ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުން އިސްލާމީ ހެޔޮ ވެރިކަމެއްގެ ސިފަ ކިތަންމެހައި ވެސް ރަނގަޅަށް ފެންނަކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު ޝައިޚް އިމްރާން ރޭ ވިދާޅުވީ ބައެއް ބޭފުޅުންނަށް ގަބޫލުފުޅު ކުރައްވަން ކިތަންމެ ދަތިފުޅުވިޔަސް ރައީސް ޞާލިޙްގެ ކިބައިގައި މަޝްވަރާކުރުމުގެ އަޚުލާގު ހުރިވަރާ ގާތަށް ވެސް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ކިބައިގައި އެ އަޚުލާގު ނެތްކަމީ އެ ދެ ބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންވާ އެންމެން ދަންނަ ޙަޤީޤަތެއް ކަމަށެވެ.
އެ ޓުވީޓަށް ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް, ޝިފާޢު ވިދާޅުވީ ބައެއް ބޭފުޅުންނަށް ބަލަން އުނދަގޫވިޔަސް އިސްލާމީ ހެޔޮވެރިކަމެއްގެ ސިފަ, ރައީސް ޞާލިޙްގެ ވެރިކަމުން ކިތަންމެ ރަނގަޅަށް ވެސް ފެންނަމުންދާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން އެ ސިފަތަކާ ދުރުވުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.