ދުނިޔެ

ތުރުކީން އިސްރާއީލާއެކު ގުޅުން ޤާއިމް ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ތުރުކީ އާއި އިޒްރޭލުގެ ގުޅުން ގޯސްވެފައި އޮންނަތާ އެތައް އަހަރެއް ފަހުން ސިޔާސި ގުޅުންތައް އަލުން ގާއިމުުކުރުމަށް ނިންމައި އެކަން އިއްޔެ އިއުލާނުކޮށްފިއެވެ.

Ads by Sosun Fihaara

އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލަޕިޑް ވަނީ ސަރަހައްދީ ހަމަޖެހުމާއި ސަލާމަތަށް މިއީ މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފަ އެވެ.

ލަޕިޑްގެ އޮފީހުން ވަނީ މި ނިންމުމާ އެކު، ކުރިން އަނބުރާ ގެނެސްފައިވާ ސަފީރުން ދެ ފަރާތުން ވެސް އަލުން ފޮނުވައި ވައިގެ ސީދާ ދަތުރުތައް ވެސް އަލުން ފަށާނެ ކަމަށް އިއުލާނުކޮށްފަ އެވެ.

މި ކަންކަމަށް އެއްބަސްވެފައިވަނީ ލަޕިޑް އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ފޯނުން ބޭއްވެވި މަޝްވަރާތަކަށް ފަހުގަ އެވެ. މި މަޝްވަރާތަކުގައި ވިޔަފާރި އާއި އިގްތިސާދީ ރޮނގުން ގުޅުން ބަދަހިކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.

އިޒްރޭލާއި ތުރުކީގެ ގުޅުން ގޯސްވާން ފެށީ އިޒްރޭލުން 2008 ވަނަ އަހަރު ގާޒާއަށް ދިން އަނިޔާވެރި ހަމަލާތަކަށް ފަހުގަ އެވެ. އޭގެ ފަހުން ގުޅުން ގޯސްވަމުން ގޮސް ސިޔާސީ ގުޅުން ހުއްޓުމަކަށް އައީ 2010 ވަނަ އަހަރު ގާޒާ ހިސާރުކޮށްފައި އޮއްވައި އެތަނަށް އަސާސީ މުދާ ހިފައިގެން ވަންނަން އުޅުނު ތުރުކީގެ އުޅަނދަކަށް އިޒްރޭލުން ހަމަލާދީ އާންމުންގެ 10 މީހަކު މަރާލި ހާދިސާއާ އެކުގަ އެވެ.

ގުޅުން ރަނގަޅުކުރަން 2016 ވަނަ އަހަރު އަލުން މަސައްކަތް ފަށާފައި ވަނިކޮށް އަނެއްކާވެސް 2018 ވަނަ އަހަރު ތުރުކީން ވަނީ އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކަށް ހަމަލާދީ މެރި މައްސަލާގައި އިޒްރޭލުގެ ސަފީރު ފޮނުވާލައި އިޒްރޭލުން ތުރުކީގެ ސަފީރު އަނބުރާ ގެނެސްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!