އެމްޑީޕީއަކީ އޭނާ އުފެއްދެވި ޕާޓީއެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން އޮތް ފުރުސަތަކީ އެހެން ޕާޓީއަކާ ގުޅިވަޑައިގެން, އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށްވުންކަމަށް ވާނަމަ ޖުމްހޫރީ ޕާޓީ ދޫކުރައްވާފައި އެ ފުރުސަތުގެ ބޭނުން ހިފާނަންތޯ, ރާއްޖެ ޓީވީގެ ''ފަށާއިރު'' ޕްރޮގްރާމުގައި ސުވާލުކުރުމުން ޤާސިމް ވިދާޅުވީ ''ނުކުރާނަން'' ކަމަށެވެ.
އެ ގޮތަށް ކަންތައް ކުރައްވާނެނަމަ މާ ކުރިން އެމްޑީޕީގައި ވެސް އެ ފުރުސަތު ލިބިވަޑައިގަތީސް ކަަމަށާއި, އެ ޕާޓީއަކީ އޭނާ އުފެއްދެވި ޕާޓީއެއްކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.
''އެމްޑީޕީއަކީ އަޅުގަނޑު އުފެއްދި ޕާޓީއެއް. އެމްޑީޕީގަ ފުރަތަމަ ސޮއި ވެސް ކުރީ އަޅުގަނޑު. ފުރަތަމަ 42 މީހުން ސޮއިކުރިއިރު އެކަން ބޭރުގަ އިފްތިތާހު ކުރީ ވެސް އަޅުގަނޑު އެކަމަށް އެހީތެރިވެދީގެން. އެހެންވީމަ އަޅުގަނޑު ކޮންމެހެން އެ ވާހަކަ ދައްކާކަށް ނެތިން.''
''އަޅުގަނޑު ބޭނުމެއް ނޫން އެ ތާގަ ހުންނަ ރައީސް ނަޝީދާ ތަޅާފޮޅާކަށް. ތަޅާފޮޅާ އަރައިރުންވާކަށެއް. އަޅުގަނޑު މީ އެކަހަލަ ކަމެއް ނެތިގެން އުޅޭ މީހެއް ނޫން.''
ޤާސިމް ވިދާޅުވީ އޭނާގެ އެޖެންޑާއަކަށް އޮތީ އިސްލާހީ މަސައްކަތް ކަމަށެވެ. އަދި އޭނާއަކީ އެއްވެސް މީހަކާ ދިމާކޮށްގެން މަސައްކަތް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ.
ރާއްޖޭގެ ދެވަނަ ސިޔާސީ ޕާޓީ އެމްޑީޕީ އުފެއްދީ 25 ޖޫން 2005 ގައި ލަންކާގައެވެ. ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީއަކީ އަމީންދީދީ މޭސްތިރިކަމުގެ ދަަށުން އުފެއްދެވި
”މުތަޤައްދިމު ޕާޓީ“ އެވެ. އެ ޕާޓީ އުފެއްދެވީ 1951 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހުއެވެ. އެ ޕާޓީގެ އެންމެ މުހިންމު މަގުސަދެއް ކަމަށްވީ ދިވެހި ޤައުމާއި, ރައްޔިތުންނަށް ފައިދާހުރި ގޮތެއް ހޯދައިދިނުމަށްޓަކައި މަސައްކަތްކުރުންކަމަށް އަމީންދީދީ ވިދާޅުވެފައި ވެއެވެ.
މިހާރު ތަންކޮޅެއް އަނގަ ގަދަވެއްޖެ