މައުމޫނު މަސައްކަތް ކުރެއްވީ އިޚްލާސްތެރި ނިޔަތެއްގަ, ބަޔަކު މިީހުން އެ ބޭފުޅާގެ މަގު އޮޅުވައިލީ: ޤާސިމް

ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމު ރައީސްކަމުގައި ހުންނެވިއިރު މަސައްކަތް ކުރެއްވީ އިޚްލާސްތެރި ނިޔަތެއްގައިކަމަށާއި, ނަމަވެސް ބަޔަކު މީހުން ޕްރެޝާރކޮށްގެން މަގުއޮޅުވައިލީކަމަށް އެ މަނިކުފާނުގެ ޒަޢާމަތުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ''ފަށާއިރު'' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ ރައީސް މައުމޫން ބޭނުންފުޅުވަނީ އޭރު ޤައުމާއިގެން ކުރިއަށް ވަޑައިގަންނަވަން ކަމަށާއި, ނަމަވެސް ބޭފުޅާއަށް އެހެން މީހުން ޕްރެޝާރކޮށްގެން މަގު އޮޅުވައިލީ ކަމަށެވެ.
''ރައީސް މައުމޫން ބޭނުންފުޅުވަނީ އޭރު ޤައުމާއިގެން ކުރިއަށްދާން. ވަރަށް ރަނގަޅަށް އިޚްލާސްތެރި ނިޔަތެއްގަ އެ މަނިކުފާނު. އަޅުގަނޑަށް ޔަޤީން އަޅުގަނޑު ފިނޭންސްގަ ހުރިއިރު.''
''އެ ބޭފުޅާއަށް އެހެން މީހުން ޕްރެޝާރކޮށްގެން މަގު އޮޅުވައިލީ. ދެން ކީއްކުރާނީ. އެހެންވުން ދެން ވީ ވުން އެއީ ތަޤުދީރުގަ އޮތް ގޮތްވީމާ އެހެންވީކަމަށް ދެން ބެލެވެން އޮތީ. އެހެންނޫނީ އެހެންވެގެނެއް ނުވާނެ. އޭނަގެ ތިމާގެ ބޭފުޅުން އެ ވަގުތަށް ޕްރެޝާރކޮށްލީމަ ދީލައިލެވުނީ.''
މައުމޫނުގެ ލެގަސީއާ ހުރިހާ އެއްޗެއް ގެއްލުނީ އެ ހިސާބުންކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް މި ވާހަކަ ދެއްކެވީ މައުމޫނުގެ ދައުރުގައި ހިންގަވަން އުޅުނު ބައެއް މަޝްރޫޢުތަކަށް, އޭރު ސަރުކާރުގައި ތިިބި ބައެއް ބޭފުޅުން ހުރަސްއެޅުއްވިކަން ފާހަގަކުރައްވައި ދެއްކެވި ވާހަކައިގައެވެ.






ކޮމެންޓް