ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު 145 މީހަކަށް ނަސޭހަތް ދީފި

ކާފިއުގެ ވަގުތުގައި ބޭރުގައި އުޅުނު 145 މީހަކަށް ނަސޭހަތް ދީފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެ ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ހަމައަށް ބޭރުގައި އުޅުނު 145 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި އޮތް ފުރަބަންދަށް ދިން ލުއިތަކާއެކު ކޮވިޑް-19ގެ ބަލިޖެހޭ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވެ ނުރައްކާވަނީ ބޮޑުވެފައެވެ. އެހެންކަމުން ދީފައިވާ ބައެއް ލުއިތަކަށް ސަރުކާރުން މިވަނީ ބަދަލުތައް ގެންނަން ފަށާފައެވެ.
އެގޮތުން މާލޭގައި ޢާއްމުކޮށް ބޭރަށް ނުކުމެ އުޅުމަށް ދީފައިވާ ލުއިތަކަށް ބަދަލުގެނެސް އިއްޔެއިން ފެށިގެން ރޭގަނޑު 22:00 އާއި ފަތިހު 5:00 އާ ދެމެދު ބޭރުގައި އުޅުން ވަނީ މަނާ ކޮށްފައެވެ. އަދި އެ ވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާއެކު ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.