އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ މަގާމުން ލައިޒާ އިސްތިއުފާ ދެއްވައިފި

އިންތިގާލީ އިންސާފުގެ އޮފީހުގެ އޮމްބަޑްސްޕާސަން ކަމުގެ މަޤާމުން މަރިޔަމް ލައިޒާ އިސްތިއުފާ ދެއްވައިފިއެވެ.
ލައިޒާ އިސްތިއުފާ ދެއްވުމާއި ގުޅިގެން ދެން މިހާރު އެ އޮފީހުގައި ތިއްބަވާނީ ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފްގެ އިތުރުން ކުރީގެ އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލް ޖިހާދާ އަނީސްއެވެ.
އިންތިގާލީ އިންސާފުގެ އޮފީހަށް އޮމްބަޑްސްމަނުން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.