ޚާއްސާ ޕެކޭޖުތަކާއެކު އުރީދޫގެ ފައިބާ ސުޕަނެޓް ބާރަށަށް
ސަތޭކަ އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ހއ. ބާރަށަށް މިއަދު ތައާރަފްކޮށްފިއެވެ.
ބާރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު މި ޚިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބާ ސުޕަނެޓް ކަނެކްޝަނަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް 300 ޖީބީގެ ބޯނަސް ޑޭޓާ ފުރަތަމަ ތިން މަހަށް ލިބޭނެ އިންތިޒާމު އުރީދޫން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން، އުރީދޫ ވޯލްޑް ކަޕް ފޯރި ކެމްޕެއިންގެ ދަށުން، އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މި ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗެއް ގަތަރުގައި ލައިވްކޮށް ބަލާލުމުގެ ފުރުސަތު ލިބޭ ލަކީ ޑްރޯ ގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ފައިބާ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ޚިދުމަތާއެކު މިވަގުތު މާކެޓްގައި ހުރި އެންމެ ފުރިހަމަ ޕްލޭންތައްކަމަށެވެ.
"ހަމަ އެއާއެކު ސުޕަނެޓްގެ ޚިދުމަތް އަލައް ނަންގަވާ ފަރާތްތަކަށް ގަތަރުގައި މި އަހަރު ބާއްވާ ވޯލްޑް ކަޕް ގެ ސެމީ ފައިނަލް މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވެސް އިތުރަށް ހުޅުވިގެންދާނެ. އަޅުގަނޑުމެންގެ އަމާޒާ އެއްގޮތަށް ރާއްޖޭގެ ހުރިހާ ހިސާބަކައް ވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް އޮތްތަނުގައި ވެސް ކުރިއަށްދާނެކަމުގެ ޔަގީންކަންއަރުވަން." އޭނާ ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސްގުނަ އިތުރު ސްޕީޑާއެކު 100 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ. މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ޚިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާ އަށް އިތުރުވާނެއެވެ.
ބާރަށުގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބޭނެއެވެ.. މި ޚިދުމަތް ހޯދުމަށް ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު މި ލިންކުން ލިބޭނެއެވެ.