ޔޫކްރެއިންގެ ރާއްޖޭ ސަފީރު މަޤާމުން ވަކިކޮށްފި

ހަނގުރާމައިގެ މައިދާނަކަށްވެފައިވާ ޔޫކްރެއިންއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އީގޯ ޕޮލީކާ، މަޤާމުން ވަކިކުރައްވައިފިއެވެ.
އޭނާއަކީ ރާއްޖޭގެ އިތުުރުން އިންޑިއާއަށް ވެސް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރެވެ. އޭނާ މަޤާމާ ހަވާލުވެވަޑައިގެންފައި ވަނީ 2017ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ރޭގެ ވަގުތެއްގައި އޭނާއާއި އިތުރު ސަފީރުން މަޤާމުން ދުރުކޮށްފައި ވަނީ ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ނެރުއްވި ރިޔާސީ ޤަރާރެއްގައެވެ.
އީގޯގެ އިތުރުން، ނޭޕާލް، ބަންގަލަދޭޝް، ސްރީ ލަންކާ، ނޯވޭ، ޗެކް ރިޕަބްލިކް އަދި ޖަރުމަނަށް އެ ޤައުމުން ކަނޑައަޅުއްވާފައިވާ ސަފީރުން ވަނީ މަޤާމުން ވަކިކޮށްފައެވެ.
މަޤާމުން މި ބޭފުޅުން ވަކި ކުރެއްވުމަށް ފަހު ދެއްވި ވީޑިއޯ ބަޔާނެއްގައި ރައީސް ވިދާޅުވެފައި ވަނީ މި ބޭފުޅުން މަޤާމުން ވަކިކުރީ ޚާއްސަ ސަބަބެއް އޮވެގެން ނޫން ކަމަށެވެ.