ޚަބަރު

ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވީ އޮފިޝަލް ދަތުރުފުޅެއް, އެރުވީ ސްޓޭޓް ދަތުރުފުޅެއްގެ އިއްޒަތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އާއްމުކޮށް އޮފިޝަލް ދަތުރުފުޅެއްގައި ހިމަނިވަޑައިނުގަންނަވާ އިއްޒަތް ރައީސް ޞާލިޙަށް އަރުވައިފިއެވެ.

Ads by Sosun Fihaara

ރައީސް ޞާލިޙަށް މަރުޙަބާ ކިޔަން މިނިސްޓަރެއް ނުވަތަ އެ ފެންވަރުގެ ބޭފުޅެއް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ބުނެ، ޔޫނިއަން މިނިސްޓަރެއް މަރުޙަބާ ދަންނަވަން ވަޑައިގަތުމުން، ރާއްޖޭގެ އަގު ވެއްޓުނީ ކަމަށް ބައެއް ފަރާތްތަކުން މީސްމީޑިއާގައި ދަނީ ޚިޔާލު ފާޅު ކުރަމުންނެވެ.

ކުރިން ދެންނެވި ގޮތަށް، ސަރުކާރުގެ އިސް ފަރާތަކުން ވެރިޔަކަށް މަރުޙަބާ ދަންނަވާ ބޮޑު ރަސްމިއްޔާތެއް ބާއްވަނީ އެއީ ސްޓޭޓް ދަތުރުފުޅެއް ކަމަށްވާނަމެވެ. ސްޓޭޓް ދަތުރުފުޅެއްނަމަ މަރުޙަބާ ދެންނެވުމުގެ ގޮތުން ހަފްލާއެއް ބާއްވާނެއެވެ. ރައީސް ޞާލިޙް ވެރިކަމާ ހަވާލުވެ ވަޑައިގެން 2018 ވަނަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި އިންޑިއާއަށް ސްޓޭޓް ދަތުރުފުޅެއްގައި ވަނީ ވަޑައިގެންފައެވެ.

2018 ވަނަ އަހަރު ޑިސެންބަރު 16ގައި ރައީސް ޞާލިޙް އިންޑިއާއަށް ކުރެއްވި ސްޓޭޓް ވިސިޓް..

އެ ދަތުރުފުޅުގައި ރައީސް ޞާލިޙަށް ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފައެވެ. އަދި މަރުޙަބާ ދެންނެވުމަށް އިތުރު ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދިޔައެވެ.

ޤައުމެއްގެ ވެރިޔަކު އާއްމު ގޮތެއްގައި އެހެން ޤައުމަކަށް ކުރާ ފުރަތަމަ ދަތުރަކީ ސްޓޭޓް ދަތުރުފުޅެކެވެ. މާނައަކީ އެ ޤައުމަކުން އެ ވެރިޔަކަށް އަރުވާނީ އެންމެ މަތީ މެހެމާންދާރީއެވެ. ހުރިހާ އިންތިޒާމެއް ވެސް ހަމަޖައްސާނީ އެ ޤައުމަކުންނެވެ.

ޤައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށްފަހު ދެން އާއްމުކޮށް ރައީސުން ކުރައްވާނީ އޮފިޝަލް ދަތުރުފުޅެވެ. މިފަދަ ދަތުރުފުޅުގައި އާއްމުކޮށް މާގިނަ ހަފްލާތަކެއް ނޯންނާއެވެ. އެއީ ދެ ޤައުމެއްގެ އިސްވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ކުރާ ދަތުރުތަކެވެ.

ރައީސް ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވަނީ އޮފިޝަލް ދަތުރުފުޅެކެވެ. ނަމަވެސް، މިފަހަރު ރައީސް ޞާލިޙް އިންޑިއާއަށް ވަޑައިގަތުމުން ވެސް ވަނީ މަރުޙަބާ ކިޔަން ކޮންމެސް ވަރެއްގެ ހަފްލާއެއް ބާއްވާފައެވެ. މަރުޙަބާ ދެންނެވުމަށް ޔޫނިއަން މިނިސްޓަރ ފޯ ފިޝަރީޒް، އެނިމަލް ހަޒްބެންޑްރީ އެންޑް ޑައިރީން ޑރ.ސަންޖީވް ބަލްޔަން ވަޑައިގަތްއިރު މަރުޙަބާ ކިޔާފައިވަނީ ރަތް ދޫލައިގައެވެ.

މިހާރު އިންޑިއާއަށް ރައީސް ޞާލިޙް ކުރައްވާ ދަތުރުފުޅުގައި އިންޑިއާއިން މަރުޙަބާ ދެންނެވީ ރަތް ދޫލައިގައި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ދަށް ފެންވަރެއްގެ މިނިސްޓަރަކު ވަޑައިގަތްކަމަށް ބުނެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގޮތަށް ކަންތައް ކުރަނީ، ޤައުމަކުން އެ ފަރާތަކާއި މެދު ހިތްހަމަނުޖެހުމެއް އޮތްކަން ދައްކަން ނޫނީ އެމީހަކަށް އެހާބޮޑަށް އިހުތިރާމުކުރާކަން ނޫނީ މުހިންމުކަން ނުދޭކަން ދެއްކުމަށެވެ. އަދި އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތް ރައީސް ޞާލިޙަށް ނުހުއްޓުވޭތީ އިންޑިއާއިން ކަންބޮޑުވާ ކަމަށް ނޫސްތަކުން ރިޕޯޓްކުރިއެވެ.

ނަމަވެސް އާއްމުކޮށް ކުރާ އޮފިޝަލް ދަތުރުފުޅުތަކުގައި މިފައިން މަރުޙަބާ ދެންނެވުމެއް ނޯވެއެވެ. މިކަން އިންޑިއާގެ މީޑިއާތަކުން ވެސް ވަނީ ފާހަގަކޮށްފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދްރޫޕަދީ މުރްމޫއާ ވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ރައީސް ޞާލިޙްގެ ޝަރަފުގައި ޚާއްސަ ޖާފަތެއް އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ އަރުވާފައެވެ.

އާއްމުކޮށް ޤައުމުތަކުގެ ވެރިން އެހެން ޤައުމަކަށް ކުރައްވާ ދަތުރުފުޅުތަކުގައި މިފަދަ ކަންކަމެއް ނުހިނގައެވެ. މި އަހަރު އޭޕްރީލް މަހު، ބޮޑު ވަޒީރު މޯދީގެ ދައުވަތަކަށް އިންޑިއާއަށް ވަޑައިގަތް ނޭޕާލްގެ ބޮޑު ވަޒީރު ކުރެއްވި އޮފިޝަލް ދަތުރުގައި ވެސް މިފަދަ އިއްޒަތް ދެއްވާފައެއް ނުވެއެވެ.

ރައީސް ޞާލިޙް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިއްޔެ އެމަނިކުފާނުވަނީ ތިލަ މާލެ ބްރިޖް މަޝްރޫއު، މޯދީއާއެކު ފައްޓަވާ ދެއްވާފައެވެ. އިއްޔެ އޮތް ޚާއްސަ ހަފްލާގައި ރާއްޖެއިން ވަނީ ހަ ދާއިރާއަކުން އިންޑިއާއެކު ގުޅުން ބަދަހި ކުރަން އެއްބަސްވެފައެވެ. އަދި އިންޑިއާއިންވަނީ 100 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ރާއްޖެއަށް އިތުރުކޮށްދީފައެވެ.

Ads by Allied Insurance
  1. މުހައްމަދު

    މިއަކު މީހަކު ހައިރާން ވާވަރުގެ ކަމެއް ނެތް، ބަލަގަ އިންޑިއާއިން ބަލަނީ ދިވެހި ރާއްޖެ މީ އެމީހުންގެ ސްޓޭޓް އެއް ކަމަށް، ސަރުކާރުން ވެސް ޤަބޫލުކޮށް އަމަލުތައް ހުރިތަން ފެންނަނީ އެހެން

  2. ނުރަބޯ

    އަޖައިބެއް. އެބައެއްގެ ޕަޕެޓުންނަށް އެބަޔަކު އަރުވާނީ އެބަޔަކު ބޭނުންވާ ފެންވަރުގެ ޢިއްޒަތެއް ނޫންބާ؟