ދަރިމައިނުވުމުގެ މައްސަލައިގެ ފަރުވާ ހަމަޖައްސަން ޤަރާރެއް

ދަރިމައިނުވުމުގެ މައްސަލަތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭން އެދި އެ ފަރުވާ އާސަންދައިގައި ހިމަނަން ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
އެ ޤަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ޤަރާރުގައި ބުނެފައިވަނީ ރާއްޖޭގެ އިޖުތިމާޢީ ސިއްހީ އިންސުއަރެންޝްގެ ޤައުމީ ނިޒާމު މިހާރު ބައްޓަންވެފައި އޮތް ގޮތުން ދަރިމައިނުވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް އެ ނިޒާމުގެ ދަށުން ހަނިވެފައިވާ ކަމަށެވެ.
އަދި ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާ ހޯދާ ފަރާތްތަކަށް ލިބެންޖެހޭ ބައެއް ބޭސް ރާއްޖެއިން ހޯދަން އުނދަގުލާ ކުރިމަތިވާ ކަމަށާއި, އެ ފަރާތްތަކުން އެކަން ފާހަގަކުރާ ކަމަށެވެ. އަދި ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދޭ ބައެއް އަސާސީ ބޭސްތައް ވެސް އާސަންދައިން ކަވަރު ނުކުރާ ކަމަށެވެ.
މީގެ އިތުރުން ދަރިމައިނުވުމުގެ މައްސަލައަށް ޚާއްސަ ކުރެވިފައިވާ ސްޕެޝަލިސްޓުންގެ ޚިދުމަތް ހޯދުމަކީ ވެސް ދަތިކަމެއް ކަމަށާއި, އެ މައްސަލައާ ގުޅޭ ގޮތުން ރަނގަޅު ފެންވަރެއްގެ ދިރާސާއެއް ހެދިފައިނުވާކަމަށް ވެސް ޤަރާރުގައި ބުނެފައިވެއެވެ.
ޤަރާރުގެ މަގުސަދަކީ އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމުގެ ހުރިހާ މަރުހަލާތައް އާސަންދައިން ލިބޭ ގޮތް ހެދުން ނޫން ކަމަށާއި, އިންފާޓިލިޓީ ޓްރީޓްމަންޓަކީ ހަމައެކަނި އައިވީއެފް ނޫންކަމަށް މީކާއީލް ވިދާޅުވިއެވެ.