ޚަބަރު

"ކޮވިޑްގެ އޮޑިޓެއް ހަދައިފި ނަމަ ސަރުކާރުގެ ގިނަ ބަޔަކު ޖަލަށްދާނެ"

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން

ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ކުރި ހޭދަތަކުގެ ފުރިހަމަ އޮޑިޓެއް ހަދައިފި ނަމަ، މި ސަރުކާރުގެ ގިނަ ބަޔަކު ޖަލަށް ދާން ޖެހޭނެ ކަމަށް މި ސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިވަން އޮޑިޓެއްކޮށްފި ނަމަ ގިނަ ބަޔަކު ޖަލަށް ދާން ޖެހޭނެތީ ސަރުކާރުން އެފަދަ އޮޑިޓެއް ހެދުމުގެ ވިސްނުން ނުގެންގުޅޭ ކަމަށެވެ.

"އަދިވެސް އެފަދަ އޮޑިޓެއް ކުރުމުގެ ވިސްނުން ވެސް ނުގެންގުޅޭ. ގޫޑް ގަވަރނަންސްގެ މާނަ ރައީސް އިބޫއަށް ތަރުޖަމާކޮށްދެއްވީ ގޯސްކޮށް." މަލީހު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާ އިރު، ކޮވިޑާ ގުޅިގެން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ކުރި ހަރަދުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަމަށް އެ އިރުގެ އޮޑިޓް ރިޕޯޓުތަކުން ދެއްކިއެވެ.

އެންޑީއެމްއޭގެ ކޮވިޑް-19 ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ އަގަށް ވުރެ މަތީ އަގެއްގައި ދަޢުލަތުން ބައެއްތަކެތި ގަނެފައިވާކަން ވެސް ވަނީ ހާމަވެފައެވެ.

އެ ގޮތުން ކޮންޓްރޯލްކޮށްފައިވާ އަގަށް ވުރެ ބޮޑުކޮށް 16 ރުފިޔާއަށް ހަކުރުކިލޯއެއް ގަނެފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ގެސްޓު ހައުސްތަކުގައި ތިބި ފަރާތްތަކުގެ މަޢުލޫމާތު ކަށަވަރުނުކޮށް ބިލްތަކަށް ފައިސާދައްކައިފައިވާ މައްސަލަތަކެއް ވެސް ފެންމަތިވެފައި ވެއެވެ. މި މައްސަލަ އޭސީސީއިން ވެސް ބަލަން ފެށިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!