ލަވަކިޔުންތެރިޔާ ފާލިހު 1438އާ ގުޅިއްޖެ

މޯލްޑިވިއަން އައިޑަލުން ވިދާލި ފާލިހު އާދަމް މަޝްހޫރު ބޮޑުބެރު ގުރޫޕް 1438އާ ގުޅިއްޖެ އެވެ.
ފާލިހު އެ ގުރޫޕާ ގުޅުނުކަން ހާމަކުރީ މީގެ ދެ ދުވަސް ކުރިންނެވެ.
ފާލިހަކީ މިހާރު ވެސް ރިސޯޓު މިއުޒިކުގެ ދާއިރާގައި ވިދުންގަދަ ތަރިއެކެވެ. ނަމަވެސް މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުގައި ހަތަރުވަނަ ހޯދި ފާލިހު މީގެ ކުރިން ބޮޑުބެރު ގުރޫޕަކާ ގުޅިފައެއް ނުވެއެެެވެ.
މިކަމާ ގުޅިގެން 1438ގެ މާކެޓިން މެނޭޖަރު ހާމިމް އިމްތިޔާޒް “ދެން”އަށް ބުނީ ފާލިހު ގުރޫޕާ ގުޅުމަކީ ގުރޫޕަށް ލިބުނު އިތުރު ފުރިހަމަކަމެއް ކަމަށެވެ. އަދި ފާލިހުއާއެކު ގުރޫޕުގެ އައު އުފެއްދުންތަކެއް ވެސް ފެންނާނެ ކަމަަށް އޭނާ ބުންޏެވެ.
ބޮޑުބެރުގެ އިތުރުން، 1438ގެ މިއުޒިކު ވިންގަށް ވެސް ފާލިހު ގުޅުމާއެކު އިތުރު ހިތްވަރެއް ލިބިފައިވާކަމަށް އޭނާ ބުނެއެެވެ.
1438އާ ފާލިހު ގުޅުނު ނަމަވެސް އަދި އެ ގުރޫޕާއެކު ޕާފޯމް ކޮށްފައެއް ނުވެއެވެ. އެ ގުރޫޕުން ބުނާ ގޮތުގައި އެ ޝޯއަކީ ސަޕޯޓަރުންނަށް ސަޕްރައިޒެކެވެ.