އެތެރޭގެ އުދުހުންތަކުގެ ރިކޯޑެއް، 3300އަށް ވުރެ ގިނަ މީހުން ރަށްރަށަށް

ރާއްޖޭގެ އެތެރޭގެ އެކި މަންޒިލްތަކަށް މިއަދު ރިކޯޑު އަދަދެއްގެ މީހުން ދަތުރުކޮށްފައިވާކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލުން ބުނެފިއެވެ.
އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނީ އެތެރޭގެ އުދުހުންތަކުގައި މިއަދު އެކަނި 125 ފްލައިޓެއްގައި 3300އަށް ވުރެ ގިނަ މީހުން މިއަދު އެކި ރަށްރަށަށް ދަތުރުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން 3084 ފަސިންޖަރުންނަކީ ގައުމީ އެއާލައިން މޯލްޑިވިއަނުން ދަތުރުކުރި މީހުން ކަމަށް އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާ ވަނީ ވިދާޅުވެފައެވެ.
މި ދުވަސްވަރު އެއާޕޯޓަށް ބާރުބޮޑު ވާތީ އިންޓަނޭޝަނަލް ޓާމިނަލަށް ދާ ފަސިންޖަރުން ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން ޗެކިންވާން ވަނީ އަންގައިފައެވެ. އަދި ޑޮމެސްޓިކް ޓާމިނަލުން ދަތުރުކުރާ ފަސިންޖަރުން ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދާން އިލްތިމާސްކޮށްފައި ވެއެވެ.
އީދު ބަންދާ ގުޅިގެން ރަށްރަށަށް ދާ މީހުންގެ އަދަދު އިތުރުވެ، އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރާ މޯލްޑިވިއަން، މަންޓާ އެއާ އަދި ވިލާ އެއާއިން ވެސް ވަނީ އިތުރު ފްލައިޓުތަކެއް ޝެޑިއުލްކޮށްފައެވެ.
އިތުރު ކުރިކަމެއް ނޭނގޭ، ޖާގަ ނުލިބިގެން މިއުޅެނީ..