީން ވަނީ ހަމަ އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައެވެ.

މިކަމާ ގުޅިގެން ސިޓީ ކައުންސިލުން ފާޑު ކިޔުމުން، ރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އަކްރަމް ކަމާލުއްދީން ވަނީ އެ މަސައްކަތް ސިޓީ ކައުންސިލްގެ އަތުން އަތުލީ ރަނގަޅު ފެންވަރަށް ނުހަދާނެ ކަމަށް މުއިއްޒު ވިދާޅުވުމުން ކަމަށް ވިދާޅުވެފައެވެ.

"މުއިއްޒު އާރުޑީސީއާ މަޝްވަރާ ވެސް ކުރެއްވީ ވަރަށް އާދައިގެ ގޮތަކަށް މަގު ހަދަން. އެކަމަކު އަޅުގަނޑުމެން ބޭނުމެއް ނުވޭ އެގޮތަށް ހަދާކަށް. ދެން މުއިއްޒުއަށް ދެންނެވުމުން ވިދާޅުވީ، ތިމަންނަމެން ކައުންސިލަކީ އެނގެއެއްނޫންހޭ، މިއީ ޕީޕީއެމް ކައުންސިލެކޭ، ބޭނުމެއް ނުވެއޭ އަމީނީ މަގު އެހައި ރަނގަޅު ފެންވަރަކަށް ހަދާކަށް. އަޅުގަނޑުމެންނަށް އެނގިއްޖެ ދެން މި މަގު ނުހައްދަވާނެކަން." އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން މުއިއްޒު މިއަދު ވިދާޅުވީ އަކްރަމް ދެއްކެވި ވާހަކައިގައި ހަގީގަތުގެ އެއްވެސް ކަންފުޅެއް ނެތް ކަމަށެވެ.

"އަޅުގަނޑަކަށް އެއް ފަހަރަކު ވެސް ނުގުޅުއްވާ އަމީނީމަގުގެ ވާހަކަ ދައްކާކަށެއް، އަޅުގަނޑަށް ނުގުޅުއްވަނީސް ކިހިނެއްތޯ ދެން އެ ވިދާޅުވާ ވާހަކަ އަޅުގަނޑު ދަންނަވާނީ ވެސް،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޒިންމާދާރު މަގާމެއްގައި ހުންނެވި ބޭފުޅަކު މިފަދަ ގޮތަކަށް ދޮގު ވާހަކަތަކެއް ރައްޔިތުން ގާތުގައި ދެއްކުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!