29th September 2024, Sunday

ޚަބަރު

އިންޑިއާގެ އިންވެސްޓަރުންނަށް ރައީސް ޞާލިޙްގެ ދައުވަތެއް؛ ދެއްވީ ފަހި މާހައުލެއް އޮންނާނެ ކަމުގެ ޔަޤީންކަން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ވިޔަފާރިވެރިންނަށް ވިޔަފާރީގެ ފުރުސަތުތައް ހޯދުމަށް ރާއްޖެއަށް އައުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ދައުވަތު ދެއްވައިފިއެވެ. ރައީސް ޞާލިޙްވަނީ ރާއްޖޭގައި ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

Ads by STELCO

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު އެމަނިކުފާނު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ނިއުދިއްލީގައި ބޭއްވި އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކޮވިޑް-19 އަށް ފަހު ރާއްޖެގައި ޑައިނެމިކް ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ. މިގޮތުން ސަރުކާރުން ބޭނުންވަނީ ތަފާތު އަދި މޫސުމާ ރައްޓެހި އިގްތިސާދެއް ބިނާކުރުމަށް ކަމަށާއި މިިކަން ކުރުމަށް ފުޅާ ދާއިރާއެއްގައި ފައިދާހުރި އިންވެސްޓްމަންޓް ފުރުސަތުތައް އެބަހުއްޓެވެ.

އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތްވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫޢަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލުކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންގެންދާ މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކޮށް ޤުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުންދިޔަ ޤުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިޔަށްގެންދިއުމަށްވެސް ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމުގައެވެ. އެގޮތުން މޯލްޑިވްސް - އިންޑިއާ ޕާރޓްނަރޝިޕަކީ ދެ ޤައުމުގައި ހުރި ތަފާތު ވަޞީލަތްތަކާއި ދެ ޤައުމުގެ ސައިޒުގެ ގޮތުން ދެ ޤައުމުގެ ކުރިއެރުމަށްވެސް ފައިދާކުރަނިވި ނަމޫނާ ޕާރޓްނަރޝިޕެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނު ވަނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، އިންޑިއާއާއެކު ގާތް ރަޙްމަތްތެރި ގުޅުމެއް ބޭއްވުމަށްކަން ފާހަގަކުރައްވާފައެވެ.

އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!