ޔޯގާ ހަމަނުޖެހުން: ސިފަ ބަދަލުކޮށްގެން އުޅެނިކޮށް ހައްޔަރުކުރި މީހާ ދޫކޮށްލައިފި

އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ގުޅިގެން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކު ދޫކޮށްލައިފިއެވެ.
ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިއްޔެ ދޫކޮށްލީ އަޙްމަދު އަކްސަމް (25 އ) ކިޔާ މީހެކެވެ. އޭނާ ބަންދުން ދޫކޮށްލަން ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ ސިފަ ބަދަލުކޮށްގެން އުޅެނިކޮށެވެ. އަދި އޭނާ އުޅުނީ އޭނާގެ ފޯނު ވެސް ބަދަލުކޮށްގެންނެވެ.
އަކްސަމް ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުންގެތެރެއިން މިހާރު ބަންދުގައި ތިބީ ހަތް މީހުންނެވެ.