ރައީސް ޞާލިޙަކީ ރަސޫލާ ދުޢާ ދެއްވިފަދަ ވެރިއެކޭ ވިދާޅުވީ އިލްޔާސްގެ ''ހިތް'' : އިޔާޟް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ދެއްވާފައިވާފަދަ ވެރިއެއް ވިދާޅުވީ އައްޝައިޚް އިލްޔާސް ޙުސައިންގެ ''ހިތް'' ކަމަށް ޢަދާލަތު ޕާޓީއަށް ނިސްބަތްވާ ޑރ.މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ މެންބަރުން ތިބޭ ވަޓްސްއެޕް ގުރޫޕަކަށް މީހަކު ކުރި މެސެޖެއްގައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ދެއްވާފައިވާފަދަ ބޭފުޅެއްކަމަށް އިލްޔާސް ވިދާޅުވި ޚަބަރު ހިއްސާކޮށްފައެވެ. އެ ގޮތުން އެ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި އިލްޔާސް ވިދާޅުވީ އެ ޚަބަރުގެ ސުރުޚީއަކީ ތެދެއްކަމަށް ގަބޫލުކޮށްގެން އެ ޚަބަރު ފަތުރާ ފަރާތްތަކުން ތައުބާވާންޖެހޭ ކަމަށެވެ. އަދި އެއީ ބަޔަކު ހަދައިގެން ލިޔެފައިވާ ލިޔުމެއް ކަމަށެވެ. އަދި ޚަބަރުގެ ސުރުޚީގައި އޮތް ގޮތަށް އޭނާ ވިދާޅުވެފައިނުވާނެ ކަމަށެވެ.
އިލްޔާސަށް ފާޑުކިޔުން އަމާޒުވުމުން ޑރ.އިޔާޟް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝައިޚް އިލްޔާސްގެ ހިތް ބުނާ ގޮތުން ރައީސް ޞާލިޙަކީ އެފަދަ ސިފަތަކެއް ހުރި ބޭފުޅެކޭ ވިދާޅުވީމާ ކަނޑައެޅިގެން މާނަ އޮޅުންއަރާ ގޮތަށް ފެތުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.
އަދި ޝައިޚް އިލްޔާސްގެ ވާހަކައިގާ އެއްވެސް ގޯހެއް ނެތް ކަމަށާއި, ޝައިޚް ވިދާޅުވެ ދެއްވީ ވެރިއެއްގެ ކިބައިގާ ހުންނަންޖެހޭ ސިފަތައްކަމަށް ވެސް ޑރ.އިޔާޟް ވިދާޅުވިއެވެ.
''ކުރިން ހުންނެވި ބޭފުޅާގެ ކިބައިގާ އެ ސިފަތައް ނެތީމާ ރައްޔިތުން ނޫނެކޭ ބުނަން މަޖުބޫރުވީ.'' ޑރ.އިޔާޟް ވިދާޅުވިއެވެ.
ޑރ.އިޔާޟް އެހެން ވިދާޅުވި ނަމަވެސް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކެމްޕޭނަށް އައްޑޫ ސިޓީގެ ހިތަދުއަށް ވަޑައިގެން އިލްޔާސް ވަނީ ރައީސް ޞާލިޙާއި ނައިބު ރައީސް ފައިސަލް ނަސީމަކީ ރަސޫލާ ދުޢާ ދެއްވާފައިވާފަދަ ވެރިން ކަމަށް ވިދާޅުވެފައެވެ.






ކޮމެންޓް