ޚަބަރު ސިޔާސީ

ނާޒިމް ދޫކޮށްލާފައި ބަހައްޓައިފިނަމަ އެތަކެއް ފިރިހެން ކުދިންގެ ޒަމާން ހިނގައިދާނެ: މޮސްޓާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނާޒިމް ޢަބްދުއްސައްތާރު ދޫކޮށްލާފައި ބެހެއްޓުމަކީ އެތަކެއް ފިރިހެން ކުދިންގެ މުސްތަގުބަލު ބަނަވެގެން ހިނގައިދާނެކަމެއް ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނާޒިމާއި, ކުރީގެ މެންބަރު ކާނަލް މުޙައްމަދު ނަޝީދާއި, ފުލުސް އޮފިސަރު ޢަބްދުއްރަޙްމާން ރަފީޢު އިއްޔެ ވަނީ ދޫކޮށްލައިފައެވެ. ފުލުހުން ބުނީ އެ މީހުން ދޫކޮށްލީ ޕީޖީ އޮފީހަށް އެ މީހުންގެ މައްސަލަ ފޮނުވުމަށްފަހު, އިތުރަށް އެ މީހުން ބަންދުގައި ބައިތިއްބަން ނުފެންނަކަމަށް ޕީޖީ އޮފީހުން ބުނުމުން ކަމަށެވެ.

މޮސްޓާ ވިދާޅުވީ ފިރިހެނުންނާއި ފިރިހެން ކުދިންގެ ރައްކާތެރިކަމަށް މިހާރުން މިހާރަށް ނާޒިމް ހިފާ ހައްޔަރުކުރަން ޖެހޭނެ ކަމަށާއި, ނޫނީ އެތަކެއް ފިރިހެން ކުދިންގެ މުސްތަގުބަލް ބަނަވެގެން ހިނގައިދާނެ ކަމަށެވެ.

''މިއަދު ފުލުހުންނަށް މުހިންމު ނުވި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން. މީ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ވީމަތަ.'' މޮސްޓާ ވިދާޅުވިއެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި ނާޒިމް ދޫކޮށްލަން ނިންމީ ޕާސްޕޯޓު ހިފަހައްޓާފައިވާކަން ކަށަވަރު ކުރުމަށްފަހުއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!